ކ. މާލެ
|
9 އޭޕްރިލް 2023 | އާދީއްތަ 12:09
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
އެމްޑީޕީ ކުރިއަށް ޓުވިޓަރ
ފިކުރެއްގެ ދިރުން ފެކްޝަން
ދައުރުގެ މެދުތެރެއިން ނަޝީދަށް ބޮޑުވަޒީރުކަން ދޭނެ ފޯމިއުލާއަކަށް ޤާސިމް އެއްބަހެއްނުވާނެ: ޝަރީފް
ނަޝީދު ވަށައިގެން ތިބި ގިނަ މީހުންނަކީ އަމިއްލަ ފައިދާ އަށް މަސައްކަތްކުރާ މީހުން ކަމަށް ޝަރީފް ވިދާޅުވި
ނަޝީދާއެކު ދާ މީހުންނަކީ ސަމާލުކަން ހޯދާ ބައެއް ކަމަށް ޝަރީފް ސިފަކުރެއްވި
ސިޔާސަތުތައް ކަމުނުދާ މީހުން އެ ސަރުކާރެއްގެ ސިޔާސީ މަޤާމުތަކުގައި ތިބުމަކީ ދުނިޔޭގެ އެއްވެސްތާކު ކުރާ ކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވި

ދައުރުގެ މެދުތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޮޑުވަޒީރުކަން ދޭނެ ފޯމިއުލާއަކަށް ޤާސިމް އިބްރާހީމް އެއްބަސްވެވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް އެފަދައިން ވިދާޅުވީ އޭނަ ކުރެއްވި ޓްވީޓެއްގައެވެ. އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ނުލިބުނު ހިސާބުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހާ ދެކޮޅަށް އެމްޑީޕީގައި ތިބި ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މަސައްކަތްކުރަން ފަށާފައެވެ. އެގޮތުން ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމާ އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ވެސް ވަނީ ކުރަން ފަށާފައެވެ. އެ މަޝްވަރާތައް ކުރަމުން ދަނީ ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އެކުލަވާލި "ފިކުރެއްގެ ދިރުން" ހަރަކާތުގެ ނަމުގައެވެ.

ޝަރީފް ވަނީ އެކަންކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ ނަޝީދު ވަށައިގެން ތިބި ގިނަ މީހުންނަކީ އަމިއްލަ ފައިދާއަށް މަސައްކަތްކުރާ މީހުން ކަމަށެވެ. އަދި އެ މީހުންނަކީ ސަމާލުކަން ހޯދާ ބައެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ. އަދި އެ މީހުން ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލްކުރަން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މީހުންގެ ޒިންމާދާރުކަން ކުޑަ ޢަމަލުތަކުގެ ސަބަބުން ޤައުމަށް ކޮންމެ ގޮތެއް ވިޔަސް އެފަދަ މީހުންނަށް އެންމެ ރަނގަޅު ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދައުރުގެ މެދުތެެރެއިން ކުރީގެ ރައީސް ނަޝީދަށް ބޮޑުވަޒީރުކަން ދެއްވާނެ ފޯމިއުލާއަކަށް ޤާސިމް އިބްރާހިމް އެއްބަސްވެވަޑައިގަންނަވާނެ ކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ. ވީމާ ލިބުނު އެއްޗަކާއެކީ ކުރިއަށް ދިއުން ނޫން ގޮތެއް ފިކުރެއްގެ ދިރުމަށް ނެތް ކަމަށް އެނާ ވިދާޅުވިއެވެ. އަދި އެމްޑީޕީ ފުނޑާލަން އެ މީހުން މަސައްކަތް ކުރާ ކަމަށާއި އެ މަސައްކަތް ކާމިޔާބުވާތަން ނުފެންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ. ފިކުރެއްގެ ދިރުމުގެ މަޤްސަދު ދަނީ ހާމަވެ ފަޅާއަރަމުން ކަމަށާއި ފިކުރެއްގެ ދިރުމުން ޕާޓީ ބައިކޮށްލުމަށް ކުރާ މަސައްކަތް މަޑުމަޑުން ގޮސް ހުލިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ތެރޭގައި އެކަމަށް މާބޮޑު ތަރުޚީބެއް ނެތް ކަމަށާއި، އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ޕީޕީއެމް ބައިކުރެއްވުމަށް މަސައްކަތް ކުރެއްވުމުން ވެސް ކަންތައް ވީ ގޮތް ކަމަށް ޝަރީފް ވިދާޅުވިއެވެ. ފިކުރެއްގެ ދިރުމާއި ޖޭޕީގެ ކޯލިޝަން އެގްރިމެންޓަކާއި ހަމައަށް އަދިވެސް ނުދެވޭކަމަށާއި، އެއީ ބަރުލަމާނީއަށް ޤާސިމް އެއްބަސްވެވަޑައިނުގަންނަވާތީ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ކުރެއްވި އިތުރު ޓްވީޓްތަކެއްގައި ވަނީ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ އެމްޑީޕީގެ ފަރާތްތަކަށާާއި ސަރުކާރުގައި ތިބެގެން ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސިޔާސަތުތައް ކަމުނުދާ އެމްއާރްއެމްގެ ބޭފުޅުން ވެސް އެންމެ ފުރަތަމަ ދުވަހު ވެސް އެންމެ ރަނގަޅު ގޮތަކީ އިސްތިޢުފާދެއްވުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާ މީހުން އެ ސަރުކާރެއްގެ ސިޔާސީ މަޤާމުތަކުގައި ތިބުމަކީ ދުނިޔޭގެ އެއްވެސްތާކު ކުރާ ކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާއިރު ވެސް ވަޒީފާގައި ބަގުޑިބައްދައިގެން ތިއްބަވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްއާރްއެމްގައި ތިއްބެވި އެފަދަ ބޭފުޅުން ވަޒީފާ ދޫކޮށްލެއްވުމުން ނިމުނީ ކަމަށާއި ރައީސް ޞާލިހު އަށް މަލާމާތް ނުކުރެއްވުމަށް އޭނާ ގޮވާލެއްވިއެވެ.

ޝަރީފް ވަނީ އޭނާގެ ޓްވީޓްތަކުގައި ރައީސް ޞާލިހު އަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން ރައީސް ޞާލިހު ދެވަނަ ދައުރަކަށް ހޮވާނީ އެއްބުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ ދަތި އުނދަނގޫ ހާލަތުގައި އޮތް ގައުމު ނަގާ ކޮޅަށް ޖެހި ލީޑަށް ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހިރާސްތައް ނުހަނު ބޮޑު ކަމަށާއި ދުނިޔޭގެ މާލީ ނިޒާމް އޮތީ ހަލަބޮލި ކަމެއްގެ ތެރޭގައި ކަަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ވިސްނުންތެރިކަމާއި އެކު ގައުމު ހިންގޭނެ ލީޑަރަކު ޤައުމަށް ބޭނުންވާ ކަމަށެވެ.

ޝަރީފް ވަނީ އެ ޓްވީޓުތަކުގައި ސަރުކާރުން ދަރަނި ނަގާތީ އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެއްވާފައެވެ. އެގޮތުން ވޭތުވެދިޔަ 50 އަހަރު ދަރަނި ނުނަގާ ސަރުކާރެއް ރާއްޖޭގެ ވެރިކަމުގައި ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ދަރަނި ނަގައިގެން ކުރަން ޖެހޭ ކަންކަން ކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ. ކުރީގެ ސަރުކާރުތަކުގައި ދަރަނި ނެންގެވި ބޭފުޅުން ސަރުކާރަށް އަމާޒުކުރާ ފާޑުކިޔުންތަކަކީ ތާކުންތާކު ޖެހޭ ފާޑުކިޔުންތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދުނިޔޭގެ އިގްތިސާދު އޮތްގޮތާއި، އިގްތިސާދީ ގޮތުން ފާއިތުވި 3 އަހަރު ކަންކަން ހިނގާ ދިޔަ ގޮތް އެނގިވަޑައި ނުގަންނަވާ ބޭފުޅުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަތުމަކީ ލަދުވެތިކަމެއް ކަަމަށެވެ. އަދި ޕީޕީއެމްގެ ސަރުކާރުގައި ވެސް ދަރަނި މަދު ނޫން ކަމަށް ފާހަގަކުރައްވާ ޝަރީފް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ރާއްޖޭގެ އިގްތިސާދާއި މެދު ޝަރީފް އިތުރަށް ވިދާޅުވީ ބޭރު ފައިސާ އަށް އޮންނަ ޑިމާންޑާއި އެއްގޮތަށް ރިޒާވް އަށް ބަދަލު އަންނާނެ ކަމަށެވެ. އޭގެ މާނައަކީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ނުވުން ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ފާއިތުވި ދުވަސްތަކުގައި އިތުރުވެފައިވާ ކަމަށާއި ދައުލަތަށް ލިބުނު އާމްދަނީ ވެސް ފާއިތުވި 3 މަސް ދުވަހު ރަނގަޅު ކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް