ސައުދީ އަރަބިއްޔާގެ ޔުނިވާސިޓީތަކުގައި ޔޯގާ ތައާރަފްކުރަން އެ ގައުމުގެ ސްޕޯޓްސް މިނިސްޓްރީން ނިންމައިފި އެވެ.
ސައުދީގެ ޔޯގާ ކޮމިޓީގެ ރައީސް ނޫފް އަލް މަރްވާއީ ވިދާޅުވީ ޔޯގާއަށް އެހީތެރިވެ ޕްރޮމޯޓް ކުރުމަށް ސައުދީ އަރަބިއްޔާގެ ބޮޑެތި ޔުނިވާސިޓީތަކާ އެކު ކޮންމެ އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށެެވެ.
މިކަން އިއުލާންކޮށްފައިވަނީ ދާދިފަހުން ވެރި ރަށް ރިޔާދުގައި ސައުދީ ޔުނިވާސިޓީސް ސްޕޯޓްސް ފެޑެރޭޝަނާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އިންތިޒާމްކުރި “ދަ ރޯލް އޮފް ޔުނިވަރސިޓީ ސްޕޯޓްސް އިން ސަޕޯޓިންގ ދަ ކިންގްޑަމްސް ވިޝަން އިން ސްޕޯޓްސް” ގެ ނަމުގައި ބޭއްވި ފޯރަމެއްގައެވެ.
އެ ފޯރަމްގައި އަލްމަރްވާއީ ވިދާޅުވީ ޔުނިވާސިޓީތަކަށް ޔޯގާ ތައާރަފް ކުރުމަށް ކޮމިޓީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ކަން ކުރުމަށް ނިންމައިފައިވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޔޯގާގެ މުހިންމުކަން އަންގައިދިނުމަށް ޓަަކައި ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޔޯގާ ހަދާ މީހުންނަށް އެއިން ސިއްހީ ގިނަ ފައިދާތަކެއް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ލިބޭކަމަށެވެ
އަލްމަރްވާއީ އިތުރަށް ވިދާޅުވީ ކޮމިޓީގެ އަމާޒަކީ ގައުމުގައި ޔޯގާގެ ހުނަރު ހޯދައި، އެމީހުންގެ ހުނަރު ތަރައްގީކުރުމުން ލޯކަލް އަދި އިންޓަނޭޝަނަލް މުބާރާތްތަކުގައި ގައުމު ތަމްސީލުކޮށް ވަނަތައް ހޯދާނެކަމުގެ އުންމީދުގައި ކަމަށެވެ.