ވ. ކެޔޮދޫއިން ފެނުނު ފިސްތޯލައާ ގުޅޭ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި މި މައްސަލައިގެ އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ފުލުހުން މި މައްސަަލައިގެ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާ ކަމަށް ވ. ކެޔޮދޫ ކައުންސިލުންގެ ރައީސް އަހްމަދު ޔޫސުފް ވިދާޅުވީ، ކެޔޮދޫ އިން ފެނުނު ފިސްތޯލައިގެ މައްސަލައާ ގުޅިގެން މިހާތަނުން އެރަށުން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މި މައްސަަލަ ތަހުގީގު ކުރުމަށް ދެ ދުވަހަކު، ފުލުހުން އަދި އެމްއެންޑީއެފްގެ ޓީމަކުން އައިސް، ފިސްތޯލަ ފެނުނު ފަރާތްތަކާ ސުވާލުކޮށް ހެދި ކަމަށާއި އޭގެ ފަހުން އެ މައްސަލައާ ގުޅިގެން ތަހުގީގު ކުރުމަށް އެ ރަށަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެޔޮދޫ އިން ފިސްތޯލަ ފެނުނު މައްސަލަައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެ ތަހުގީގުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށްދާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އަހްމަދު ޔޫސުފް ވިދާޅުވި އެވެ.
ފިސްތޯލަ ފެނުނު މައްސަލަ ތަހުގީގުކޮށް، އެކަމުގެ ހަގީގަތް އެނގުމަކީ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަަމަށާއި މި ކަމުގެ ސަބަބުން ރަށު ތެރޭގައި ކޮންމެވެސް ވަރަކަށް ބިރުވެރިކަން އުފެދިފައިވާ ކަމަށް ކެޔޮދޫ ކައުންސިލުން ބުނެ އެވެ.
ފުލުހުންނަށް މިކަން ރިޕޯޓްކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 30 ވީ ހުކުރު ދުވަހުގެ ހެނދުނު 11:30 ހާއިރު އެވެ.
ކެޔޮދޫ ބަނދަރު ސަރަހައްދުން ފިސްތޯލަ އެންމެ ފުރަތަމަ ފެނިފައި ވަނީ، އުމުރުން ގާތްގަނޑަކަށް 10 އަހަރުގެ ކުދި ބަޔަކަށެވެ. އެކުދިންނަށް ފިސްތޯލަ ފެނުނު އިރު، ފިސްތޯލަ އޮތީ ހުދުކޮތަޅެއްގަ އެވެ. ކޮތަޅަށް ލާފަ އޮތް އިރުވެސް ކޮތަޅުގެ ބޭރުންވެސް އެއީ ފިސްތޯލައެއްކަން އެނގޭ ކަމަށް ރަށުން ފިސްތޯލަ ފެނުނު މީހަކު ބުނެފައި ވެއެވެ.
ކުދި ބަޔަކަށް ފިސްތޯލަ ފުރަތަމަ ފެނުމުން، އެމީހުންނަށް ވުރެ އުމުރުން ތަންކޮޅެއް ދޮށީ ދެ ކުއްޖަކަށް ދެއްކި ކަމަށާއި އެދެކުދިން ވެގެން ފިސްތޯލަ އޮޅާފައި އޮތް ކޮތަޅު ނެގި އިރު ކަޅު ކުލައިގެ ފިސްތޯލައެއް އޮތް ވަނީ ފެނިފަ އެވެ.
އެ ޕިސްތޯލައަކީ އާއްމުކޮށް ކުޅެންގެން ގުޅޭ ފިސްތޯލަތަކަށް ވުރެ ބަރު އެއްޗެއްކަން އެ ފެނުނު ކުދިންނަށް އެނގުމުން، ރަށުގެ ބަނދަރު ސަރަހައްދުގައި ހުރި ރެސްޓޯރެންޓްގެ ތެރޭގައި ތިބި ބަޔަކަށް ދެއްކި ކަމަށް ރަށުން ވާހަކަ މައުލޫމާތު ދިން މީހަކު ބުންޏެވެ. އަދި އޭގެ ފަހުން މިކަން ކައުންސިލްގެ ސަމާލުކަމަށް ގެނެސް ފުލުހުންނަށް ރިޕޯޓްކުރީ ކަމަށް މައުލޫމަތު ލިބެ އެވެ. އެއީ އަސްލު ފިސްތޯލައެއްކަން ކަށަވަރުކޮށްދިނީ އެ ރަށުގައި ޗުއްޓީ އަށް ގޮސް ހުރި ސިފައިންގެ މީހަކު ކަމަށް މައުލޫމަތު ލިބިފައި ވެއެވެ.
ކެޔޮދޫއިން ފިސްތޯލައެއް ފެނުނު ނަމަވެސް އޭގައި ވަޒަނެެތް ނެތެވެ.މި ފިސްތޯލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ކެޔޮދޫ އިން ފިސްތޯލައެއް ފެނުނު އިރު އެދުވަސްވަރަކީ ޢީދު ބަންދާ ދިމާކޮަށް ގިނަ ބަޔަކު އެރަށަށް ޢީދު ޗުއްޓީ ހޭދަކުރުމަށް ގޮސް އުޅުނު ދުވަސްވަރެކެވެެ.
މީގެ ކުރިން ބ. ހިބަޅިދޫއިން ވެސް ގިނަ އަދަދެއްގެ ހަތިޔާރުތަކެއް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ގްރެނެއިޑާއި ރައިފަލްގެ ބައިތަކުގެ އިތުރުން ނުރައްކާތެރި އިތުރު ހަތިޔާރުތައް ވަނީ ފެނިފަ އެވެ. އެތަކެއްޗަކީ ސިފައިންގެ ބަނޑިގުދަނުން ފެނުނު ތަކެތި ކަމަށް އޭރު ވަނީ ހާމަކޮށްފަ އެވެ.
ކެޔޮދޫއިން ފެނިފައިވާ ފިސްތޯލައަކީ ވެސް ސިފައިންގެ ބަނޑިގުދަނުގައި ގެންގުޅޭ ފަދަ ފިސްތޯލަތަކާ ވައްތަރު ފިސްތޯލައެއް ކަަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ހިބަޅިދޫ އިން ފެނުނު ހަތިޔާރު ނަގާފައިވަނީ އެރަށަށް ވަންނަ ނެރާއި ހިސާބުން ކަނޑުގެ 42 މީޓަރު އަޑިން ދަބަހެއްގެ ތެރޭގައި ހުއްޓައި އެވެ.
ހިބަޅިދޫ އިން ހަތިޔާރު ފެނުނު މައްސަލައާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.