ކ. މާލެ
|
30 ޖެނުއަރީ 2023 | ހޯމަ 07:28
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އޭސީސީ
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް
މިދިޔަ އަހަރުގެ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް މާދަމާ އާންމުކުރަނީ
މާދަމާ ހެނދުނު 10:01 ގައި ސީޕީއައި އާންމުކުރާނެ
2021 ވަނަ އަހަރު ރާއްޖެއިން ވަނީ 3 ޕޮއިންޓް ދަށަށް ގޮސްފައި

2022 ވަނަ އަހަރުގެ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީޕީއައި) މާދަމާ އާންމުކުރާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ސީ.ޕީ.އައި އަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓް ދޭ އިންޑެކްސްއެކެވެ. މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި (0 - 100) ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު, ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ގައުމުތަކަށެވެ. އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ.

މިދިޔަ އަހަރުގެ ސީޕީއައި މާދަމާ ހެނދުނު 10:01 ގައި އާންމުކުރާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުގެ މަގުސަދުގައި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ފަރާތުން 2022 ވަނަ އަހަރު ނެރުނު 2021 ވަނަ އަހަރުގެ ސީޕީއައިގައިވާގޮތުން އެ އަހަރު ރާއްޖެއިން ވަނީ 3 ޕޮއިންޓް ދަށްވެ، 10 ގިންތި ދަށަށް ގޮސްފައެވެ. ރާއްޖެ ހިމެނިފައިވަނީ 50 ޕޮއިންޓް ދަށުން ސްކޯ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.

2020 ވަނަ އަހަރުގެ ސީ.ޕީ.އައި އިން ދިވެހިރާއްޖެއަށް ލިބުނީ 180 ގައުމުގެ ތެރެއިން 75 ގިންތި އަދި 43 ޕޮއިންޓް ކަމުގައި ވީނަމަވެސް 2021 ގައި ދިވެހިރާއްޖެއަށް ލިބިފައިވަނީ 85 ވަނަ ގިންތި އަދި 40 ޕޮއިންޓެއްކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ. މިނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަކަށް ކަމަށްވެސް ޓްރާންޕޭރެންސީން މައުލޫމާތު ދެއެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީ.އައިއޭ) އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް