ކ. މާލެ
|
1 ފެބްރުއަރީ 2023 | ބުދަ 07:21
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން
އަޒްމީން / ޓްވިޓަރ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
އެހެން ޕާޓީއެއް ނުއުފައްދާނަން، ދެ ފެކްޝަން ގެންގުޅެން އެނގެން ޖެހޭނެ: ރައީސް ނަޝީދު
ފެކްޝަނަށް އިންކާރު ކޮށްގެން ނުވާނެ

އެހެން ސިޔާސީ ޕާޓީއެއް ނުއުފައްދަވާނެ ކަމަށާއި ދެ ފެކްޝަން ގެންގުޅެން އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ވަރަށް ރަނގަޅަށް ހެދިފައި އޮތް ޕާޓީއެއް ކަމަށާއި ޕާޓީއަށް އެކި އެކި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ޗެއާރޕަސަން ފައްޔާޒު އިސްމާއިލް އަކީ ކުޅަދާނަ ބޭފުޅެއް ކަމަށާއި ދެ ފެކްޝަން ގެންގުޅުއްވަން އޭނާއަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ތަފާތު ދެ ހިޔާލެއްގެ މައްޗަށް ދެ ފެކްޝަން އުފެދުމަކީ އެއިން އެއް ފެކްޝަންގެ މެންބަރުން ޕާޓީ ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ފެކްޝަނަށް އިންކާރު ކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީ ދެ ފެކްޝަނަށް ބެހި، ޕާޓީގެ ބައެއް މެންބަރުން ތާއީދު ކުރަނީ ރައީސް ނަޝީދަށެވެ. އެހެން މެންބަރުންގެ ތާއީދު އޮތީ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީ 61 އިންސައްތަ ވޯޓުން ރައީސް ސާލިހު ވަނީ ކާމިޔާބު ކުރައްވާފައެވެ.

"ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ހަދައި، އެމްޑީޕީގެ ދަފްތަރުން އުނިވެފައިވާ 39 ހާހަށްވުރެ ގިނަ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށްފަހު، އެ މީހުންނާއެކު ގޮތެއް ނިންމުމަށް ފެނިވަޑައިގަންނަވާކަމަށް ވެސް ރައީސް ނަޝީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، "ފިކުރެއްގެ ދިރުން" ގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެނޑިޑޭޓު ކަނޑައަޅާނީ ފަހުން ކަމަށެވެ. އެހެންނަމަވެސް، ރިޔާސީ އިންތިޚާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެއްބަސްވާ ކެނޑިޑޭޓަކަށް ތާއީދު ކުރަން ފަސޭހަވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް