ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 08:16
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީ
ސަން
އެސްއޯއެފް
އެސްއޯއެފްއިން 165 މިލިޔަން ރުފިޔާ ހޯދަން ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށަނީ
ފުރަތަމަ އަޑުއެހުން ކެންސެލް ކުރީ އެސްއޯއެފް ހާޒިރު ނުވުމުން
އެމްއެމްޕީއާރުސީ ހާޒިރުނުވި ކަމަށް ބުނެ މީގެކުރިން މި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލާފައިވޭ
މައްސަލަ ޝަރީޢަތަށް ފޮނުވީ ދެފަރާތް ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ނުލިބުމުން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން 165 މިލިއަނެއްހާ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލައިގެ އަޑުއެހުމެއް މިއަދު ސިވިލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އެސްއޯއެފްއާ ދެކޮޅަށް އެމްއެމްޕީއާރުސީން ދައުވާކުރާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ސިވިލްކޯޓުގައި ތާވަލް ކޮށްފައި ވަނީ މިއަދު ހެނދުނު 11:15 އަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރުސީގެ ގާނޫނީ ވަކީލް ވިދާޅުވީ މައްސަލައާ ގުޅިގެން ދެ ފަރާތުން ބަދަލު ކުރަން ޖެހޭ ހުރިހާ ބަޔާނެއް ބަދަލުކޮށް ނިމިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަދު މައްސަލައިގެ އަޑުއެހުންތައް ފަށާނެ ކަމަށެވެ.

 އެމްއެމްޕީއާރުސީން އެސްއޯފްއާ ދެކޮޅަށް ދައުވާ ކުރާ މައްސަލައިގެ ޝަރީޢަތުގެ މަރުހަލާ ފެށި މިއީ ދެވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ނުލިބުމުން މައްސަލަ ޝަރީޢަތަށް ފޮނުވިއެވެ. އަދި ޝަރީޢަތުގެ މަރުހަލާގައި ދެ ފަރާތުން ބަދަލު ކުރަން ޖެހޭ ބަޔާންތައް ބަދަލުކޮށް ނިމިފައި ވަނިކޮށް ސިވިލް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.

އެގޮތުން އޭރު އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލާފައި ވަނީ ޝަރީޢަތުގެ އަޑުއެހުމަށް އެމްއެމްޕީއާރުސީ ހާޒިރު ނުވި ކަމަށް ބުނެއެވެ. ނަމަވެސް އެމްއެމްޕީއާރުސީން ބުނެފައި ވަނީ އެ ފަރާތުން ޝަރީޢަތަށް ހާޒިރު ނުވީ މައްސަލައިގެ ޗިޓް ލިބިފައި ނުވާތީ ކަމަށެވެ.

އެމްއެމްޕީއާރުސީން ދައުވާ ކޮށްފައިވަނީ އެ ދެ ކުންފުނީގެ ދެމެދުގައި ހެދިފައި އޮތް އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 10.3 މިލިއަން ޑޮލަރު (158 މިލިއަން ރުފިޔާ) އާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ދޫކުރި ހަތަރު ލައްކަ ޑޮލަރު (6.1 މިލިއަން ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށެވެ. އަދި އެ ދެ ކުންފުނީގެ ދެމެދުގައި އޮތް އެއްބަސްވުން އުވާލަން ވެސް ދައުވާގައި އެމްއެމްޕީއާރުސީން އެދިފައި ވެއެވެ.

އެސްއޯއެފް ކުންފުންޏަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތްގުޅުމެއް އޮންނަ އަދި ހިބަޅިދޫ މައްސަލައާއިއެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އިންޓަޕޯލް މެދުވެރިކޮށް ހޯދަން އިއުލާނުކޮށްފައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ހިއްސާ އޮތް ކުންފުންޏެކެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައި ވެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި އެސްއޯއެފް ކުންފުނި މެދުވެރިކޮށް އެކި ފަރާތްތަކަށް 1.3 ބިލިއަންރުފިޔާ ބަހާފައިވާއިރު، އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވި މައްސަލާގައި އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަނީ ޖަލަށްލާފަ އެވެ.

- ކޮމެންޓް