ކ. މާލެ
|
7 މާރޗް 2023 | އަންގާރަ 19:21
ލާމަރުކަޒީ ކޮމިޓީ
ލާމަރުކަޒީ ކޮމިޓީ
މަޖުލިސް
ކައުންސިލަށް އެސްޖީން އައްޔަންކުރުން
މަޝްވަރާނުކޮށް އައްޔަންކުރާ އެސްޖީން، ކައުންސިލްތަކުން ގަބޫލެއް ނުކުރޭ: އެލްޖީއޭ
އިދާރީގޮތުން ކައުންސިލްތައް ހިންގަން ފެށިއިރުވެސް ގިނަ ގޮންޖެހުންތައް ދިމާވި
ނިންމުންތައް ތަންފީޒުކުރުމުގައި ގޮންޖެހުންތައް ދިމާވޭ
މިކަމަށް ހައްލު ގެނެވޭނީ އަނެއްކާވެސް ގާނޫނަށް އިސްލާހު ގެނެސްގެން

ކައުންސިލްތަކާ މަޝްވަރާނުކޮށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުން އެއީ ކައުންސިލްގެ މުވައްޒަފުންކަމަށް ގިނަ ކައުންސިލްތަކުން ގަބޫލުނުކުރާ ކަމަށް، ލޯކަލް ގަވަރންމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފިއެވެ.

އަންގާރަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން މިފަދައިން ވިދާޅުވީ އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. މި ކޮމިޓީއަށް އެލްޖީއޭގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަން ހާޒިރުކުރިއެވެ.

ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ 2011ން ފެށިގެން ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގަން ފެށިއިރުވެސް, އިދާރީގޮތުން ކައުންސިލްތައް ހިންގުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ދިމާވަމުންދިޔަ ކަމަށެވެ.

ޝަރީފު ވިދާޅުވީ ކައުންސިލް މެމްބަރުންގެ މަޝްވަރާއާއެކު ކައުންސިލް ތެރެއިން އިދާރީ އިސް މުވައްޒަފެއް އައްޔަންކުރުމަށް ގާނޫނުގައި އޮންނަކަމަށެވެ. އެހެންނަމަވެސް ގިނަ ފަހަރަށް އެ މުވައްޒަފު އައްޔަންކުރެވެނީ މެމްބަރުންގެ މަޝްވަރާ ނެތި ކަމަށާއި، އެހެންކަމުން އެ އެ މުވައްޒަފަކީ ކައުންސިލްތަކުގެ ސިޔާސީ ވިސްނުމާއި ފިކުރާ އެއް ފިކުރެއްގެ މުވައްޒަފަކަށް ނުވާކަމަށެވެ. މިއާއެކު، ނިންމުންތައް ތަންފީޒުކުރުމުގައި ގޮންޖެހުންތައް ދިމާވެ، ބައެއް ކައުންސިލްތަކުގެ ހިންގުން ހުއްޓުމަކަށް އައިކަންވެސް ފާހަގަވިކަމަށް އޭނާ ވިދާޅުވިއެވެ.

މިއާއެކު 2018ގައި ގާނޫނަށް އިސްލާހު ގެނައުމަށް، ކައުންސިލުން އެދޭ އެންމެ އިސް ފަރާތެއް، ސެކްރެޓަރީ ޖެނެރަލެއްގެ ގޮތުގައި އައްޔަންކުރުމަށް ހުށަހެޅިކަމަށް ޝަރީފް ވިދާޅުވިއެވެ. ގާނޫނަށް އިސްލާހު ގެނައިއިރު، އެސްޖީން އައްޔަންކުރަންވާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަމާއި، އެމީހަކީ ކައުންސިލްގެ ރުހުން އޮންނަ މީހަކަށް ވާންޖެހޭކަމަށް ބަޔާންކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ލަފާ ނުދެއްވާ މުވައްޒަފަކު އައްޔަނެއް ނުކުރައްވާނޭ ސިވިލް ސަރވިސް ކޮމިޝަނަކުން. އެއީ އަޅުގަނޑުމެންގެ ވިސްނުމަކަށްވީ. އެހެންނަމަވެސް ސިވިލް ސަރވިސް ކޮމިޝަންގެ ގާނޫނުން އެބޭފުޅުންނަށް ކައުންސިލްގެ ލަފާ އޮތަސް، އެ ލަފަޔާ އެއްގޮތަށް މުވައްޒަފުން ނެގުން ލާޒިމް ނުވާކަމަށް އެ ބޭފުޅުން ވިދާޅުވަނީ. އެހެންކަމުން އައްޔަންކުރެވޭ މުވައްޒަފަކީ ގިނަ ފަހަރަށް ކައުންސިލްތަކުގެ ރުހުން ނޯންނަ މުވައްޒަފަކަށްވާތީ ކައުންސިިލްތަކުން އެއީ މުވައްޒަފެއް ގޮތުގައި ގަބޫލެއް ނުކުރައްވާ.
އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް، އާދަމް ޝަރީފް

މި މައްސަލައާ ގުޅޭގޮތުން ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ، މި މައްސަލައަކީ އެންމެ ފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރަން ފެށުމުން ދިމާވާންފެށި މައްސަލައެއް ކަމަށެވެ.

ނާސިހު ވިދާޅުވީ ކައުންސިލްތަކަށް އެސްޖީން އައްޔަންކުރުމުގެ މަސައްކަތް ކުރިއަށްދަނީ ސިވިލް ސަރވިސްގެ ޕްރޮސެސްގެ ތެރެއިން ކަމަށެވެ. އަދި އެސްޖީން އައްޔަންކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.

އަޅުގަނޑުމެން މި ގަބޫލުކުރަނީ އަޅުގަނޑުމެންގެ މި ޕްރޮސެސް ގެންދާއިރު، ތައުލީމީ ފެންވަރާ ތަޖުރިބާއަށް ބެލުމަށް ފަހު އިންޓަރވިއުކޮށް، އެންމެ ގާބިލް ފަރާތެއް ހޮވަންޖެހޭނެކަމަށް.
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، މުހައްމަދު ނާސިހު

ނާސިހު ވިދާޅުވީ އެސްޖީއެއް ކަނޑައެޅުމުގައި ކައުންސިލްގެ ލަފަޔާ އެއްގޮތަށް އަމަލުކުރުމާއި ނުކުރުމުގެ އިޚްތިޔާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިފައިވާކަމަށެވެ. އެހެންކަމުން މި މައްސަލައަށް ހައްލެއް އަންނާނީ މާއްދާގައި އޮންނަ އޮތުން މިފަދައިން ތަފްސީލުކޮށް ބަޔާންކުރެވިގެންކަމަށް ގަބޫލުކުރައްވާކަމަށެވެ. ކައުންސިލްގެ ލަފާ އޮންނަ ފަރާތެއް އައްޔަންކުރަން ޖެހޭނެކަމަށް ގާނޫނަށް ބަދަލު ގެނައުމުން އެކަން ވަރަށް ސާފުވާނެ ކަމަށް ނާސިހު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް