ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 16:55
ރަންތާޖުގެ ފައިނަލްގެ ތައްޔާރީތައް
ރަންތާޖުގެ ފައިނަލްގެ ތައްޔާރީތައް
ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް
ރަންތާޖު ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަނީ ވެފައި
މި މުބާރާތް ކުރިއަށްގެންދިޔައީ 111 މީހުން ބައިވެރިވި އޮޑިޝަނުން ހޮވުނު 20 ބައިވެރިންގެ މެދުގައި
މިދިޔަ ހުކުރު ދުވަހުގެ ރޭ، 20 ބައިވެރިންގެ ތެރެއިން ފައިނަލަށް ދަތުރުކުރި ފަސް ބައިވެރިން ހޮވައި، އެ ބައިވެރިންގެ ކިޔެވުން ވަނީ ކުރިއަށްގެންގޮސްފައި

ޔޫތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީން މިއަހަރުގެ ރޯދަ މަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ "ރަންތާޖު" ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގެ އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާކަމަށް، ރަންތާޖު މުބާރާތުގެ ޓީމުން ބުނެފިއެވެ.

މިރޭ ބާއްވާ މި ޖަލްސާ 8:30ގައި ވަގުތުން ރާއްޖެ ޓީވީން ދައްކާނެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ދެކަނބަލުންނާއި ނައިބުރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ތައްޔާރީތަކާމެދު "ރާއްޖެ އެމްވީ" އަށް މައުލޫމާތު ހިއްސާކުރައްވަމުން ޔޫތު މިނިސްޓްރީގެ ޔޫތު ޑިޕާޓްމެންޓުގެ އެޑްމިން އޮފިސަރ، އާމިނަތު ރަޝީދާ ވިދާޅުވީ، މި ރަސްމިއްޔާތަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާކަަމަށެވެ. އަދި މުބާރާތުގެ ޓީމުން ހުރިހާ ކަމެއްވެސް ކުރީ ވަރަށް ފޯރިއާއެކު ކަމަށް ވިދާޅުވިއެވެ.

Advertisement

މި މުބާރާތް ކުރިއަށް ގެންދިޔައީ 111 މީހުން ބައިވެރިވި އޮޑިޝަނުން ހޮވުނު 20 ބައިވެރިންގެ މެދުގައެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ، މި 20 ބައިވެރިންގެ ތެރެއިން ފައިނަލަށް ދަތުރުކުރި 5 ބައިވެރިން ހޮވައި، އެ ބައިވެރިންގެ ކިޔެވުން ވަނީ ކުރިއަށްގެންގޮސްފައެވެ.

ހުކުރު ދުވަހުގެ ރޭ އޮތް މުބާރާތުގެ ހަވަނަ އެޕިސޯޑުގައި އިއުލާންކޮށްފައިވާގޮތުން، މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރާ ބައިވެރިންނަކީ؛ މުހައްމަދު ސާއީ މުބާރިކް، ނ. ހޮޅުދޫ، ޔައީޝް މުހައްމަދު ނިޔާޒް، މާލެ، ފާތިމަތު ތުގާ ހަލީމް، މާލެ، މުހައްމަދު މުސްތަފާ، ބ. އޭދަފުށި އަދި އަހުމަދު ސުޖާއު، ހއ. ހޯރަފުއްޓެވެ.

ރަންތާޖު ޤުރުއާން މުބާރާތް - ރާއްޖެއެމްވީ

މި މުބާރާތަކީ ރާއްޖޭގައި ވެސް މިހާތަނަށް ބާއްވާ އެންމެ އަގު ބޮޑު ޤުރުއާން މުބާރާތް ކަމަށް ވާއިރު، މި މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް 3 ލައްކަ ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. އަދި ދެވަނައަށް ދާ ފަރާތަކަށް 1 ލައްކަ ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 75000 ރުފިޔާ ލިބޭނެއެވެ.

16 އަހަރާ 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް