ބީއެޗްއެމް ޓްރޭޑަރސްގެ އައު ފިހާރައެއް މާލޭ ބާޒާރުމަތީ ސަރަހައްދުގައި ހުޅުވައިފިއެވެ.
ބުރާސްފަތި ދުވަހު މި ފިހާރަ ހުޅުވައިދެއްވީ ބީއެޗްއެމް ޓްރޭޑަރސްގެ ވެރިޔާ ހުސެއިން މޫސާއެވެ.
މި ފިހާރައާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ބީއެޗްއެމްގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ އިބްރާހިމް މައުމޫން ވިދާޅުވީ މިއީ އެކުންފުނީގެ ދެވަނަ ފިހާރަ ކަމަށެވެ. މިއީ ރީޓެއިލްކޮށް ތަކެތި ވިއްކަން ޚާއްސަކޮށް ހުޅުވާފައިވާ ފިހާރައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރޯދަމަހާ ކައިރިކޮށް ފިހާރަ ހުޅުވިފައިވާއިރު ރޯދައިގެ ކުރިން ސޭލްއެއް ބާއްވަން ނިންމާފައިވާކަމަށެވެ. އެ ފިހާރައިން ބީއެޗްއެމްއިން ވިއްކާ ހުރިހާ ބާވަތެއްގެ މުދާ މިހާރު ލިބެންހުންނާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން އިތުރަށް ވިދާޅުވީ އެކުންފުނީގެ 3 ވަނަ ފިހާރައެއް ވަރަށް އަވަހަށް ހުޅުމާލޭގައި ހުޅުވުމަށް މަޝްވަރާކުރެވެމުންދާކަމަށެވެ.
ބީއެޗްއެމްއިން ގެންދަނީ ދިވެހިންގެ އާންމު ދިރިއުޅުމުގައި ކެއުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކަމުންނެވެ.