މިދިޔަ އަހަރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް ކަމަށާއި، އެންމެ ހޫނުގަދަވީ ހަނިމާދޫ އަދި ކައްދޫއަށް ކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ބުނީ މިދިޔަ އަހަރު އެންމެ ގިނައިން ހުޅުލެއަށް ވާރޭވެހިފައިވާ އިރު، އެތަނަށް 2105.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ކައްދޫ އަށެވެ. ކައްދުއަށް 2061.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ހަނިމާދޫ އަށް 1993.7 މިލިމީޓަރުގެ ވާރޭ ވެހުނު އިރު ކާޑެއްދޫ އަށް 1757.5 މިލި މީޓަރު އަދި ގަމަށް 1590.1 މިލި މީޓަރުގެ ވާރޭ ވެހުނެވެ.
މިދިޔަ އަހަރު އެންމެ ގިނައިން އަވި ދީފައި ހުރީ ވެސް ހުޅުލެއަށެވެ. ހުޅުލެއަށް 2834.4 ގަޑި އިރުގެ އަވި ދީފައިވާ އިރު، ދެން އެންމެ ގިނައިން އަވި ދިނީ ގަމަށެވެ. އެއީ 2834.4 ގަޑި އިރުގެ އަތްވެވެ. ހަނިމާޑޫ އަށް ވެސް 2600.6 ގަޑިއިރުގެ އަވި ދީފައިވެއެވެ.
މިދިޔަ އަހަރު އެންމެ ހޫނު ގަދަވީ ހަނިމާދޫ އަދި ކައްދޫއަށެވެ. ހަނިމާދޫ އަށް 30 އެޕްރީލް އަދި 2 މެއިގައި 33.8 ޑިގްރީގެ ފިނިހޫނުމިން ރެކޯޑް ކުރެވިފައިވާ އިރު، ކައްދޫއަށް 24 އެޕްރީލް ގައި އެންމެ ހޫނުގަދަވިކަމަށް ރެކޯޑްކުރެވިފައިވެއެވެ. ހުޅުލެއަށް 17 އެޕްރީލްގައި 33.7 ޑިގްރީގެ ފިނިހޫނުމިން ރެކޯޑް ކުރެވުނު އިރު، ގަމަށް 8 އަދި 14 މާޗުގައި 33.4 ޑިގްރީ އަދި ކާޑެއްދޫ އަށް 26 އެޕްރީލް އާއި 7 ޖޫންގައި 32.8 ޑިގްރީގެ ފިނި ހޫނުމިން ރެކޯޑް ކުރެވިފައިވެއެވެ.
ރާއްޖޭގެ 5 ސަރަހައްދަކުން އެއްކޮށްފައިވާ މި މައުލޫމާތުތައް ދައްކާގޮތުން އަހަރުގެ ތެރޭގައި އެންމެ ފިނި ދުވަހެއް ރެކޯޑް ކުރެވިފައިވަނީ 21.6 ޑިގްރީ ސެލްސިއަސްގައެވެ. އެއީ ހަނިމާދޫ އަށް ފެބްރުއަރީ 5 ގައި ރެކޯޑް ކުރެވުނު ދުވަހާއި، ކާޑެއްދޫއަށް އޮގަސްޓް 25 ގައި ރެކޯޑް ކުރެވުނު ދުވަހާއި، ގަމަށް 3 އޮގަސްޓުގައި ރެކޯޑް ކުރެވުނު ދުވަހެވެ.
ހުޅުލެއަށް 2 ޖުލައިގައި 22.5 ޑިގްރީ ރެކޯޑް ކުރެވިފައިވާއިރު، ކައްދޫ އަށް 22.6 ޖުލައި 21 ގައި އެންމެ ފިނި ދުވަހެއްގެ ގޮތުގައި ރެކޯޑްކުރެވިފައިވެއެވެ.
އަހަރުގެ ތެރޭގައި އެންމެ ގަދައަށް ވައިޖެހުނުކަމަށް ރެކޯޑްކޮށްފައިވަނީ ހުޅުލެއަށެއެވެ. އެއީ މެއި 16 ވަނަ ދުވަހު ގަޑިއަކު 54 މޭލުގެ ބާރުމިނުގައެވެ. އަހަރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ދުވަހެއްގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 17 ޖުލައިގައި ހުޅުލެއަށް 139.6 މިލިމީޓަރުގެ ވާރޭއެވެ. ގަން ފިޔަވައި މައުލޫމާތު އެއްކޮށްފައިވާ ހުރިހާ އެހެން ތަންތަނުން ވެސް ވަނީ 100 މިލިމީޓަރަށްވުރެ މަތިން އެއްދުވަހާ އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރެކޯޑްކޮށްފައެވެ.