Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 13:26
ޝެއިޚް އިމްރާން ޖަލަށް ބަދަލުކުރީ މިދިޔަ ހުކުރު ދުވަހު
ޝެއިޚް އިމްރާން ޖަލަށް ބަދަލުކުރީ މިދިޔަ ހުކުރު ދުވަހު
ރާއްޖެ އެމްވީ
ޝެއިޚް އިމްރާން
އިމްރާން ބަންދުކޮށްފައިވަނީ "ޑެތް ރޯ" ޔުނިޓުގައި، ޖަލުގެ ހާލަތު ތަހުގީގުކޮށް ހައްލު ހޯދައިދީ: އާއިލާ
އިމްރާން ބަންދުކޮށްފައިވަނީ ވައި ދައުރުނުވާ އިންތިހާއަށް ހޫނު ގަދަ ތަނެއްގައި
ނިދުމަށް ގޮދަޑިއެއް ވެސް އިމްރާނަށް ދީފައެއް ނުވޭ
މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން ބަހައްޓާ ޔުނިޓެއްގައި

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ބަންދުކޮށްފައިވަނީ "ޑެތް ރޯ" ޔުނިޓުގައި ކަމަށް ބުނެ ޖަލުގެ ހާލަތު ތަހުގީގުކޮށް ހައްލު ހޯދައި ދިނުމަށް އާއިލާގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) ގައި އެދިއްޖެ އެވެ.

 

އެޗްއާރްސީއެމް އަށް އާދިއްތަ ދުވަހު އެ މައްސަލަ ހުށަހެޅުއްވީ ޝެއިޚް އިމްރާންގެ އަނބިކަނބަލުން މަރްޔަމް ރީމް އެވެ.

 

ޓެރަރިޒަމުގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޝެއިޚް އިމްރާން ރޯދަ މަހާ ދިމާކޮށް ގެއަށް ބަދަލުކުރުމަށް ފަހު އަނބުރާ ޖަލަށް ގެންގޮސްފައިވަނީ ހުކުރު ދުވަހު އެވެ. މާފުށީ ޖަލުގައި އިމްރާން ބަންދުކޮށްފައިވަނީ ބޮޑެތި ކުށްވެރިންނާއެކުގައި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި އަދާލަތު ޕާޓީން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

އެޗްއާރްސީއެމް އަށް އިމްރާންގެ އަނބިކަނބަލުން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މާފުށީ ޖަލުގައި އިމްރާން ބެހެއްޓިފައިވަނީ އިންސާނީ ގަދަރަށާއި ކަރާމާތަށް އިހާނެތިވާ ގޮތަށް ކަމަށާއި އެއީ އެއްވެސް ފަރާތަކާ މެދު އަމަލުކުރެވިގެންވާނެ ފަދަ ގޮތެއް ނޫން ކަމަށެވެ.

 

ސިޓީގައި ބުނެފައިވާ ގޮތުގައި އިމްރާން ބެހެއްޓިފައިވާ ތަނަކީ ވައި ދައުރުނުވާ، އިންތިހާއަށް ހޫނު ގަދަ ތަނެކެވެ. އެތަނުގައި ކުޑަ މިނުން ފަންކާއެއްހާ ހިސާބު ވެސް ނެތް ކަމަށާއި ނިދުމަށް ގޮދަޑިއެއް ވެސް ނެތް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

 

އިމްރާންގެ އަނބިކަނބަލުން ވިދާޅުވެފައިވާ ގޮތުގައި އިމްރާން ބަހައްޓާފައިވަނީ ޖަލުގައި ވަނަމެއްގެ ގޮތުން "ޑެތް ރޯ" ނަމަކަށް ކިޔޭ ޔުނިޓެއްގައި ކަމަށާއި އެއީ މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން ބަހައްޓާ ޔުނިޓެއް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި އެ ކަންތައްތަކަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ނުހަނު އަސަރުކުރުވާނެ ކަންކަން ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

 

އެ ސިޓީގައި ޝެއިޚް އިމްރާނުގެ އަނބިކަނބަލުން އެދިވަޑައިގެންފައިވަނީ، އިމްރާނާ މެދު މާފުށި ޖަލުގައި ކަންކުރެވޭ ގޮތް، އެޗްއާރްސީއެމް އަށް ލިބިގެންވާ ބާރާއި އަދާކުރުމަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، ތަހުގީގުކޮށް ސުލްހަވެރި ހައްލެއް ހޯދައި ދިނުމަށެވެ.

 

ދެހާސް ފަނަރަ ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަފުޅާ ގުޅިގެން ޓެރެރިޒަމްގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޖަލަށްލީފަހުން ފުރަތަމަ ފަހަރަށް މީޑިއާއަކަށް އިންޓަވިއު ދެއްވީ ހުކުރުދުވަހު ޖަލަށް ބަދަލު ކުރެއްވުމުގެ ކުރިން ރާއްޖެޓީވީއަށެވެ.

 

މި އެކްސްކުލޫސިވް އިންޓަވިއުގައި ޝެއިޚް އިމްރާން ވަނީ ރައްޔިތުން ފަހަތަށް ނުޖެހި ސާބިތުކަމާއެކު ތިއްބެވުމަށް ގޮވާލައްވާފައެވެ. އަދި ފިނޑިނުވެ ފަހަތަށް ނުޖެހި މަސައްކަތް ކޮށްފިނަމަ ދާދި އަވަހަށް ނަސްރު ލިބޭނޭ ކަމަށް އިމްރާން ވިދާޅުވިއެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް