Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 16:15
ރައީސް މައުމޫން އަބްދުލްގައްޔޫމް: އޭސީސީން ޒިޔާރަތްކުރާނެ ކަމެއް ނެތް، އަޅުގަނޑު ހާޒިރުވާނަން
ރައީސް މައުމޫން އަބްދުލްގައްޔޫމް: އޭސީސީން ޒިޔާރަތްކުރާނެ ކަމެއް ނެތް، އަޅުގަނޑު ހާޒިރުވާނަން
މުހައްމަދު ޝަރުހާން
ރައީސް މައުމޫނު
އޭސީސީއަށް ހާޒިރުވެވަޑައިގެންނެވޭނެ ތާރީޚެއް ރައީސް މައުމޫން ދެއްވައިފި
އަންގާރަ ނުވަތަ ބުދަ ދުވަހުގެ މެންދުރު 1:00 އަށް
އޭސީސީން ބުނީ ފަސޭހަފުޅު ވަގުތެއްގައި ޒިޔާރަތްކުރާނެ ކަމަށް
ރައީސް މައުމޫން ބޭނުންފުޅުވަނީ އޭސީސީއަށް ހާޒިރުވެވަޑައިގަންނަވަން

އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ތަހުގީގު ކުރަމުންދާ ތީމުގޭ އޮޑިޓް ރިޕޯޓުގެ މައްސަލައިގައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބަޔާނެއް ނެގުމަށް ބޭނުންވާކަން ހާމަކޮށްފައިވަނިކޮށް، އޭސީސީއަށް ހާޒިރުވެ ވަޑައިގެންނެވޭނެ ތާރީޚެއް އެމަނިކުފާނު ދެއްވައިފި އެވެ.

 

އޭސީސީއަށް ވަޑައިގަންނަވާނެ ތާރީޚެއް ރައީސް މައުމޫން ދެއްވާފައިމިވަނީ، ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއްގެ ތަހުގީގުގައި އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް ފަސޭހަފުޅު ވަގުތެއްގައި އެމަނިކުފާނުގެ އަރިހަށް ޒިޔާރަތްކުރާނެ ކަމަށް އޭސީސީން ބުނެފައިވަނިކޮށެވެ.

 

އޭސީސީއަށް ރައީސް މައުމޫން އާދިއްތަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ބަޔާން ނެގުމަށް ކޮމިޝަނުގެ ޓީމެއް އެމަނިކުފާނުގެ އަރިހަށް ވަޑައިގަތުމަށްވުރެ ރަނގަޅުވާނެ ކަމަށް ފެނިވަޑައިގަންނަވަނީ އެމަނިކުފާނު ކޮމިޝަނަށް ހާޒިރުވެވަޑައިގަތުން ކަމަށެވެ. 

 

އެގޮތް އެންމެ ރަނގަޅުކަމުގައިވާނަމަ، އަންގާރަ ދުވަހާއި ބުދަ ދުވަހާއި ދެ ދުވަހުންކުރެ ދުވަހެއްގެ މެންދުރު އެކެއް ޖަހާއިރަށް ހާޒިރުވެވަޑައިގެންނެވިދާނެ ކަމަށް ރައީސް މައުމޫންގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

 

މީގެ އިތުރުން ކޮމިޝަނަށް ހާޒިރުވެވަޑައިގަންނަވާއިރު، ގާނޫނީ ވަކީލު މައުމޫން ހަމީދު ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

 

ރައީސް މައުމޫންގެ އަރިހަށް ޒިޔާރަތްކޮށް ބަޔާން ނަގަން ބޭނުންވާ ކަމަށް އޭސީސީން އެންގުމާއި ވިދިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތީމުގޭގެ އޮޑިޓް ރިޕޯޓްގެ މައްސަލާގައި އެމަނިކުފާންގެ ބަޔާނެއް ނެގުމަށް އޭސީސީގެ މެމްބަރުން އެމަނިކުފާންގެ އަރިހަށް ވަޑައިގަންނަވަން ނުޖެހޭ ކަމަށާއި، އޭސީސީއަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.

 

ރައީސް މައުމޫން ވިދާޅުވީ އޭސީސީއަށް ބަޔާން ދެއްވަން ވަޑަގަންނަވާއިރު މީޑިއާ ވެސް އެތަނުގައި ތިބެން ޖެހޭނެ ކަމަށާއި އޭރުން ގައުމުގެ ހުރިހާ ރައްޔިތުންނަށް ވެސް ކަންހިނގަމުންދާ ގޮތް ފެނިގެންދާނެ ކަމަށެވެ. އަދި ކަން ހިނގާ ގޮތް އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

 

ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި 10 އަހަރު ފަހުން ރައީސް މައުމޫނާ ސުވާލުރައްވާއިރު، މި މައްސަލައިގައި ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އޭސީސީ އަށާއި ޕޮލިހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ.

 

ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވީ ސާފް ޗެމްޕިއަންޝިޕު ބެއްލެވުމަށް 2008 ވަނަ އަހަރު ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ހިންގި ކަމަށް ބުނާ ހަރަދުތައް ހޯދުމަށެވެ. ނަމަވެސް، ޕީޖީ އޮފީހުން ނިންމާފައި ވަނީ ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައި އޮތުމުން އެ މައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށެވެ. ގާނޫނުލް އުގޫބާތުގެ 61 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށްތަކަށް ދައުވާ ކުރަން ޖެހޭނީ ކުށްކުރާ ވަގުތުން ފެށިގެން އަށް އަހަރުގެ ތެރޭގައެވެ. ޖުނަހުގެ ކުށްތަކުގައި ދައުވާ ކުރަން ޖެހޭނީ ތިން އަހަރުގެ ތެރޭގައެވެ.

 

ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި ރައީސް މައުމޫނުގެ ބަޔާން ނަގަން އޭސީސީން ނިންމިއިރު، އެ މަނިކުފާނު ވަނީ އެއްބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީނަށް ކުރައްވާ ތާއިދު އަނބުރާ ގެންދަވާފަ އެވެ. މި ސަރުކާރުގެ ތެރޭގައި ހިޔާނާތުގެ މައްސަލަ އާއި ޑިމޮކްރަސީގެ އުސޫލްތަކާ ހިލާފު ކަންކަން ހިންގަމުންދާ ކަމަށާއި، ސަރުކާރު ހިންގަނީ ޕީޕީއެމްގެ އަސާސްތަކާ ހިލާފަށް ކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފަ އެވެ. މިހާރު އެ މަނިކުފާނު މަސައްކަތް ކުރައްވަނީ ގައުމު އިސްލާހުކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކާ ގުޅިގެންނެވެ. ތިން މަހެއްހާ ދުވަހު ރައީސް މައުމޫން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު އެނބުރި ވަޑައިގަތީ މި މަހުގެ 14 ގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް