ކުޅިވަރަށް އަގުހުރި ހފުމަތްތަކެއް ކޮށްދެއްވާފައިވާތީވެ ފަސް ބޭފުޅެއްގެ އަގު ވަޒަންކޮށް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދީފި އެވެ.
މި ފަސް ބޭފުޅުންނަކީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ސަމަރްބްލޫ އިބްރާހީމް މަނިކާއި، ފުޓްބޅަ ދެ ރެފްރީން ކަމަށްވާ މައްލާ ޅަތުއްތު އާއި ތަރަނބޫޒް އަހުމަދު ރިޒާ އާއި، ކުއީން އަހުމަދު ވަހީދާއި ލޯޖެހި އަހުމަދު މަނިކެވެ.
މީގެތެރެއިން މިވަގުތުދުނިޔޭގައި ތިއްބެވީ ވަހީދާއި މައްލާ އެކަންޏެވެ. އަނެއް ތިން ބޭފުޅުން އަވަހާރަވީ މިދިޔަ އަހަރު އެވެ.
ސަމަރްބުލޫ އިބްރާހީމް މަނިކު ވަނީ ދިގު ޒަމާންތަކެއްވަންދެން އެފްއޭ.އެމް ހިންގަވާފަ އެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން އެވޯޑާ ހަވާލުވީ އިބްރާހީމް މަނިކުގެ އެއްބަނޑު އެއްބަފާ ބޭފުޅެއް ކަމަށްވާ ނަސްރީނާ އިބްރާހީމްގެ ދަރިކަލުން ފާރިސް މައުމޫނެވެ.
ރިޒާ އަކީ ވަރަށް ގނަ ދުވަހު ރެފްރީކަން ކުރެއްވި ފަރާތެކެވެ. އޭނާގެ ފަރާތުން އެވޯޑާ ހަވާލުވީ ދަރިކަލުން ނިހްލާ ރިޒާ އެވެ. އަދ ލޯޖެހި އަހުމަދު މަނިކަކީ ވިކްޓަރީ ސްޕޯޓްސް ކުލަބު ހިންގެވުމުގައި ވަރަށް އިސްދައުރެއް އަދާކުރެއްވި ފަރާތެކެވެ. މަނިކުގެ ފަރާތުން އެވޯޑާ ހަވާލުވީ ދަރިކަލުން އަހުމަދު ފަޔާޒެވެ.
މައްލާ ޅަތުއްތު އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ފީފާ ރެފްރީ އެވެ. އަދި މިހާރު ވެސް ރެފްރީންގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ފަރާތެކެވެ.
ކުއީން އަހުމަދު ވަހީދަކީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކުލަބު ނިއުރޭޑިއަންޓްގެ ބާނީ އެވެ.
މީގެ އިތުރުން ކުޅިވަރަށް ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާތީވެ، ވަރަށް ގިނަ ފަރާތްތަކަށް އަގުވަޒަން ކުރުމުގެ އެވޯޑް ދީފައިވެއެވެ. އޭގެ ތެރޭގައި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއް ސައްތާރާއި ކަމިޝަނރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް އާއި ހޭންޑްބޯލް އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަދި އޮލިމްޕިކް ކޮމިޓީގެ ނައިބް އަހުމަދު އިސްމާއީލް އާއި އަހުމަދު ހަފީޒް އާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ހިމެނުނެވެ. މީގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބް އާއި ކުރީގެ ރެފްރީ އަބްދުލް ހަކީމް (ހަކީމްބެ) ބޮޑީ ބިލްޑަރު މުހައްމަދު ހަލީމް (ކެސްޓޯ) އާއި ކްލަބް ވެލެންސިއާގެ ހިންގުމުގައި ވަރަށް އިސްދައުރެއް އަދާކުރި މުއައްސިސް އަދީލް ޖަލީލާއި ކުރީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުހައްމަދު (ދޮނާ) ބެޑްމިންޓަން ކޯޗު ހުސައިން ރަޝީދު ހަސަނާއި މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދާއި ކުޅިވަރުތަކެއް ކުޅުނު އިޝްރަތު ހަމީދަށް ވެސް އެވޯޑް ދިނެވެ.
މި ބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.