Advertisement
ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 02:17
ފުލުހުން ހައްޔަރުކުރި އަހުމަދު ޝާފިއު
ފުލުހުން ހައްޔަރުކުރި އަހުމަދު ޝާފިއު
ރާއްޖެއެމްވީ
ޖޭޕީ މެމްބަރަކު ހައްޔަރުކުރުން
ކޯޓު އަމުރެއްގެ ދަށުން ޖޭޕީގެ މެންބަރަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން
ހައްޔަރުކުރި ސަބަބެއް އަދި ނޭނގޭ
އޭނާ ހައްޔަރުކުރީ ކުނޫޒް ދޮރުމަތިން

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ އަދި އޮފީސް ހިމެނޭ މ ކުނޫޒް ދޮރުމަތިން އެޕާޓީގެ މެންބަރަކު ކޯޓު އަމުރެއްގެ ދަށުން ހޯމަ ދުވަހުގެރޭ ހައްޔަރުކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަހުމަދު ސަމީރު ވިދާޅުވީ ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަކަށް ލައިގެން ގެންގޮސްފައިވަނީ ކުނޫޒް ދޮރުމަތީގައި ހުއްޓާ އެޕާޓީގެ މެންބަރު އަހުމަދު ޝާފިއު ކަމަށެވެ.

ސަމީރު ވިދާޅުވީ ފުލުހުން ކޯޓު އަމުރެއް ދެއްކި ކަމަށާއި އެހެން ނަމަވެސް އެއަމުރުގައި ވާއެއްޗެއް ކިޔާލުމުގެ ފުރުސަތުވެސް ލިބިފައި ނުވާކަމަށާއި އެއަމުރާއެކު 3 ގަނޑު އޮތް ކަމަށާއި އެއީ އެއަމުރުގައި ހިމެނޭ ގަނޑުތަކެއްކަމެއް ނުވަތަ އެހެން ބަޔަކު ހައްޔަރު ކުރުމުގެ ކޯޓު އަމުރެއްކަމެއް އެނގިފައި ނުވާކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ޝާފިއު ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލް ދިއުމުން ޝާފިއުގެ ޤާނޫނީ ވަކީލް އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު ފުލުހުންގެ މުއައްސަސާތަކަށް ވަޑައިގެންނެވިކަމަށާއި ނަމަވެސް ޝާފިއު ހައްޔަރުކޮށްފައިވާ ކަމުގެ އެއްވެސް ރެކޯޑެއް ނެތްކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާފިއު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު މެންބަރުން ހުށަހެޅުއްވިއިރު އޭގައި ސޮއިކުރައްވާފައިވާ އަހުމަދު ރަޝީދު، އެމެންބަރުންގެ ސޮޔަކީ އެމެންބަރަށް ނޭނގި ކުރައްވާފައިވާ ސޮއިއެއް ކަމަށް ބުނެ އކަން ބަލައިދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާތީ އެކަމުގެ ތަހުގީގްގެ ތެރެއިންނެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ޝާފިއުއަކީ އެލިސްޓްގައި އަހުމަދު ޝާފިއު ސޮއިކުރެއްވިއިރު އެމަންޒަރު ފޮޓޯ ނަގައި އަދި ވީޑިއޯ ކުރި މީހާއެވެ.

ނަމަވެސް ފުލުހުންގެ ބަހެއް ލިބިފައި ނުވާތީ އެކަން ކަށަވަރުވެފައެއް ނުވެއެވެ

އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި މައްސަލއިގައީ އަހުމަދު ރަޝީދު ސޮއި ނުކުރައްވާކަމަށް ވިދާޅުވާއިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއެކު އެލިސްޓްގައި ސޮއި ކުރައްވަން އިންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި ޢާއްމުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
4 ޖުލައި 2017 | އަންގާރަ 08:20
ކޮސް
ހެކިނައްތާލުމުގެ ބޭނުމަގަ ކަމަށްވާނީ .