ކ. މާލެ
|
5 ޖެނުއަރީ 2023 | ބުރާސްފަތި 11:04
ޕާކިސްތާނުގެ ވިޔަފާރި ބާޒާރުތަކާއި މޯލްތައް ބަންދުކުރަން އަމުރުކުރުން
ޕާކިސްތާނުގެ ވިޔަފާރި ބާޒާރުތަކާއި މޯލްތައް ބަންދުކުރަން އަމުރުކުރުން
ރޮއިޓާރސް
ޕާކިސްތާނުގެ އަދުގެ ހާލަތު
ބަނގުރޫޓުވަމުންދާ ޕާކިސްތާނު ސަލާމަތް ކުރަން، ވިޔަފާރި ކުރާ ގަޑިތަކަށް ބޮޑު ބަދަލެއް!
ޕާކިސްތާނުން މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އިޢުލާން ކުރަމުން ދާއިރު އެ ޤައުމު އޮތީ ޑިފޯލްޓްވުން ނުވަތަ ބަނގުރޫޓުވުމުގެ ތަންފަތް މަތީގައި
ވިޔަފާރިތައް ބަންދު ކުރަން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަކީ، 273 މިލިއަން އެމެރިކާ ޑޮލަރު ސަލާމަތް ކުރުމުގެ އަމާޒުގައި ނިންމި ނިިންމުމެއް
ވިޔަފާރި ބާޒާރުތަކާއި މޯލްތައް، އެންމެ ލަސްވެގެން، ރޭގަނޑު 08:30 ގެ ކުރިން ބަންދު ކުރުމަށް ވަނީ ޢަމުރު ކޮށްފައި

ކޮރޯނާ ވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތަކުލީފުތަކުން ހިންދަމާ ނުލެވި އުޅެނިކޮށް ރަޝިއާއިން ޔޫކްރައިންގައި ފެށި ވަރުގަދަ ހަނގުރާމައާއި ދާޚިލީ ސިޔާސީ މަޞްރަހުގެ ހަލަބޮލި ލޮޅުންތަކާއެކު އިންތިހާ ނުތަނަވަސްކަމުގައި ދުވަސްތައް ގުނަމުންދާ އެއް ބަޔަކީ ޕާކިސްތާނުގެ ރައްޔިތުންނެވެ. އާންމު ދިރިއުޅުމުގެ އެންމެ ޒަރޫރީ ބޭނުންތައް ފުއްދުމުގައިވެސް ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައި ވާ އިރު، ހަކަތައަށް ހިނގާ ޚަރަދުތައް ކުޑަ ކުރުމަށް އެ ޤައުމުގެ ސަރުކާރުން އަނެއްކާވެސް މި ވަނީ ހަރުކަށި ފިޔަވަޅުތަކެއް ޢިއުލާން ކޮށްފައެވެ.

އިޤްތިޞާދީ ކާރިޘީ އަނދަވަޅެއްގެ ތުންފަތް މަތީގައި، ނޭވާ ހޮޅިފައި އޮތް ޕާކިސްތާނުން ހަކަތައަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި އެ ޤައުމުގެ ސަރުކާރުން އެކުލަވާލި އާ ޕްލޭންގެ ދަށުން، ވިޔަފާރި ބާޒާރުތަކާއި މޯލްތައް، އެންމެ ލަސްވެގެން، ރޭގަނޑު 08:30 ކުރިން ބަންދު ކުރުމަށް ވަނީ ޢަމުރު ކޮށްފައެވެ. ޖެނުއަރީ 3 ވަނަ ދުވަހު، ޕާކިސްތާން ސަރުކާރުގެ ފަރާތުން އެކަން ޢިއުލާން ކުރެއްވީ، ދިފާޢީ ވަޒީރު، ޚަވާޖާ އާސިފްއެވެ.

ޕާކިސްތާނުގެ އަދުގެ ހާލަތަށް ބަލާއިރު، ބޭރު ފައިސާ ގަނެވިއްކުމުގެ ރިޒާވްގައި ހުރި މިންވަރަކީ، މަހެއްގެ މައްޗަށް އެ ޤައުމަށް އިމްޕޯޓް ކުރަން ޖެހޭ މުދަލުގެ ޚަރަދު ކިރިއާ ކަނޑާލެވޭ ވަރުގެ އެތިކޮޅެކެވެ. ޕާކިސްތާނަށް އިމްޕޯޓް ކުރަން ޖެހޭ މުދަލުގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ހަކަތައިގެ އުފެއްދުންތަކެވެ. ޕާކިސްތާނަށް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކަށް ތަސައްލީއެއް ހޯދުމަށް، ބައިނަލްއަޤުވާމީ މާލީ އިދާރާ (އައިއެމްއެފް) މެދުވެރިކޮށް، ހޯދާ މާލީ އެހީ ލިބުންވެސް އަދި ދަނީ ފަސް ވަމުންނެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، ޚަވާޖާ އާސިފް ވިދާޅުވީ، ރެސްޓޯރަންޓްތައްވެސް ހިމެނޭ ގޮތަށް، ރޭގަނޑުގެ 08:30ގެ ކުރިން ވިޔަފާރިތައް ބަންދު ކުރަން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަކީ، 62 ބިލިއަން ޕާކިސްތާން ރުޕީޒް ނުވަތަ 273 މިލިއަން އެމެރިކާ ޑޮލަރު ސަލާމަތް ކުރުމުގެ އަމާޒުގައި ނިންމި ނިންމުމެއް ކަމަށެވެ.

އަހަރަމެން ވާހަކަ ދެއްކި ވިޔަފާރިވެރިންނާ. ޕާކިސްތާނުގެ ހުރިހާ ހިސާބަކުން މީހުން އައިސް، ބޮޑުވަޒީރުގެ އޮފީހުގަ އަހަރަމެން މަޝްވަރާ ކުރީވެސް. ބައެއް މީހުން ބުނި ރޭގަނޑު 09:00 ޖަހާއިރޭ. އަނެއް ބަޔަކު ބުނި 08:30 އޭ... އަނެއް ބަޔަކު 09:30 އޭވެސް ކީ. އެކަމަކު އަހަރަމެން ނިންމީ 08:30 އަށް. މި ގަޑިތަކަށް ވިޔަފާރިތަކާއި ކައިވެނި މާލަންތައް ބަންދު ކުރީމަ 62 ބިލިއަން ޕާކިސްތާން ރުޕީޒް އެބަ ސަލާމަތް ކުރެވޭ.
ޚަވާޖާ އާސިފް؛ ޕާކިސްތާނުގެ ދިފާޢީ ވަޒީރު

މިހާރުން މިހާރަށް ތަންފީޒު ކުރާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ކައިވެނި ހަފުލާތައް ބާއްވާ މާލަންތައް، ރޭގަނޑު 10:00 ޖަހަން ވާއިރަށް ބަންދު ކުރުން ހިމެނެއެވެ. ވިޔަފާރި ކުރާ ވަގުތު އިތުރު ކުރުމަށް ބައެއް ވިޔަފާރި މަންދޫބުން އެދެމުން ދިޔަ ކަމުގައި ވީ ނަމަވެސް، އަވަސް ގަޑިއެއްގައި ފިހާރަތައް ބަންދު ކުރުމަކީ، މިހާރު ކޮންމެހެން ކުރަން ޖެހިފައި ވާ ކަމެއް ކަމަށް ޕާކިސްތާނު ސަރުކާރުން ނިންމާފައި ވާ ކަމަށް އެ ޤައުމުގެ ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

ކަން މިހެން އޮތް ނަމަވެސް، ވިޔަފާރިވެރިން ދަނީ ސަރުކާރުގެ ނިންމުމަށް އިޚްތިރާމް ކުރުމަށް އިންކާރު ކުރަމުންނެވެ. ސަބަބެއް ކަމަށް ބުނަނީ ވިޔަފާރިއަށް ގެއްލުވުން ވުމެވެ. ވެރިރަށް އިސްލާމްއާބަދަށް ބަލާއިރު، ރޭގަނޑު 10:30 ވީ އިރުވެސް ހުޅުވާފައި ހުރި ފިހާރަތައް ހުއްޓެވެ.

އަހަރަމެންގެ ގާތުން ސަރުކާރުން ޚިޔާލު ހޯދި. ޚަވާޖާ އާސިފް އިސްކޮށް ހުންނެވި ވަފުދުގަ އިތުރު ހަތަރު ފަސް ވަޒީރަކުވެސް ތިއްބެވި. އަހަރަމެންގެ ޚިޔާލު ހޯދައިގެން ބޮޑުވަޒީރަށް ދަންނަވާނެ ކަމަށް ވިދާޅުވި. ފެޑެރަލް ކެބިނެޓަށް ގެންގޮސް، އަހަރަމެންގެ ލަފާ، އަނެއްކާވެސް ހޯދާނެ ކަމަށް ވިދާޅުވި. އެކަމަކު، އެކަމެއް ނުކުރޭ. ވިޔަފާރިވެރިންނާ މަޝްވަރާ ކޮށްފައޭ ކިއާފަ، އެމީހުން އަމިއްލައަށް އެކަން އެ ނިންމާލީ އެގޮތަށް.
މުޙައްމަދު އަޖްމަލް ބަލޫޗް؛ ޕާކިސްތާން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް

ޕަންޖާބު ޕްރޮވިންސްގެ ވެރިކަން ކުރާ ލާހޯރް އަދި ކަރާޗީގައިވެސް ރޭގަނޑުގެ ދަން ވަގުތުތަކުގައި ފިހާރަތައް ހުޅުވައިގެން ވިޔަފާރި ކުރަމުން ދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އަހަރަމެންނަށް ވިޔަފާރި ވާ ގަޑިއަކީ ރޭގަނޑު 08:00 އާއި 10:00 އާ ދެމެދު. ދުވާލު އެއްވެސް ވަރަކަށް ވިޔަފާރިއެއް ނުވޭ. އެމީހުން ފިހާރަ ބަންދު ކުރަން އެ ބުނާ ގަޑިއަކީވެސް މީ. އަހަރަމެން ބަންދެއް ނުކުރާނަން ފިހާރައެއް.
ޝައިޚް އަޒީމް؛ ފިހާރައެއްގެ ސޭޓެއް

ޚަވާޖާ އާސިފް ވިދާޅުވީ، ޕާކިސްތާނު ސަރުކާރުގެ އިދާރާތަކުގައި ކަރަންޓުގެ ހަކަތަ ބޭނުން ކުރާ މިންވަރު، 30 ޕަސެންޓް ދަށް ކުރުމަށް، ބޮޑުވަޒީރު ޝަހްބާޒް ޝަރީފު އަންގަވާފައި ވާ ކަމަށެވެ.

މަގު ބައްތި ދިއްލާފައި ހުންނަ ގަޑިތައްވެސް ނިވާލާނެ ކަމަށާ، އެއީ ރަމްޒީ ގޮތުން ކުރާ ކަމެއް ކަމަށްވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ޕާކިސްތާނުން މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އިޢުލާން ކުރަމުން ދާއިރު އެ ޤައުމު އޮތީ ޑިފޯލްޓްވުން ނުވަތަ ބަނގުރޫޓުވުމުގެ ތަންފަތް މަތީގައެވެ. އެޅޭ އެންމެ ކަސިޔާރު ފިޔަވަޅުވަކުންވެސް މުޅި ޤައުމު އިނދަޖެހުން އޮތީ މާ ދުރަކު ނޫނެވެ.

- ކޮމެންޓް