ކ. މާލެ
|
5 ފެބްރުއަރީ 2023 | އާދީއްތަ 03:00
ޑިއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު
ޑިއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލިސް
ޑީއާރުޕީ އުވާލުން
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ޑީއާރުޕީގެ މިހާރުގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ހައިކޯޓުން ބުނެފައިވަނީ އެ މައްސަލައަކީ ފުރަތަމަ މަރުހަލާގައި އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމާ ގުޅިގެން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ޑީއާރުުޕީ އުވާލަން އީސީން ނިންމާފައިވަނީ އެ ޕާޓީގައި މެންބަރުން ހަމަނުވާތީ މެންބަރުން ހަމަކުރަން ދިން މުއްދަތުގައި ވެސް މެންބަރުން ހަމަނުކުރެވޭތީއެވެ. މި މައްސަލަ ހައިކޯޓަށް ވައްދާފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ.

ހައި ކޯޓުގެ ރަޖިސްޓްރާ ބުރާސްފަތި ދުވަހު ނިންމާފައިވަނީ އެ މައްސަލައަކީ ފުރަތަމަ މަރުހަލާގައި ހައިކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން، ހައިކޯޓުން ބެލުމުގެ އިހުތިސާސް ލިބިފައިވާ ސިޔާސީ ޕާޓީއާ ބެހޭ މައްސަލަތަކަކީ، ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ނުވަތަ ރަޖިސްޓްރީ ކޮށްދީފައިވާ ޕާޓީއަކުން ގެންނަ ބަދަލެއް ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމަނައި ދިނުމަށް ކޮމިޝަނުން އިންކާރުކޮށްފިނަމަ ހުށަހަޅާ މައްސަލަތަކާއި ޕާޓީއެއް އުވާލުމަށް ހައިކޯޓުން އަމުރު ކުރެވޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކުރާ ސަބަބުތަކުން ކުރެ ސަބަބަކާހުރެ، ކޮމިޝަނުން ނުވަތަ އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހަޅާ މައްސަލަތައް ކަމަށް ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް، ޑީއާރުޕީއަށް ތިން މަސް ދުވަހުގެ މުއްދަތު ދިން ކަމަށެވެ. އަދި އެ މުއްދަތު 25 އޮކްޓޯބަރު 2022 އަށް ހަމަވިއިރު ވެސް 3000 މެންބަރުން ހަމަވެފައި ނުވާ ކަމަށާއި އެހެންވެ ޕާޓީ އުވާލަން ނިންމާފައިވާ ކަމަށެވެ. އީސީގެ ވެބްސައިޓުގައިވާ ގޮތުން ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ޑީއާރުޕީގެ މެންބަރުންގެ އަދަދަކީ 2،681 އެވެ.

މި ނިންމުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީގެ ލީޑަރޝިޕާ ބައްދަލުކޮށް، ޑީއާރުޕީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ލިޔުމުން އަންގާފައިވާނެ ކަމަށް ވެސް އެ ކޮމިޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޑީއާރުޕީގެ މިހާރުގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޑީއާރުޕީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޕާޓީއެވެ. އެ ޕާޓީ ރަޖިސްޓްރީ ކޮށްފައިވަނީ 21 ޖުލައި 2005 ގައެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް ގިނަ ނަމަވެސް، ގިނަ ޕާޓީތަކުގައި 10،000 މެންބަރުން ވެސް ހަމައެއްނުވެއެވެ. ގާނޫނުގައި ބުނާގޮތުން ދައުލަތުން ބަޖެޓު ދޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް