Advertisement
ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 12:41
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް
ރާއްޖެއެމްވީ
ރިޔާޒުގެ ޝަރީއަތް
ރިިޔާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިމްތިޔާޒް ގާނޫނާ ޚިލާފަށް، ދައުވާ ސާބިތެއް ނުވޭ!
ރިޔާޒު ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް
ތަރުތީބުވެގެން އަންނަ ހުރިހާ ކަމެއް ބާތިލް- ހެކި ބާތިލް
ފުލުހުންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލި ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ރިޔާޒުގެ މައްޗަށް އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އުފުލި ދައުވާގައި ބުނެފައިވަނީ ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:39 ހާއިރު ކޯޓް އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ފޯނުގެ ލޮކް ކޯޑް ދިނުމަށް އެދުމުން ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާތީ، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާ ކަމަށެވެ.

ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ދޭން ފުލުހުން އެންގީ އޭނާ ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން، ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްފަހު އެވެ.

އެ މައްސަލައިގައި ހުކުމް އިއްވުމަށް އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި، މައްސަލަ ބައްލެވި ގާޒީންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ  ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކުގެ ގާނޫނުގެ ދަށުން ކުށުގެ ވެށިން ނޫން ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނީ ޕްރޮސެިއުޓާ ޖެނެރަލް މެދުވެރިކޮށް ހޯދާ އަމުރެއްގެ ދަށުން ކަމަށެވެ. އެހެންނަމަވެސް، މާޗް މަހުގެ 27 ވަނަ ދުވަހު ރިޔާޒުގެ ފޯނު ބެލުމުގެ ދަށަށް ގެންދިއުމަށް ކޯޓުން ނެރުނު އަމުރު ތަންފީޒްކުރުމަށް ގޮސް، އިމްތިޔާޒްތަކުގެ ގާނޫނާ ޚިލާފަށް ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރުން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށް ވެސް އެ މާއްދާގައި ބުނެފައި ވެއެވެ.

ގާޒީ ޝަކީލް ވިދާޅުވީ ގާނޫނާ ޚިލާފުަކަމުން ފެށޭ ހުރިހާ ކަމަކާއެކު ތަރުތީބުވެގެން އަންނަ ހުރިހާ ކަމެއް ބާތިލްވާނެކަން ހައިކޯޓުން ނެރެފައިވާ ހުކުމަކުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން، ގާނޫނާ ޚިލާފަށް ރިޔާޒު ހައްޔަރުކޮށް، އޭގެ މައްޗަށް ބިނާކޮށް ހޯދި ހެކި ބާތިލްވާނެ ކަމަަށާއި ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ބަލައިނުގަނެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެކަންތައްތަކުގެ އިތުރުން، ރިޔާޒުގެ މައްޗަށް އުފުލި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ފުލުހުންގެ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރިކަން ވެސް ގާޒީ ފާހަގަކުރެއްވި އެވެ. ރިޔާޒްގެ މައްޗަށް ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކުރިއިރު، ފުލުހުންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ދައުވާގައި ބުނާ "ގަސްތު" ސާބިތުނުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެ ކަންކަމަށް ރިއާޔަތްކޮށް،  ތިން ގާޒީންގެ އިއްތިފާގުން ކަނޑައެޅުއްވީ ރިޔާޒުގެ މައްޗަށް އުފުލި ދައުވާއަކީ އޭނާގެ މައްޗަށް ސާބިތުވާ ދައުވާއެއް ނޫން ކަމަށެވެ. މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ގާޒީ ޝަކީލުގެ އިތުރުން، ގާޒީ އާދަމް އާރިފް އާއި ގާޒީ އަލީ އާދަމް އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް