Advertisement
ކ. މާލެ
|
6 ޖުލައި 2017 | ބުރާސްފަތި 14:16
ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު: ނޫސްވެރިންނަށް މައުލޫމާތު ދެނީ
ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު: ނޫސްވެރިންނަށް މައުލޫމާތު ދެނީ
ރާއްޖެ އެމްވީ
ޔާމީން ރަޝީދުގެ މަރު
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހެކި ނައްތާލުމަށް ފުލުހުން މަސައްކަތް ކޮށްފައިވޭ: އާއިލާ
ޔާމީންގެ ބައްޕަ ބުނީ ޔާމީން މަރުވި ދުވަހު، މަރާލާފައިވާތަން ސާފުކޮށް، ކުލަ ލާފައިވާ ކަމަށް
އެމައްސަލައިގެ ހެކި ނައްތާލަމުންދާކަން އިތުބާރު ކުރެވޭ ފަރާތަކުން ވަނީ މައުލޫމާތު ދީފަ ކަމަށްވެސް އާއިލާ އިން ބުނޭ
ހުސައިން ވިދާޅުވީ ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭ ކަމަށް

ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ ބުލޮގަރ އަދި ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހެކި ނައްތާލުމަށް ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށް ޔާމީންގެ ރަޝީދުގެ އާއިލާއިން ތުހުމަތު ކޮށްފި އެވެ.

ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުން ޔާމީންގެ ބައްޕަ ހުސައިން ރަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހިމެނޭ ބައެއް ހެކި ފުލުހުން ނައްތާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ހެކިތަކެއް ކަމެއް ހުސައިން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ހުސައިން ބުނީ ޔާމީން މަރާލި ދުވަހު ފުލުހުންގެ ހުއްދައާއެކު ޔާމީން މަރާލާފައި އޮއްވާ ފެނުނު ތަން ސާފުކޮށް ކުލަ ލާފައިވާ ކަމަށާއި ބަޔަކު މީހުން މިވަރުގެ ބޮޑު ޖަރީމާއެއް ހިންގިއިރު، އެހާ އަވަހަށް އެތަން ސާފުކުރު ކުރުމަކީ ހެކި ނައްތާލުމަށް ފުލުހުން ކޮށްފައިވާ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ހުސައިން ބުނީ ޔާމީން ރަޝީދަށް މަރުގެ އިއްޒާރު ތަކުރާރުކޮށް ދީފައިވާ ކަމަށާއި އެކަން ފުލުހުުންނަށް ހުށަހެޅުމުން އެކަމާ ފުލުހުން އިހުމާލު ވެފައިވާ ކަމަށެވެެ. އެހެންކަމުން ސިވިލް ކޯޓަށް ފުލުހުންނާ ދެކޮޅަށް އެމައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެޓާރނީ ޖެނެރަލްގެ އޮފީހުން އެމައްސަލައިގައި ސިވިލް ކޯޓުގައި އެދިފައިވަނީ އެ މައްސަލައިގެ ލިޔެކިޔުންތަކާއި ޝަރީއަތް ސިއްރުކުރަން ކަމަށް ވާތީ އެއީ ސިއްރުކުރަންޖެހޭ ކަމެއް އޮތް މައްސަލައެއް ނޫން ކަމަށާއި މިފަދަ ކަންކަން ދައުލަތުން ކުރަމުންދާތީ އިތުރަށް ސުވާލު އުފެދޭ ކަމަށް ހުސެން ބުންޏެވެ. އަދި ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރާކަމަށް މީގެ ކުރިންވެސް އާއިލާ އިން ބުނި ބުނުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހުސައިން ތަކުރާރުކޮށްފައި ވެ އެވެ.

މީގެ އިތުރުން ޔާމީންގެ ބައްޕަ ހުސައިން ބުނީ، ޔާމީން ވަނީ މަރާލެވިފައި ކަމަށާއި އޭނާ އަނބުރާ ނާންނާނެކަން އެނގިހުރެ، ޔާމީން މަރުގެ މައްސަލައިގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރަމުން ދަނީ މިފަދަ ހިތާމަވެރިކަމެއް އެހެން ބައްޕައަކަށް ނުވަތަ މަންމައަކަށް ދިމާވުން ދުރުކޮށް، ދިވެހިރާއްޖެއަކީ އަމަންކަމާއެކު އުފާވެރި ރައްޔިތެއް ދިރިއުޅޭ ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ބޭނުމުގައި ކަމަށެވެ.

ހުސައިން ބުނީ ޔާމީން މަރާލިކަމަށް ފުލުހުން ތުހުމަތުކޮށް، އާއްމުކޮށްފައިވާ ތިން މީހުން ޔާމީން މަރާލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން ޔާމީން މަރާލި ބަޔަކު އެކަންކުރީ އޭގެ ފަހަތުގައި ކޮށްކަމެއް އޮވެގެންކަން ސާފުވާން ޖެހޭ ކަމަށާއި އެކަމަށް ޚަރަދުކުރި ބަޔަކާއި ޔާމީން މަރާލުމުގެ މަގްޞަދު އެނގެން ބޭނުންވާ ކަމަށެވެ. ހަމަ އެކަނި ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހާމަކުރުމަކުން ނުފުދޭ ކަމަށް ވެސް ހުސައިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް