ނިމިދިއަ ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. ވިލިނގިލިން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް، ހަތް ބަކަރި ކަތިލައި ރަށުގެ ހުރިހާ ރައްޔިތުންނަށް ޖާފަތެއް ބާއްވައިފި އެވެ.
ވިލިނގިލި ކައުންސިލްގައި ހިމެނެނީ ފަސް ކައުންސިލަރުންނެވެ. އެ ހުރިހާ ގޮނޑިއެއްވެސް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކައުންސިލަރުންނެވެ.
ވިލިނގިލި ރައްޔިތުންނަށް ބޭއްވި ހާއްސަ އެޖާފަތް އިންތިޒާމްކުރި އެމްޑީޕީގެ އިސް އެކްޓިވިސްޓް ޝަހުރާބް އަބްދުﷲ "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ޖާފަތަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ތެރޭގައި އޭނާވި ވައުދެއް ފުއްދުމަށް ބޭއްވި ޖާފަތެއް ކަމަށެވެ. އެގޮތުން އޭނާ ވަނީ ހޮނިހިރު ދުވަހުގެ ރޭ ހަތް ބަކަރި ކައިލައި ވިލިނގިލީގައި ދިރިއުޅޭ ރައްޔިތުންނަށް ޖާފަތެއް ދީފައެވެ. ޝަހުރާބު ބުނީ ޖާފަތް ތައްޔާރުކޮށްފައިވަނީ 2000 މީހުންނަށް ޓަކެޓްކޮށްގެން ކަމަށާއި އެގޮތުން އެ ޖާފަތް ވަރަށް ކާމިޔާބުކަމާއެކު ރަށުގެ ކުދިބޮޑު ރައްޔިތުންނާއި ކައިރި ކޮލަމާށި ކައުންސިލާއި ގދ. ތިނަދޫ ކައުންސިލަރުންވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި ގޭގެއަށްވެސް ޞަދަގާތް ކޮށްފައިވާ ކަމަށެވެ.
ޝަހުރާބު ބުނީ ބޮޑު މަގުގައި ބޭއްވުމަށް ނިންމި އެޖާފަތް ފަހުން ބާއްވާފައިވަނީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ކެމްޕެއިން ޖަގަހަގައި ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނީ މިދުވަސްވަރު އެރަށަށް ވަރަށް ބޯކޮށް ވާރޭ ވެހޭތީ ކަމަށެވެ.
މީގެއިތުރުން ޝަހުރާބު ބުނީ މިއީ ވިލިނގިލީ ތާރީހުގައިވެސް އެއް ޕާޓީއަކަށް ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރެވުނު ފަހަރު ކަމަށާއި މިކަމުގައި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސައިންއާއި ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުންގެ ވަރަށްބޮޑު އެއްބާރުލެއްވުމެއް ލިބިފައިވާ ކަމަށާއި އެކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.