Advertisement
ކ. މާލެ
|
31 ޖެނުއަރީ 2023 | އަންގާރަ 11:53
50 އަށް ވުރެ ދަށުން ޕޮއިންޓު ލިބިފައިވާ ދުނިޔޭގެ ތިންބައިކުޅަ ދެބައި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ
50 އަށް ވުރެ ދަށުން ޕޮއިންޓު ލިބިފައިވާ ދުނިޔޭގެ ތިންބައިކުޅަ ދެބައި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ
ރާއްޖެއެމްވީ
ސީ.ޕީ.އައި
ސީ.ޕީ.އައިގައި ދިވެހިރާއްޖެ ހިމެނެނީ 2021 އަހަރުވެސް އޮތް ހިސާބުގައި
އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި (0 – 100) ދެމެދުގެ މިންގަނޑެއް
100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު ޤައުމުތަކަށް
2022 ވަނަ އަހަރުގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަށް

ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ 'ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް' (ސީ.ޕީ.އައި) ގެ 2022 ވަނަ އަހަރުގެ އިންޑެކްސް އާންމު ކޮށްފައިވާއިރު، ދިވެހިރާއްޖެ ހިމެނެނީ 2021 ވަނަ އަހަރުވެސް އޮތް ހިސާބުގައި ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ސީ.ޕީ.އައި އަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް އާންމުންނަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓްދޭ އިންޑެކްސް އެކެވެ. މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި (0 – 100) ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ގައުމުތަކަށެވެ.

އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ.  

2022 ވަނަ އަހަރުގެ ސީ.ޕީ.އައި އަށް ބަލާއިރު، 50 އަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ދުނިޔޭގެ ތިންބައިކުޅަ ދެބައި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އެގޮތުން ދިވެހިރާއްޖެއަށް ލިބުނީ 2021 ވަނަ އަހަރެކޭ އެއްފަދައިން 40 ޕޮއިންޓާއެކު 184 ގައުމުގެ ތެރެއިން 85 ވަނަ ގިންތި އެވެ.

Advertisement

ރާއްޖޭގެ 2022 ވަނަ އަހަރުގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަކަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީ.ޕީ.އައި.އޭ) އެވެ.

މިތަފާސް ހިސާބުތަކުން ދައްކަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ހަދާފައިވާ ގާނޫނުތަކަށް އަމަލުކުރުމުގައްޔާއި ތަންފީޒުކުރުމުގައި ދިވެހިރާއްޖެއިން ކުރިއެރުމެއް އައިސްފައިނުވާކަން ކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރު ވަމުންދާއިރު، ޒިންމާދާރު ކުރުވުމުގެ ނިޒާމުތަކާއި އަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް ކޮރަޕްޝަނާ މެދު ސިޔާސީގޮތުން ކުރަމުންގެންދާ ކަންތައްތަކާމެދު ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަކީ ވަގުތުތުން ވަގުތަށް އަވަސްކަންމަތީ ވަކި ފަރާތަކަށް ނުޖެހި ކުރަންޖެހޭ ކަމަކަށްވާތީ، ކޮރަޕްޝަން ހިންގާ ފަރާތްތައް ހިމާޔަތްކުރުން ހުއްޓާލައި، ކޮރަޕްޝަނާ ގުޅޭ ތުހުމަތުތައް ތަހުގީގުކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސިތާސީ ފަރާތްތަކަށް ވަޒީފާގެކުރިއެރުމާއި އިތުރު ކުރިއެރުންތަކާއި ބާރުތައް ދިނުމުގެ ބަދަލުގައި އިންސާފުގެ ކުރިމައްޗަށްގެނައުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް