އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބަހުގެ ހޫނު ހަމަލާތަކެއް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދެއްވައިފއެވެ.
ކުރީގެ ރައީސް މައޫމޫން އަބްދުލް ގައްޔޫމްއަށާއި ކުރީގެ ރައީސް ނަޝީދަށް އަމާޒް ކުރައްވާ މިނިސްޓަރު ސައީދު ކުރެއްވި ޓުވިޓްތަކުގައި ރައީސް ނަޝީދަށާއި ރައީސް މައުމޫން އަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރައްވާފައެވެ.
އެގޮތުން މިނިސްޓަރު ސއީދު ކުރެއްވި ޓުވިޓްތަކުގައި ވިދާޅުވީ ރައީސް މައުމޫނަކީ ޖަލުގައި ލާއިންސާނީ އަނިޔާ އެތައް ބަޔަކަށް ދިން ވެރިއެއް ކަމަށް ބުނެދިނީ ރައީސް ނަޝީދު ކަމަށެވެ.
1/4 R.Maumoonakee jalu gai laa insaanee aniyaa ethah bayakah dhin veri eh kan bunedhinee R.Nasheed.
— Mohamed Saeed (@em_saeed) July 6, 2017
ސައީދު ވިދާޅުވީ ރައީސް ނަޝީދަކީ ލާދީނީ މީހެއް ކަމަށް ބުނެދިނީ ރައީސް މައުމޫން ކަމަށެވެ. އަދި ގައުމާއި ދީނަށް ހިޔާނާތްވުމުގެ ތުހުމަތު އެކަކު އަނެކަކަށް ކޮށްފައި މިއަދު އެކުގައި މަސައްކަތް ކުރަން ފެށީ ކަމަށާއި އަދި އެކަކު އަނެކަކަށް މާފްކޮށްފި ކަމަށް ބުނާ ކަމަށެވެ.
2/4 R.Nasheed akee laadheenee meeheh kan bunedhinee R. Maumoon.
— Mohamed Saeed (@em_saeed) July 6, 2017
ނަމަވެސް ސައީދު ވިދާޅުވީ ރައީސް ނަޝީދާއި ރައީސް މައުމޫން އެކަކު އަނެކަކަށް މާފް ކުރުމުން ގައުމާއި ދީނަށް ވީ ހިޔާނާތްތައް ނިމުމަކަށް އައިސްފައިވާ ކަމާ މެދު މިނިސްޓަރު ސައީދު ވަނީ ސުވާލު އުފައްދަވާފައެވެ.
3/4 Qaumaa dheenah khiyaanaay vumuge thuhumathu ekaku anekakah koffa miadhu bunanee ekugai masakkay kuran feshee ey. Maaf koffeemey.
— Mohamed Saeed (@em_saeed) July 6, 2017
ރައީސް މައުމޫނަށާއި ރައީސް ނަޝީދަށް މިނިސްޓަރު ސައީދު މިފަދަ ގޮތަކަށް ފަޑާވިދާޅުވިއިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުން ރައީސް ޔާމީން ސަރުކާރުގެ ގިނަ ވަޒީރުންތަކެއް ވަނީ އިދިކޮޅު ފަރާތްކަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ.
4/4 Qaumaa dheenah vee khiyaanaathah mi 2 meehun ekaku anekakah maaf kureemaa e nimunee tho?
— Mohamed Saeed (@em_saeed) July 6, 2017
މީގެ އިތުރުން ރައީސް މައުމޫނަށާއި ރައީސް ނަޝީދަށް މިނިސްޓަރު ސައީދު ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައިވާއިރު އިދިކޮޅު ފަރާތްކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވެފައި ވަނީ ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މިވަގުތު އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވުން ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ އެތައް ބަޔަކު ސުވާލު ކުރަމުންދާ ކަށެވެ. އެ ދެ ބޭފުޅުންނަކީ ކުރިން ސިޔާސީ ދެ ހަތުރުން ކަމަށް ވިޔަސް، 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވީ މިހާރު ފަށައިގެން ކުރަމުންދާ މަސައްކަތަކީ އެއްވެސް ހާލެއްގައި ޒާތީ މަސައްކަތެއް ނޫން ކަމަށާއި މިއީ ގައުމީ މަސައްކަތެއް ކަމަށެވެ.
މައުމޫން ވިދާޅުވީ، ރައީސް ނަޝީދާ މެދު ގޯސްކޮށް އެމަނިކުފާނަށް ކަންކަން ކުރެވިފައި ހުރެދާނެ ކަމަށާއި ހަމައެގޮތަށް ރައީސް ނަޝީދަށް ވެސް އެމަނިކުފާނާމެދު އެފަދަ ގޮތަކަށް އަމަލުކުރެވިފައި ހުރެދާނެ ކަމަށެވެ.
އެކަންކަމަކީ މާޒީވެގެން ގޮސްފައިވާ ކަންކަން ކަމަށާއި ރައީސް ނަޝީދާއި އެކުގައި ފެށި މި މަސައްކަތަކީ އެއްވެސް ހާލެއްގައި ޒާތީ ކުރިއެރުމަކަށް ކުރައްވާ މަސައްކަތެއް ނޫން ކަމަށެވެ. މި މަސައްކަތަކީ ގައުމަށް ރަގަޅު ގޮތް ހޯދާ ދިނުމަށް ކުރައްވާ މަސައްކަތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ގުޅިގެން މިކުރި މަސައްކަތައް ލިބުނު ކާމިޔާބީ އަކީ އެއްވެސް ހާލެއްގައި ރައީސް ނަޝީދާއި ރައީސް މައުމޫނަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި މިއީ މުޅި ގައުމަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.