ކ. މާލެ
|
7 ފެބްރުއަރީ 2023 | އަންގާރަ 22:26
މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ ޓީމު ރައީސް އާއި ކެބިނަޓަށް މައުލޫމާތު ހިއްސާކުރައްވަނީ
މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ ޓީމު ރައީސް އާއި ކެބިނަޓަށް މައުލޫމާތު ހިއްސާކުރައްވަނީ
މިއުވާން މުހައްމަދު / ޓްވިޓަރ
މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ
"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި
މި ސަރވޭގެ ދެވަނަ ފިޔަވަހި ކުރިޔަށްދަނީ ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީއާއި ގުޅިގެން މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭގެ ނަމުގައި
ސަރވޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހުރި ސަގާފީ މާއްދީ ތަރިކަ ދަފުތަރު ކުރެވިގެންދާނެ

ރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ މައުލޫމާތު އެއްކުރުމަށް ކުރިޔަށްގެންދާ މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ އާ ގުޅޭގޮތުން އެމަސައްކަތްކުރަމުން އަންނަ ޓީމާއި މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންގާރަ ދުވަހުގެ މެންދުރު މިދިރާސާ އާ ގުޅޭގޮތުން ކެބިނެޓަށް މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ. މި ދިރާސާ އަކީ ރާއްޖޭގެ ރަށްރަށުގައި ހުރި އާސާރީ ތަންތަނާއި، ތަކެއްޗާއި އެތަކެތީގެ ކުރެހުންތަކާއި، އެކަމާއި ގުޅޭ މަޢުލޫމާތުތައް ދިރާސާކުރުމަށް ކުރިޔަށްގެންދާ ދިރާސާއެކެވެ.

މިދިރާސާ ކުރިޔަށްގެންދިޔުމުގައި އިސްކޮށް ހުންނަވަނީ ޕްރޮފެސަރ މައިކަލް ފީނަރ އެވެ. ޕްރޮފެސަރ މައިކަލް ފީނަރ އެންމެ ފުރަތަމަ ރާއްޖޭގައި މިފަދަ ދިރާސާއެއް ކުރެއްވީ 2018 ވަނަ އަހަރުން ފެށިގެން ދެ އަހަރުގެ މުއްދަތަށެވެ. އެފަހަރު ރާއްޖޭގެ ފަސް އަތޮޅެއްގައި ހުރި މިފަދަ ތަންތަނާއި ބެހޭ ހުރިހާ މައުލޫމާތެއް ޑޮކިޔުމެންޓް ކުރިއެވެ. އެގޮތުން 5އަތޮޅެއްގެ 152 ރަށުގެ، 288 ސައިޓް ދިރާސާކުރިއެވެ. މި އަތޮޅުތަކަކީ ހދ، ކ، ލ، ސ އަދި ޏ އަތޮޅެވެ.

އޭގެފަހުން މިމަޝްރޫޢުގެ ދެ ވަނަ ފިޔަވަހި ފަށާފައިވަނީ 2021 ވަނަ އަހަރު އެވެ. މިއީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މަޝްރޫޢެކެވެ. މި ސަރވޭގެ ދެވަނަ ފިޔަވަހި ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީއާއި ގުޅިގެން މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭގެ ނަމުގައި ކުރިއަށްގެންދާއިރު، ސަރވޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހުރި ސަގާފީ މާއްދީ ތަރިކަ ދަފުތަރު ކުރެވިގެންދާނެއެވެ. އެގޮތުން ތަންތަނުގެ ފޮޓޯ، ވީޑިއޯ، ތްރީޑީ މޮޑެލް އާއި ޓޫ ޑީ މޮޑެލް އާއި ކުރެހުމާއި ޖޮއޯ ޓެކް ކުރުން ކުރިޔަށްދެއެވެ.

މިސަރވޭ އާއި ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަން އިސްމާޢީލް ނާއިލް ނަޝީދު ވިދާޅުވީ ދެ ވަނަ ފިޔަވަހީގެ ދަށުން މިހާތަނަށް 8 އަތޮޅެއް ނިމިފައިވާކަމަށެވެ. އަދި ކެބިނެޓަށް މައުލޫމާތު ދިނުމުގެ ސެޝަން ތެރޭގައި ނިމުނު އަތޮޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާއިރު މިގޮތަށް ސަގާފަތާއި އާސާރީ ތަންތަނާއި ތަކެއްޗާއި ތަންތަނުގެ މައުލޫމާތު ޑޮކިޔުމެންޓް ކުރުމުން ރާއްޖެއަށް ކުރިމަގުގައި ވާނެ ފައިދާތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށް ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާ، މައިކަލް ފީނަރ މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީގެ "ސެންޓަރ ފޯ ސައުތްއީސްޓް އޭޝިއަން ސްޓަޑީޒް"ގެ ޓީމް ގުޅިގެންނެވެ. ދެވަނަ ފިޔަވަހިވެސް ކުރިއަށްދާނީ އާކޭޑިއާ ޗެރިޓަބަލް ޓްރަސްޓް ފަންޑްގެ އެހީގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް