Advertisement
ކ. މާލެ
|
27 ޑިސެންބަރ 2022 | އަންގާރަ 07:28
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ "އަވަރ އޮފް ކޯޑް" ނިންމާލައިފި
މި ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅަކުން 1000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި

ރާއްޖޭގެ 17 އަތޮޅަކުން 1000 އަށް ވުރެ ގިނަ ބައިވެރިންނާއެކު ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ "އަވަރ އޮފް ކޯޑް" ޕްރޮގްރާމް ނިންމާލައިފިއެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު ޑިސެންބަރު މަހު ފާހަގަކުރާ އިންޓަނޭޝަނަލް ކޮމްޕިއުޓަރ ސައިންސް ހަފްތާގެ ދަށުން ކޯޑު.އޯރގުގެ (Code.org) ބައިނަލްއަގުވަމީ ހަރަކާތެކެވެ.

އަވަރ އޮފް ކޯޑް 2022 ރާއްޖޭގައި ފަށާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މައި އިވެންޓް އޮތީ 24 ޑިސެންބަރުގައެވެ. މިގޮތުން އެކި އުމުރުފުރާތަކަށް ބަހާލައިގެން ބައިވެރިން ގުރޫޕްކޮށް، ދިރާގާއި ވިމެން އިން ޓެކްގެ މެންޓަރުން އަދި ސްކޫލް ޓީޗަރުން ވަނީ ސައިންސާއި ކޯޑިންގގެ ދާއިރާއަށް ކުދިން އަހުލުވެރިކޮށްފައެވެ. އަދި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވައި، ކޮމްޕިއުޓަރ ސައިންސްގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެވައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވީ، ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ދަސްވާ ހުނަރުތަކަކީ ހަމައެކަނި މުސްތަގުބަލުގައި ކުދިންގެ ކެރިއަރއަކަށް މުހިއްމު ހުނަރުތަކެއް ނޫން ކަމަށާއި، އޭގެ އިތުރުން ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އަގުހުރި ހުނަރުތަކެއްކަމަށެވެ. އަދި އަވަރ އޮފް ކޯޑަކީ ކޮމްޕިއުޓަރ ސައިންސްގެ ދުނިޔެ ދެނެގަނެ، އޭގެ ސަބަބުން ކުދިންނަށް ފައިދާކުރާނެ ގޮތްތައް ދެނެގަތުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުއްސަދު ވަނީ މިހާރު ތަރައްގީވަމުން އަންނަ ދުނިޔޭގައި ކޮމްޕިއުޓަރު ސައިންސާއި ކޯޑިންގ އިލްމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކޯޑިންގ އިން ޓީމްވޯކާއި ވަގުތަށް ކަމޭހިތުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް އަދި މައްސަލަތައް ހައްލުކުރުން ފަދަ ބޭނުންތެރި އެތައް ހުނަރެއް ދަސްކޮށްދޭކަމަށާއި، އެއީ ކޮންމެ ކެރިއަރެއްގައި ވެސް ދަރިވަރުންނަށް ފައިދާކުރާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ދިރާގުން ބުނި ގޮތުގައި މިއަހަރުގެ ޕްރޮގްރާމް އިތުރަށް ހާއްސަވީ މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ. އައިޝަތު އަލީ އާއި މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އައިމިނަތު ޝައުނާ، އަވަރ އޮފް ކޯޑް ފުރިހަމަ ކުރައްވާ އެކަމާ ގުޅިގެން ކޯޑިންގ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެ އާންމު ކުރެއްވި މެސެޖްތަކުގެ ސަބަބުންނެވެ.

"އަވަރ އޮފް ކޯޑް" އަކީ ހުރިހާ އުމުރުފުރައެއްގެ ދަރިވަރުން ކޯޑިންގ އަށް ތައާރަފްކޮށް ކޮމްޕިއުޓަރ ސައިންސަށް ޝައުުވެރިކަން އުފެއްދުމަށް ވަރަށް ރަނގަޅު ފުރުސަތެކެވެ. އެޑިއުކޭޝަން މިނިސްޓަރު ވަނީ މި ހަރަކާތާ ގުޅިގެން ކޮމްޕިޔުޓަރ ސައިންސްއަށް އަހައްމިއްޔަތުކަން ދިނުން އިތުރުކުރުމަށް ބާރު އެޅުމަށާއި 21 ވަނަ ގަރުނުގެ މިހުނަރުތައް ދަރިވަރުންނަށް ލިއްބައިދިނުމަށްޓަކައި ސްކޫލްތަކުގެ ހުރިހާ ކީސްޓޭޖްތަކެއްގައި ކޯޑިންގ ހިމަނަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ޅަ އުމުރުގައި ކޮމްޕިއުޓަރ ސައިންސް ދަސްކުރަން ފެށުމަކީ ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދިޔުމަށް ބިންގާ އެޅިގެންގޮސް، އެކުދިންގެ އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ގާބިލުކަމާއި ހުނަރުވެސް އިތުރުވެގެންދާނެ ކަމެއް ކަމުގައި ދިރާގުން ފާހަގަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް