ބ. އަތޮޅުގެ ދަރަވަންދޫ އެއާޕޯޓުގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖާގައި ކަމަށާއި، މައްސަލަ ހައްލުކުރުމަށް އޯނަރުންނާއެކު މަޝްވަރާ ކުރަމުންދާކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު އެސްއޯއީ ކޮމެޓީގައި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ، ދަރަވަންދޫ އެއާޕޯޓަށް ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 14 ފްލައިޓް ޖައްސާ ކަމަށާއި، ނަމަވެސް އެއާޕޯޓު އޮތީ ވަރަށް ހާލުގައި ކަމަށެވެ. މެމްބަރު ވިދާޅުވީ އެތަނުގެ ޓާމިނަލްގެ ފަންކާ ނުއެނބުރޭ ކަމަށާއި، ވަރަށް ހޫނު ގަދަ ކަމަށެވެ. އަދި ފާޚާނާވެސް ބޭނުން ނުކުރެވޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ލަގެޖް އުފުލަން ޖެހެނީ ވަރަށް ހާލުން ކަމަށެވެ. އެފަދަ ހާލަތަށް އެއާޕޯޓު ދިއުމުން އެކަން ހައްލު ކުރުމަށް އައިލެންޑް އޭވިއޭޝަނުން ކުރަމުންދަނީ ކޮން މަސައްކަތެއްތޯ ވަނީ ސުވާލުކުރައްވާފައެވެ.
މިސުވާލަށް ޖަވާބުދެއްވަމުން މިހާދު ވިދާޅުވީ، އެއާޕޯޓުގެ ހާލަތު ދަށްކަމަށް ގަބޫލުކުރައްވާކަމަށެވެ. އެމައްސަލަ ހައްލުކުރުމަށް އެއާޕޯޓު ހަވާލުކޮށްފައިވާ ކުންފުންޏާއެކު މަޝްވަރާ ކުރަމުންދާކަމަށް މިހާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދަރަވަންދޫގެ އެއާޕޯޓު ތަރައްގީކުރުމަކީ މިހާރު ހިންގުމަށް ހަވާލުވެފައިވާ ކުންފުނީގެ ޒިންމާއެއް ކަމަށާއި، ކުންފުނީގެ އޯނަރުންނާއެކު ދާދިފަހުންވެސް ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. މިމަޝްވަރާތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީވެސް ބައިވެރިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ދަރަވަންދޫ އެއާޕޯޓު އޮތީ ވަރަށް ދަށު ދަރަޖާގަ. އެތަން ޖެހޭ ވަރަށް ބޮޑަށް ރަނގަޅު ކުރަން. އެތަނުގެ އޯނަރޒުން މިހާރު އޮޕަރޭޓް ކުރަމުންދަނީ. އެތަނަށް އިންވެސްޓްކޮށް ޑިވަލޮޕް ކުރުމަކީ އެއާޕޯޓުގެ އޯނަރުންގެ ކަމެއް. އަޅުގަނޑުމެން އޯނަރުންނާ ވަރަށް ބޮޑަށް ވާހަކަ ދައްކަމުން އެބަ ގެންދަން. ޓްރާސްޕޯޓް މިނިސްޓްރީން ވެސް ވަރަށް ބޮޑަށް އެކަން އެބަ ބަލާ.އައިލެންޑް އޭވިއޭޝަންގެ މެނޭޖންގ ޑިރެކްޓަރު، މުހައްމަދު މިހާދު
ދަރަވަންދޫގެ ވަށައިގެން ގިނަ ރިސޯޓުތަކެއް ހުރުމުގެ ސަބަބުން އެ އެއާޕޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮވެެއެވެ.
ދަރަވަންދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.