ދާދިފަހުން އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެންނެވި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ވަފުދު އެނބުރި މާލެ ވަޑައިގެންފިއެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން އާއި، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމްގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ހިމެނިވަޑައިގަންނަވާ މި ވަފުދު ލަންކާއަށް ވަޑައިގެންފައިވަނީ ޖުލައި 5 ވީ ބުދަދުވަހުގެރެއެވެ.
މި ވަފުދު މާލެ ވަޑައިގެންނެވި ވަގުތާއި، ކުރީގެ ރައީސުލްޖުހޫރިއްޔާ، އަދި ޕީޕީއެމްގެ އިންތިޚާބީ ރައީސް މައުމޫން އަބްދުލްޤައްޔޫމް ސިންގަޕޫރަށް ވަޑައިގެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވި ވަގުތާއި ދިމާވުމުން، ލަންކާއިން ވަޑައިގެންނެވި ޕީޕީއެމްގެ ވަފުދާއި، ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ އިސް ބޭފުޅުންނާއި ބައްދަލުވެ، ސަލާން ކުރައްވާ ހައްދަވާފައިވެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ވަފުދު ލަންކާއަށް ވަޑައިގެންފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށެވެ.
މި ވަފުދު ލަންކާއަށް ވަޑައިގެންނެވިއިރު، މަސީހާ ދެކޮޅަށް ސޮއިކުރެއްވި ޕީޕީއެމްގެ 11 މެންބަރުންގެ ތެރެއިން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި މަހިބަދޫ ދާއިރާގެ އަޙުމަދު ޠާރިޤު (ޓޮމް) ލަންކާގައި ތިއްބެވިކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ވަފުދު ލަންކާއަށް ވަޑައިގެން އެ ދެ މެންބަރުންނާ ބައްދަލުކުރެވޭތޯ ވަނީ މަސައްކަތް ކުރައްވާފައެވެ. ނަމަވެސް، އެ ދެ މެންބަރުންނާ ވެސް ބައްދަލުކުރެވޭ ގޮތް ވެފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޕީޕީއެމްގެ ވަފުދެއް ލަންކާއަށް ވަޑައިގަތީ މެންބަރުންނާ ބައްދަލުކުރެއްވުމަށް ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ޕާޓީގެ ވަފުދެއް ލަންކާއަށް ވަޑައިގަތީ 2018 ގެ ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ކަމަށެވެ.