Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 14:56
އެޓާނީ ޖެނެރަލް މުހައްމަދު އަނިލް
އެޓާނީ ޖެނެރަލް މުހައްމަދު އަނިލް
ގޫގުލް
އެޓާނީ ޖެނެރަލްގެ އޮފީސް
ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލު އަންނާނެ، ހެއްކާއި ބެހޭ ބިލް ފާސްވުން މުހިއްމު: އޭޖީ
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިއަދު

ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި އުއްމީދަކީ ހެއްކާއި ބިލް ފާސްވެގެން ދިއުން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީސް(އޭޖީ) އިން ބުނެފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުމަށް ފެށުމާއެކު އޭޖީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ކުރެވިފައިވާ ގާނޫނެއްކަމަށްވާތީ ކަމާބެހޭ އިދާރާތްތަކުން އެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތައް އެކުލަވާލުމުގެ މަސައްކަތް އެ އޮފީހުން ކުރިއަށް ގެންދާކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމުގައި އެކި ފަރާތްތަކުން އަމަލުކުރަންވީ ގޮތުގެ އުސޫލުތަކާއި ރައްޔިތުންނަށް ލިބިފައިވާ ހައްގުތަކާއި އަދި ގާނޫނު ތަންފީޒުކުރާ އެކި ފަރާތްތަކަށް ލިބިފައިވާ ބާރުތަކާއި އެ ބާރުތައް ބޭނުންކުރަންވީ ގޮތް އެންމެ ތަފްސީލުކޮށް މިހާތަނަށް އެއް ގާނޫނެއްގައި ލިޔެވި ބަޔާން ކުރެވިފައިވާ ގާނޫނެކެވެ.

 އަދި އެގާނޫނަކީ މިހާތަނަށް ރާއްޖޭގައި ފާސްކުރެވުނު ގާނޫނުތަކުގެ ތެރެއިން އެންމެ ޒަމާންވީ ވިސްނުމަކާއެކު ތައްޔާރުކުރެވި ޖިނާއީ އަދުލުގެ ނިޒާމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނުވާނެ ގާނޫނެއްކަމަށް އޭޖީއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"މިއަދު މި ގާނޫނަށް އަމަލު ކުރެވެން ފެށުމުން ޖިނާއީ އަދުލުގެ ނިޒާމުގެ އެކި މަރުހަލާތަކުގައިއަމަލު ކުރާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށްކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. "އޭޖީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އޭޖީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާދީއްތަ ދުވަހުން ފެށިގެން އަމަލު ކުރާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކަމަށްވާތީ އެ ގާނޫނަށް ހިޖުރަކުރުމަށާއި އެ ގާނޫނު ތަންފީޒުކުރުމަށްޓަކައި އެ ގާނޫނުގައިވާ ގިތުގެ މަތިން ގާނޫނު ތަންފީޒުކުރުމުގެ ދައުރު އަދާކުރާ ހުރިހާ އިދާރާއެއްގެ އުސޫލުތަކަށާއި މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެ އިދާރާތަކަށް ބަންޑާރަނައިބު އަންގަވާފައިވާކަމަށެވެ.

މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުމަށް އަހުލުވެރެރިކުރުވުމަށް ތަމްރީނު ދިނުމަށް ދިވެހި ސަރުކާރާއި އ.ދގެ ޑިވެލޮޕްމެންޓް ޕްރޮގްރާމާއި ގުޅިގެން ހިންގާފައިވާކަމަށް އޭޖީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް