ކ. މާލެ
|
24 މާރޗް 2023 | ހުކުރު 10:01
ފަތުރުވެރިން
ފަތުރުވެރިން
ވެލާނާ އެއާޕޯޓް
ރާއްޖޭގެ ފަތުރުވެރިކަން
މިހާތަނަށް ރަޝިއާއިން އައި ފަތުރުވެރިން 57،000 ން މައްޗަށް
މިއަހަރުގެ މިހާތަނަށް 468،751 ފަތުރުވެރިން އައިސްފައިވޭ
މިއަހަރު 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒު ހިފާފައި

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުގެ ގޮތުގައި އޮތް ރަޝިއާއިން 57،938 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރަޝިއާ މާކެޓު ރާއްޖޭގެ ފަތުރުވެރިކަމަށް 12.4 އިންސައްތަ ހިއްސާކުރެއެވެ. މިދިޔަ އަހަރު ނިމުނުއިރު މި މާކެޓަކީ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި މާކެޓެވެ.

މިއަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އެގައުމުން މިހާތަނަށް 50،479 ފަތުރުވެރިން ވަނީ އައިސްފައެވެ. 2022 ނިމުނުއިރު ޓޮޕް މާކެޓުގެ ގޮތުގައި އޮތް އިންޑިއާ މިހާރު ހިއްސާކުރަނީ 10.8 އިންސައްތައެވެ.

ތިންވަނައިގައި އިނގެރޭސިވިލާތް ހިމެނޭއިރު އެގައުމުން މިހާތަނަށް އައިސްފައިވަނީ 43،566 ފަތުރުވެރިންނެވެ. މިއީ 9.3 މާކެޓު ހިއްސާއެވެ. މީގެ އިތުރުން އިޓަލީން 42،480 ފަތުރުވެރިން އައިސްފައިވާއިރު، ޖަރުމަނުން އައިސްފައިވަނީ 32،274 ފަތުރުވެރިންނެވެ. ފްރާންސްއިން 20،704 ފަތުރުވެރިން އައިސްފައިވާއިރު، އެމެރިކާއިން މިހާތަނަށް އައިސްފައިވަނީ 19،314 ފަތުރުވެރިންނެވެ. ޗައިނާއިން 14،608 ފަތުރުވެރިން އައިސްފައިވާއިރު، ސްވިޒަރލޭންޑުން އައިސްފައިވަނީ 10،987 ފަތުރުވެރިންނެވެ. އަދި ޕޮލޭންޑުން 8،612 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގ ތަފާސްހިސާބުތައް ދައްކާގޮތުން މާރޗް މަހުގެ 20 އާ ހަމައަށް މިމަހު އައިސްފައިވަނީ 118،337 ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް 468،751 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ 2022 ވަނަ އަހަރާ އަޅާ ބަލާއިރު 23 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. އަހަރުގެ މިހާތަނަސް ދުވާލަކު 6،602 ފަތުރުވެރިން އައިސްފައިވާއިރު، އާންމުގޮތެއްގައި 8 ދުވަހު ރާއްޖޭގައި މަޑުކުރާކަމަށް ވަނީ ރެކޯޑުކޮށްފައެވެ.

މިއަހަރު ނިމުމުގެ ކުރިން 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. މި އަމާޒަށް ވާސިލްވުމަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެކި މާކެޓުތަކުގައި ރާއްޖެ އިޝްތިހާރުކުރުމާއި، ރޯޑްޝޯތައް ދަނީ ބާއްވަމުންނެވެ.

- ކޮމެންޓް