Advertisement
ކ. މާލެ
|
27 އޭޕްރިލް 2023 | ބުރާސްފަތި 16:48
ދިވެހި ދައުލަތައް ޚިދުމަތްކުރުމުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން
ދިވެހި ދައުލަތައް ޚިދުމަތްކުރުމުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމް
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހަމަވާނެ
ފުރުސަތު ހުޅުވައިލީ މިއަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހު
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަކީ، 2021 ވަނަ އަހަރު ތައާރަފްކުރެއްވި އިނާމެއް
މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ދެއްވާ އިނާމެއް

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އާދީއްތަ ދުވަހަށް ހަމަވާނެއެވެ.

މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ، މިއަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނީ؛ ދައުލަތުގެ މުއައްސަސާއެއްގައި, ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި, ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް ހުށަހެޅުމުންނެވެ.

މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ.

އިނާމަށް ހުށަހަޅާއިރު، ފޯމުގައިވާ ހުރިހާ މަޢުލޫމާތުތައް ފުރިހަމަކޮށް، އަދި ކަމާބެހޭ ހުރިހާ ލިޔުންތަކާއެކު އިނާމަށް އެދޭ ފޯމު ހުށަހެޅުއްވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން އެދެއެވެ.

Advertisement

މި އިނާމަށް ހުށަހަޅާ މީހުންގެ ނަން މިއަހަރު ހުށަހެޅޭނީ ހަމައެކަނި "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށްގެންނެވެ. ޕޯޓަލްގެ އެޑްރެހަކީ http://apply.presidency.gov.mv އެވެ. މި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ، މި އެޕްރީލް މަހުގެ 30 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ. ސުންގަޑި ހަމަވުމަށްފަހު، ފޯމު ހުށަހެޅުމުގެ ފުރުސަތު ބަންދު ވާނެއެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަކީ، 2021 ވަނަ އަހަރު ތައާރަފްކުރެއްވި އިނާމެކެވެ. މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިޚްލާސްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.

އިނާމު ދިނުމަށް ކަނޑައެޅުމުގައި ގައުމީ އިނާމާބެހޭ ކޮމިޓީން ބައްލަވާނެ ކަންކަމުގެ ތެރޭގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި، ފަރުވާތެރިކަމާއި، އިޚްލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ގާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ޚާއްސަ މަސައްކަތްތައް ހިމެނެއެވެ.

އަދި އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ޚިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް ބައްލަވާނެއެވެ. އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ކޮމިޓީން ޔަގީންކުރައްވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް