ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 10:50
ނިހާނާއި ޝިޔާމްއާ އެކު ފަލާހު ލަންކާގައި
ނިހާނާއި ޝިޔާމްއާ އެކު ފަލާހު ލަންކާގައި
ޓްވިޓަރ
ޕީޕީއެމް މެމްބަރުން
ފޯނުން ނުގުޅިގެން ބަޔަކު ހޯދަން ލަންކާއަށް ދިޔަ ކަމަށް ބުނަނީ "ބޯ ހަމަނުޖެހޭތީ": ފަލާހު
ލަންކާގައި ކުރަނީ ކެމްޕެއިންގެ މަސައްކަތް
މަސީހުގެ އިތުބާރުގެ މައްސަލައިގައި ހާސްކަމެއް ނެތް
މައްސަލަ ފެއިލްކޮށްލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް

ޕީޕީއެމްގެ އިސްވެރިންތަކެއް އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެން އުޅުއްވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި އެޕާޓީގެ ދެ މެންބަރަކާ ބައްދަލުކުރުމަށް ކަމަށް ބުނާ ވާހަކަ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އިބްރާހިމް ފަލާހު ދޮގު ކުރައްވައިފި އެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި އެޕާޓީގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އިތުރުން ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއާއެކު މިދިޔަ ބުދަ ދުވަހު ލަންކާއަށް ވަޑައިގެން ހުންނެވި ފަލާހު ރާއްޖެއެމްވީ އަށް ވިދާޅުވީ މީހަކާ ނުގުޅިގެން، އެ މީހަކު ހޯދުމަށް އެތައް ލައްކަ ބަޔަކު ދިރިއުޅޭ ލަންކާ ފަދަ ގައުމަކަށް ދިޔަ ކަމަށް ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އެފަދަ ވާހަކަތައް ދައްކަނީ "ބޯ ހަމަނުޖެހޭތީ" ކަމަށެވެ.

ފަލާހު ވިދާޅުވީ ޕީޕީއެމްގެ ޓީމެއް ލަންކާ އަށް ގޮސް ހަރަކާތްތެރިވަމުން ދަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ލަންކާއަކީ އެތައް ހާސް ދިވެހިންނަށް އުޅޭ ތަނެއް. އަޅުގަނޑުމެން މިކޮޅަށް އައިސް އެ ރައްޔިތުންނާ ބައްދަލުކޮށް 2018 ގެ ތައްޔާރީތައް ވަމުން މިދަނީ," ފަލާހު ވިދާޅުވި އެވެ.

ޕީޕީއެމްގެ 11 މެންބަރަކާ އެކު މަސީހުގެ އިތުބާރުގެ މައްސަލަ ހުށަހަޅާފައިވާ މިފަދަ ހައްސާސް ދަނޑިވަޅެއްގައި އެފަދަ ހަރަކާތެއް ހިންގަނީ ކީއްވެގެންތޯ ރާއްޖެއެމްވީއިން ސުވާލުކުރުމުން ފަލާހު ވިދާޅުވީ މަސީހުގެ އިތުބާރުގެ މައްސަލައަކީ އެބޭފުޅުން "ހާސްވާ" ކަމެއް ނޫން ކަމަށެވެ. ފަލާހު ވިދާޅުވީ އެ މައްސަލައިގައި "ސޮއިކުރި ކަމަށް ބުނާ" ޕީޕީއެމްގެ މެންބަރުންގެ ތާއީދާއެކު އިތުބާރުގެ ވޯޓް ފެއިލްކޮށްލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހަކާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ލަންކާގައި ކުރަންޖެހޭ މަސައްކަތްތައް ނުނިމޭ ކަމަށާއި އެހެންކަމުން ޓީމަށް އެނބުރި ރާއްޖެއަށް ދެވޭނެ ދުވަހެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕީޕީއެމްގެ ޓީމެއް ލަންކާގައި ހަރަކާތްތެރި ވަނީ އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އާ ނުގިޅިގެން އެ ދެ މެންބަރުންނާ ބައްދަލުކުރުމަށެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ 42 މެންބަރުންގެ ސޮޔާއެކު ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފައިވަނިކޮށް، 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ވަނީ ހޯމަ ދުވަހު މަޖިލިހަށް މައްސަލަ ހުށަހަޅާފަ އެވެ. އެ މައްސަލައިގެ ނޯޓިސް މެންބަރުންނަށް ފޮނުވައި، މިމަހުގެ 24 ވަނަ ދުވަހަށް ވޯޓަށް އެހުމަށް ވަނީ ތާވަލުކޮށްފަ އެވެ.

- ކޮމެންޓް