Advertisement
ކ. މާލެ
|
20 މާރޗް 2023 | ހޯމަ 21:01
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން
ރާއްޖެއެމްވީ
ޖޭޕީން ކުރިއަށްގެންދިޔަ މަޝްވަރާތައް
ޖޭޕީން، އެމްއާރުއެމް އަދި ސަލަފު ޖަމްއިއްޔާއާއެކު މަޝްވަރާކޮށްފި
ގާސިމް ވިދާޅުވީ ކޯލިޝަން ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް، ކައުންސިލުން ފާސްވާ ގޮތެއްގެ މަތިން ކުރަމުންދާނެކަމަށް

ޖުމްހޫރީ ޕާޓީން, މިސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަދި ސަލަފް ޖަމްއިއްޔާއާއެކު މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ.

މިމަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވަނީ ވަކިވަކިންނެވެ. މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ވަކިން ވާދަކުރާ ގޮތަށް ވަނީ ނިންމާފައެވެ. އެމްއާރުއެމްގެ ލީޑަރ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެޕާޓީގެ ރައީސް ފާރިސް މައުމޫނާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވީ، މިމަޝްވަރާތަކަކީ ކުރިއަށް އޮތް އިންތިޚާބުގައި އެމްއާރުއެމްގެ ތާއީދު ޖޭޕީއަށް ހޯދުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއްކަމަށެވެ.

ގާސިމް ވިދާޅުވީ ކޯލިޝަން ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް، ކައުންސިލުން ފާސްވާ ގޮތެއްގެ މަތިން ކުރަމުންދާނެކަމަށެވެ. އެމްއާރުއެމްގެ ފަރާތުން ތިން ބޭފުޅަކު ކޯލިޝަންގެ މަޝްވަރާތައް ޖޭޕީއާއެކު ކުރިޔަށްގެންދާނެކަމަށް ގާސިމް ވިދާޅުވިއެވެ.

ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ފާރިސް ވިދާޅުވީ، އިންތިޚާބާ ގުޅިގެން އެމްއާރުއެމްއިން ހުރިހާ ފަރާތްތަކާވެސް ބައްދަލުކުރަމުންދާކަމަށެވެ. އެގޮތުން އެމްޑީޕީއާއެކު ވެސް މަޝްވަރާކުރާނެކަމަށާއި، ޖޭޕީއާއެކު ވެސް އަދިވެސް އެމްއާރުއެމްއާއެކު މަޝްވަރާކުރަން ބޭނުންވާ ފަރާތްތަކާއެކު އެޕާޓީން މަޝްވަރާކުރާނެކަމަށް ފާރިސް ވިދާޅުވިއެވެ. އަދި އެމްއާރުއެމްއިން ގޮތް ނިންމާނީ ގައުމަށް އެންމެ ފައިދާ ހުރި، މަސްލަހަތު ހުރި ގޮތަށްކަމަށް ވިދާޅުވިއެވެ. އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަމުންދާނެކަމަށާއި އެގޮތަކީ އެމްއާރުއެމްއިން ވަކި ކެންޑިޑޭޓަކު ނެރުންކަމުގައިވާނަމަ އެކަންވެސް ކުރާނެ ކަމަށް ފާރިސް ވިދާޅުވިއެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އެމްއާރުއެމްއިން ވަކި ގޮތެއް އަދި ނުނިންމާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ޖޭޕީގެ ރަނިންގ މޭޓަކަށް ފާރިސް ހެދުމާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ފާރިސްއަކީ ތައުލީމީ ބޭފުޅެއްކަމަށާއި، އެއީވެސް ވެދާނެ ގޮތެއްކަމަށެވެ.

ޖުމްހޫރީ ޕާޓީން ވަނީ އޭގެފަހުން ސަލަފް ޖަމްއިއްޔާއާވެސް ބައްދަލުކޮށް މަޝްވަރާތައް ކުރިޔަށްގެންގޮސްފައެވެ.

އެމްއާރުއެމްއިން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާވެސް ބައްދަލުކޮށްފައެވެ. ނަމަވެސް ކޯލިޝަނާމެދު ގޮތެއް ނުނިންމާކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.

ރައީސް ސާލިހާއެކު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ރާއްޖެއެމްވީއަށް ވިދާޅުވީ، ބައްދަލުވުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ރިޔާސީ އިންތިޚާބާގުޅޭ މަޝްވަރާތައް ކުރެއްވިކަމަށެވެ. އަދި އިތުރު ޓީމެއް ނަގައިގެން މަޝްވަރާތައް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަމަށެވެ. ނަމަވެސް ދެން ބައްދަލުކުރެއްވުމެއް އޮންނާނީ ކޮންއިރަކު ކަމެއް ވިދާޅެއްނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް