ކ. މާލެ
|
28 އޭޕްރިލް 2023 | ހުކުރު 17:41
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަން އޮންލައިން
އައިޖީއެމްއެޗް
ލޭނަގާ ނިޒާމަށް ބަދަލުގެނައުމުގައި ކޮރަޕްޝަނެއް ނުހިންގާ: އައިޖީއެމްއެޗް
ސަރސްޓެޑް ސިސްޓަމަކީ ޚަރަދު ކުޑަ ސިސްޓަމެއް
މިއީ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ، އިސްރާފުކުރުން ކުޑަ އަދި ރައްކާތެރިކަމުގެ ސްޓެންޑަޑްތަކާ އެއްގޮތަށް ހަދާފައިވާ ސިސްޓަމެއް

ލޭނެގުމާ ގުޅުންހުރި ކަންކަމުގައި ބޭނުން ކުރާ ސިސްޓަމަށް ބަދަލު ގެނައުމުގައި ކޮރަޕްޝަން ހިންގާފައި ނުވާނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

އެ ހޮސްޕިޓަލުން މިފަދައިން ބުނީ ކުރިން އެ ހޮސްޕިޓލުގައި ލޭނެގުމާ ގުޅުންހުރި ކަންކަމުގައި ބޭނުން ކުރަމުން އައި ބީޑީ ބްރޭންޑުގެ ބްލަޑް ކަލެކްޝަން ސިސްޓަމުގެ ބަދަލުގައި ސަރސްޓެޑް ސިސްޓަމް ބޭނުން ކުރަން ފެށުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ސޯޝަލް މީޑިއާގައި ޚަބަރުތައް ފެތުރުމާ ގުޅިގެން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައެވެ. އެއީ ހަގީގަތާ ޚިލާފު ވާހަކަތެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ ޚިދުމަތްތައް އިތުރަށް ކުރިއަރުވައި، ދެވޭ ޚިދުމަތްތަކުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޖަރުމަނުގެ ސަރސްޓެޑް ބްރޭންޑުގެ "އެސް-މޮނޮޓެވް ބްލަޑްކަލެކްޝަން ޓިއުބް ސިސްޓަމް" ބޭނުން ކުރަން ފެށީ އެ މަސައްކަތުގެ ތެރެއިން ކަމަށެވެ. އަދި މިއީ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ، އިސްރާފުކުރުން ކުޑަ އަދި ރައްކާތެރިކަމުގެ ސްޓެންޑަޑްތަކާ އެއްގޮތަށް ހަދާފައިވާ ސިސްޓަމެއް ކަމަށް ވެސް ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ ސަރސްޓެޑް ސިސްޓަމަކީ ޚަރަދު ކުޑަ ސިސްޓަމެއް ކަމަށެވެ. އެހެންކަމުން މި ސިސްޓަމް ބޭނުން ކުރަން ފެށުމުން ދައުލަތުގެ ބަޖެޓުން އަހަރަކު ތިން މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލުން މި ސިސްޓަމް ބޭނުން ކުރަން ފަށާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ދައުލަތަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވެސް ބުންޏެވެ.

ސަރސްޓެޑް ސިސްޓަމުގައި ސިރިންޖާއި ވެކިއުޓޭނަރ އެއްކޮށް ހިމެނިފައިވާތީ ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ގައިން ލޭ ނެގުމުގައި ކުރިއަށްވުރެ އިތުރަށް ރައްކާތެރިކަން ކަށަވަރުކުރެވި، ފަސޭހަވެގެންދާނެ ކަަމަށް ވެސް އައިޖީއެމްއެޗްގެ ބަޔާނުގައި ވަނީ ބުނެފައެވެ. މި ސިސްޓަމް މިހާރު ވެސް ސަރުކާރުގެ ބައެއް ހޮސްޕިޓލުތަކުގައި ބޭނުން ކުރަމުންދާ ކަން ވެސް އައިޖީއެމްއެޗުން ފާހަގަކުރިއެވެ.

އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުން ގެނައި މި ބަދަލުގައި އެއްވެސް ކޮރަޕްޝަނެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭނެމަ އެމައްސަލަ ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުގެ މަގު އޮތްކަން ފާހަގަކޮށްފައެވެ.

- ކޮމެންޓް