ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ވޯޓާއި ގުޅިގެން ހާމަނުކުރާ ސިޔާސީ ކަންތައްތަކެއް ހިނގަމުންދާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، އިނގުރައިދޫ ދާއިރަގެ މެމްބަރު އިބްރަހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ހާއްސަ ވަފުދެއް ސްރީލަންކާއަށް ކުރެއްވި ދަތުރަށްފަހު ރާއްޖެޓީވީއަށް ދިން އެކްސްކްލޫސިވް އިންޓަރވިއުގައި ފަލާހު ވިދާޅުވީ، މި މަހުގެ 24 ވަނަ ދުވަހަށް އެޖެންޑާކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތް ކަމުގެ ވޯޓާއި ގުޅޭގޮތުން ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި 24 ވަނަ ދުވަހު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން މަޖިލީސް ޖަލްސާ ނިންމާފައި ނުކުންނާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހަށް ވައްދާފައިވާ އިތުބާރުގެ މައްސަލަ ފެއިލް ކޮށްލާފައިކަމަށް ފަލާހު ވިދާޅުވިއެވެ.
" މި މަހުގެ 24 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވޯޓާއި ދޭތެރޭ އަޅުގަނޑުމެން އެއްވެސް ވަރަކަށް ކަންބޮޑެއް ނުވޭ. އިރާދަކުރެއްވިއްޔާ، އެއީ އަޅުގަނޑުމެންވެސް ހާމަނުކުރާ ސިޔާސީ ކަންތަށްތަކެއް މީގެ ތެރޭގައި ހިނގަމުންދާނެ ދެއްތޯ، އެހެންވީމަ އަޅުގަނޑުމެންނަން 100 ޕަސެންޓް އިރާދަފުޅު ކުރެއްވިއްޔާ ޔަގީންކަން އެބަ އޮތް އަޅުގަނޑުމެން 24 ވަނަ ދުވަހު އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރެއިން ނުކުމެދެންދާނީ މިހާރުގެ ރައީސް ހަމަ ގޮނޑީގައި ބާއިންދާފަ " ފަލާހު ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ މަޖިލީސް ރައީސްގެ އިތުބާރު ނެތްކަމަށް ޕީޕީއެމްގެ ތެރެއިން ސޮއި ކުރި 10 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން މަޖިލީސް ރައީސްގެ އިތުބާރު އޮތްކަމަށް 24 ވަނަ ދުވަހު ވޯޓް ލައްވާނެ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައެއް މެމްބަރުންވެސް ސަރުކާރު ހިންގާ ޕީޕީއެމާއި އެއްކޮޅަށް ވޯޓް ދެއްވާނެ ކަމަށްވެސް އެނާ ވިދާޅުވިއެވެ.
" މިހާރު އަޅުގަނޑުމެންގެ ތެރެއިން ގޮސް ، އެބޭފުޅުން ސޮއި ކުރިކަމަށް ވިދާޅުވާ 10 މެމްބަރުންގެ ތެރެއިން ބައިވަރު ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްކޮޅަށް ވޯޓްގައި ބައިވެރިވާނެ، ހަމަ އެގޮތަށް އިދިކޮޅުންވެސް ވަރަށް ގިނަ ވޯޓްތަކެއް ލިބިގެންދާނެ" ފަލާހު ވިދާޅުވިއެވެ.
މި ދަތުރުގައި ފަލާހު އާއި އެކީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ އާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.
ފަލާހް ވިދާޅުވީ އެ ދަތުރުގައި ލަންކާގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކާއި މަޖިލީހުގެ ވޯޓާއި ގުޅޭގޮތުން ބައްދަލުކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ލަންކާގައި މި ވަގުތު ތިއްބެވި ކަމަށް މަޢުލޫމާތު ލިބޭ ޕީޕީއެމްގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ބައްދަކުރައްވާފައި ނުވާކަމަށް އެނާ ވިދާޅުވިއެވެ.
މީގެއިތުރުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅޭގޮތުން އެއްވެސް ސިޔާސީ ބެފުޅަކާއިވެސް ބައްދަކުރައްވާފައި ނުވާކަމަށް އެނާ ވިދާޅުވިއެވެ.
"ލާންކާއަށް އަޅުގަނޑުމެން ކުރި ދަތުރުގައި ރައްޔިތުންގެ މަޖިލީގައި އަޅުގަނޑުމެން ކޮޅުން ދިޔަ މެމްބަރުންނާއި ނޫނިއްޔާ އިދިކޮޅު ފަރާތްތަކުގެ މެމްބަރުންނާއި ބައްދަލުކޮށް އެކަހަލަ އެއްވެސް ކަމެއް ހިނގާއިގެން ނުދޭ" އިދިކޮޅު ފާރާތަކުން ދައްކަވާ ވާހަކަތަކަށް ރައްދުދެއްވާ ފަލާހު ވިދާޅުވިއެވެ.
ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ، އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދާއި، މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހްގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ވަނީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހެޅި މައްސަލާގައި ސޮއިކުރައްވާފައެވެ.