ކ. މާލެ
|
17 އޭޕްރިލް 2023 | ހޯމަ 19:20
އެސްއޯއީ ކޮމެޓީގައި އެމްޑީ މުހައްމަދު މިހާދު ވާހަކަފުޅުދައްކަވަނީ
އެސްއޯއީ ކޮމެޓީގައި އެމްޑީ މުހައްމަދު މިހާދު ވާހަކަފުޅުދައްކަވަނީ
މަޖިލިސް
މޯލްޑިވިއަންގެ ޓިކެޓް އަގުބޮޑުވާ މައްސަލަ
ޓިކެޓް އަގުހެޔޮ ކުރުމަށް ސަބްސިޑީ ބޭނުންވޭ: އެމްޑީ މިހާދު
2019 ވަނަ އަހަރުގެ ތެރޭގައި ސަބްސިޑީގެ ގޮތުގައި 35 މިލިއަން ރުފިޔާ ދިން
ޖެޓް ފިއުލްގެ އަގު ވަރަށް ބޮޑު
މިދިޔަ ހަތަރުގެ އަހަރުގެ ތެރޭގައި ފަސް އެއަރޕޯޓެއް އިތުރުވި

ޓިކެޓް އަގު ހެޔޮކުރުމަށް ސަބްސިޑީ ބޭނުންވާ ކަމަށް, މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ މެނޭޖންގ ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އެސްއޯއީ ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން މިހާދު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުގެ ދަށުން 2019ގައި މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކުގެ ދެކޮޅު ޓިކެޓުން 300 ރުފިޔާ ދަށްކުރިކަމަށެވެ. މިހާދު ވިދާޅުވީ އެދުވަސްވަރު ސަރުކާރުން، ސަބްސިޑީގެ ގޮތުގައި 35 މިލިއަން ރުފިޔާ ދިންކަމަށާއި، އޭގެ ފަހުން ސަބްސިޑީ ލިބިފައި ނުވާކަމަށެވެ. އަދި މިހާރު ކުންފުނި ހިންގަމުންދަނީ ކުންފުންޏަށް ލިބޭ އާމްދަނީންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓިކެޓް އަގު ބޮޑުކުރަން ޖެހުނު އެހެން ސަބަބުތަކަށް އިޝާރާތް ކުރައްވައި މިހާދު ވިދާޅުވީ ޖެޓް ފިއުލްގެ އަގު ވަރަށް ބޮޑު ކަމަށެވެ. ކޮވިޑް-19އަށްފަހު ވަރަށް ބޮޑެތި ބަދަލުތަކެއް، ޚިދުމަތްތަކާއި އަގުތަކަށް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެއަރޕޯޓުތަކުގެ ހޭންޑްލިންގ ޗާޖުތައްވެސް ބޮޑުވެފައިވާ ކަމަށެވެ.

ކުންފުނި ހިންގަމުން މިދަނީ ކުންފުންޏަށް ލިބޭ އާމްދަނީއާ އެއްގޮތަށް. އެތެރޭގެ އުދުހުންތަކަށް ސަބްސިޑީއެއް ލިބިފައެއްނުވޭ. ކޮވިޑްގެ ކުރިން ޖެޓް ފިއުލް އެއަރލައިން 12 ރުފިޔާއަށް. މިއަދު އެކަމަކު ހުރީ 18 ރުފިޔާއަށް. މިދިޔަ 8 މަސް ދުވަހު 22 ރުފިޔާއަށް ލީޓަރެއް ހުރީ. ފްލައިޓެއްގެ ރޫޓަކަށް އަޅާ ފިއުލް މީ. 42 ޕަސެންޓަކީ ފިއުލް. މިއީ އެއް ކޮންޕަނެންޓް. އެކަމާ ގުޅިގެން އަޅުގަނޑުމެންވާނީ ފިއުލްސަރވިސް ޗާޖު ދެފަހަރަކަށް އިތުރުކޮށްފައި.
އައިލެންޑް އޭވިއޭޝަންގެ މެނޭޖންގ ޑިރެކްޓަރު، މުހައްމަދު މިހާދު

ދަތުރުކުރަންޖެހޭ އެއަރޕޯޓުތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި މިހާދު ވިދާޅުވީ، މިހުރިހާ އެއަރޕޯޓަކަށް ގައުމީ އެއާލައިނުން ދަތުރުކުރަންޖެހޭ ކަމަށެވެ. މިދިޔަ ހަތަރުގެ އަހަރުގެ ތެރޭގައި ފަސް އެއަރޕޯޓެއް އިތުރުވި ކަމަށާއި، ހަފުތާއަކު ތިން ދަތުރު ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ޕްރައިވެޓް ދެ އެއަރލައިނަކަށް އެ ތަންތަނަށް ދަތުރުތައް ކުރަން ހުއްދަ ދީފައި ވީނަމަވެސް އެ އެއަރލައިންތަކުން އެ ތަންތަނަށް ދަތުރު ނުކުރާކަމަށާއި، އެއީ ވަރަށް ބޮޑު ގޮންޖެހުމެއްކަން މިހާދު ފާހަގަކުރެއްވިއެވެ.

މިހާދު ވިދާޅުވީ އެއަރޕޯޓުތައް އިތުރުވުމުން އެއަރޕޯޓުތަކުގައި މަސައްކަތްކުރާ މުއައްޒަފުންނާއި، ޕައިލެޓުންވެސް އިތުރުކުރަންޖެހޭކަމަށެވެ. އަދި ދާއިރާގެ މުވައްޒަފުންނަކީ މުސާރަ ބޮޑު ބައެއްކަމަށާއި، ކުންފުންޏަށް ޚަރަދު ބޮޑުވި ނަމަވެސް އެއީ ކުރަންޖެހޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާދު ވިދާޅުވީ، ދާދި ފަހުން ޓިކެޓަށް ގެނައި ބަދަލަކީ ކޮޅަކަށް 70 ރުފިޔާގެ އިތުރުވުމެއް ކަމަށާއި، އެބަދަލު ގެނައީ އެނޫން އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ. އެހެންކަމުން ސަބްސިޑީ ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

މިހާދު ވިދާޅުވީ އައިލެންޑް އޭވިއޭޝަން އުފެއްދި އިރު އެއަރޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިންގ އޭރު އެ ކުންފުންޏަށް އޮތްނަމަވެސް ފަހުން އެ ކުންފުނި އަތުން އެކަން ނެގިކަމަށެވެ. އަދި ކޮވިޑް-19އާ ގުޅިގެން އެއަރލައިންތަކުގެ މެއިންޓެނެންސް އަގު މަތިވުމުން ކުންފުނީގެ ޚަރަދުތައް ވަރަށް ބޮޑަށް އިތުރުވިކަމަށް މިހާދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް