2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިޘާ ކަމުގައިވާ ސުނާމީ ކާރިޘާގެ ހަނދާތްތައް އުފަން ރަށް މ ކޮޅުފުށީގައި ހުންނަވާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކީރިތިކުރައްވަމުން އައު ކުރައްވައިފިއެވެ.
މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާ ބާއްވާފައިވަނީ ކޮޅުފުށީގައެވެ. ކޮޅުފުށީގައި ހޯމަ ދުވަހުގެ ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވަނީ ޖަޒްބާތުގެ ސަބަބުން ތިން ހަތަރު ފަހަރު ވާހަކަ ކުރިޔަށް ނުގެންދެވި މެދުކަނޑާލައްވާފައެވެ. އެދުވަހުގެ ހަނދާންތައް އަސަރާއެކު ހާމަކުރައްވަން ފައްޓަވަމުން މިނިސްޓަރ އެއްބައިވަންތަކަމުގެ ދުވަސް ސިފަކުރެއްވީ ފަހުގެ ތާރީީޚެއްގައި ދިވެހިންނާ ކުރިމަތިލާންޖެހުނު އެންމެ ހިތާމަވެރި، ހިތްދަތި ނާމާން، ބިރުވެރި، ގެއްލުންބޮޑު، ފަނާކުރަނިވި، ކަޅު އަނދިރި, ހިތްދަތި ދުވަހެއްގެ ގޮތުގައެވެ.
މިނިސްޓަރ ވިދާޅުވީ 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވީ އާދިއްތަ ދުވަހުގެ ހެނދުނުގެ ސާއަތްތަކަށް ނޭވާލާންޖެހުނީ ހިތާމަޔާއި، ކެކުޅުމާއި އާހުގެ އަޑުތަކުގެ ތެރެއަށްކަމަށެވެ. އެދުވަހުގެ ހާލަތު ސިފަކުރައްވަމުން އިމްރާން އިތުރަށް ވިދާޅުވީ ފުއްޓަރު ފަރާތުން ހޮޅިލާ މުގުރަމުން ރަށުތެރެއަށް ބިޔަ ރާޅުތައް އަރައިގެން އައިއިރު ހޮނު ގުގުރި ފަދަ ގަދަ ފަދަ އަޑުފައްގަނޑާއެކު ބިރުން ސިހި ހައިރާންވެ ގޮތްހުސްނުވާ ކުޑަކުއްޖެއް، ބޮޑު މީހެއް، ހަރު މީހެއް އަދި ބިން މައްޗަށް ނޭވާލާ ދޫންޏެއް، ސުއިއްޕެއްވެސް އެކަމުން އިސްތިސްނާނުވާކަމަށެވެ. ކޮންމެ މީހަކަށްވެސް ޖެހުނީ އެމީހެއްގެ އަމިއްލަ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކެކިއަރަމުން، ފުމެމުން ގަޑިއަކު 800 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރަމުންދިޔަ ކަނޑުގެ ލޮނުގަނޑާއެކު ގަސްބުޑާ، ފަންބުޑާއެކުވެ ކުނި ބުނި މަސްހުނިވެ މުދަލާއި ހިފައިގެންގުޅޭ ތަކެތި، ފެންމަތީ ދެމެމުންދިޔައީ އޮއި ބޮނބި ކޮޅެއް ފެންމަތީ ދެމެމުންދާ ފަދައިން. މިހާލަތުގައި އަމިއްލަ ފުރާނަ ސަލާމަތްކުރުމަށްޓަކައި މާތްﷲށް ވަކީލުކުރުން ފިޔަވައި އިތުރު އެއްވެސް ގޮތެއް ނެތި އެމީހެއްގެ ހާލައިގެން އެމީހަކު ނަޖާވުމަށް ގަދައަޅާ އެންމެން މަސައްކަތްކުރަމުންދިޔަ. ދެމެދުންދިޔަ ބާރު އޮޔާއެކު ދެތިން ސަތޭކަ މީހުން ރަށުގެ މައި ފަސްގަނޑުން ބޭރުވިކަމަށްވޭ. ނަމަވެސް މާތްﷲގެ ރަހުމަތާއެކު ހުޅަނގު ފަރާތުން ހިނދިފައި ބޮޑުވި ރާޅާއެކު އެންމެން ކަހަލަ ގޮތަކަށް އަނބުރާ ރަށުތެރެއަށް އައި، މަދު މީހަކު ނޫނީ ގެއްލިގެން ނުދޭ. އާދެ، މަދު މިނެޓްކޮޅެއްގެ ތެރޭގައި މުޅި ހަޔާތް ބަރުބާދުވެ ވީރާނަވި ކަހަލަ އިހުސާސްވި. ހަމަނޭވާއެއް ލެވުނުއިރު މައިން ބަފައިންނާއި އަނބިދަރިންގެ ތެރެއިން ގާތްތިމާގެ އެތައް ބަޔަކު ވަނީ އަބަދަށްޓަކާ މިދުނިޔެއާ އަލްވަދާކު ކިޔާފައި.އިމްރާން އަބްދުﷲ/ ހޯމް މިނިސްޓަރ
އެދުވަހު ދެން ކަންކަން ހިނގާދިޔަ ގޮތް ވިދާޅުވެ ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކައްކާނެ ގޮތެއް، ލާނެ ހިކި ހެދުމެއް، ވަންނާނެ ގެދޮރެއް، ފައިޖައްސާނެ ހިކި ފަސްކޮޅެއް ރަށުގައި ނެތްކަމަށެވެ. ރަށު ރައްޔިތުން ނިކުމެ ބަނދަރުމަތީ އޮތް ހިކި ފަސްކޮޅެއްމަތީ ތިބިއިރު ތުއްތުކުދިން ނިންދަވަންޖެހުނީ ފަޅު ދޯނީގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެދުވަހުގެ އިރުއޮއްސި ރޭކުރަންޖެހުނީ ކަނު އަނދިރިޔާ ބިރުވެރިކަމާއި ނާމާންކަމުގެ ޖަންގައްޔެއްގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހާލަތުގައިވެސް ފެނިގެންދިޔައީ ތަފާތު މަންޒަރެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެންމެން އެކުގައި ނިކުމެ، މަރުވެފައި ތިބި މައްޔިތުން ވަޅުލައި ގެއްލިފައިވާ ކުދިންނާއި މީހުން ހޯދުމަށް ގަދައަޅާ ހިތްވަރުކުރި މަންޒަރު. އެކަކު އަނެކަކަށް ލޯތްބާއެކު އަޅާލި މަންޒަރު.އިމްރާން އަބްދުﷲ/ ހޯމް މިނިސްޓަރ
މިނިސްޓަރ ވިދާޅުވީ އެދުވަހުގެ ހާލަތުން އަރައިގަތުމަށް އުފުލި ބުރައާއި ވީ ގުރުބާނީތަކުގެ ހަނދާންނެތޭހާ ދުވަހެއް އަދި ނުވާކަމަށެވެ. މިއަދު މިދުވަސް ފާހަގަކުރަނީ އެދުވަހުގެ އެހާލަތުން އަރައިގަތުމަށް ދިވެހި ރައްޔިތުން ދިން އެހީތެރިކަމާއި އަޅާލުމާއި އެއްބައިވަންތަކަމުގެ ހަނދާންތައް އައު ކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުތަކުން ވީ އިހުމާލު، ހާލަތު ބަދަލުކޮށްދިނުމަށް މިނިސްޓަރުގެ އާދޭސް:
އަޅުގަނޑު ރޭފަތިހު މިއަދު ދައްކާނެ ވާހަކައަކާމެދު ޚިޔާލުކުރަމުންދިޔައިރު ވަރަށް ގިނަ ޚިޔާލުތައް ސިކުނޑިއަށް އަރައި ފައިބަމުންދިޔަ. އާދެ މިފަދަ ދުވަހެއްގައި ރަށުގެ މީހެއްގެ ހައިސިއްޔަތުން ވާހަކަދެއްކުމާމެދު ވަރަށް ގިނަ ސުވާލުތައް އުފެދުނު. އެހެންނަމަވެސް ރަށު ރައްޔިތުންނަށް ދިމާވި ހިތާމަވެރި ހިތްދަތި ހާލަތަށް ވިސްނާ ފިކުރުކޮށްލާއިރު އެނޫން ނިސްބަތަކުން ވާހަކަދައްކާނެ ހިތްވަރެއް ނުވަތަ އެފަދަ ޚިޔާލެއް އަޅުގަނޑަކަށް ނުކުރެވުނު.އިމްރާން އަބްދުﷲ/ ހޯމް މިނިސްޓަރ
މިނިސްޓަރ ވިދާޅުވީ ސުނާމީގެ ކުރިން ކޮޅުފުއްޓަކީ އެތައް ގޮތަކުން ބަލާއިރު އަތޮޅުގައި އެއް ވަނަ ނުވަތަ ދެ ވަނަ ރަށޭ ބުނުމަކީ އެހެން ރަށްތަކަށް ކުޑައިމީސްކުރުން ކަމުގައި ނުވާނެކަމަށެވެ. ނަމަވެސް ސުނާމީ އާއެކު މުޅި ރާއްޖޭގެ އެންމެ ނިކަމެތި ހާލަތަށް ވެއްޓިގެންދިޔަ ރަށަކީ ކޮޅުފުއްޓޭ ބުނުމަކީވެސް ބުނެވޭ ކުޑައިމީސް ބަހަކަށް ނުވާނެކަމަށެވެ.
ފާއިތުވި 18 އަހަރު ތެރޭގައި ހާލަތުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކަކީ އޭގެ ފަހަތުގައި ގިނަ ގޮންޖެހުންތަކެއް ހުރި މަސައްކަތްތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެކަމުގައި ރަށުގެ ހާލަތު ނިކަމެތިވެ ރައްޔިތުންގެ ބޯހިޔާވަހިކަން ގެއްލި އާމްދަނީ ލިބޭނެ މަގުތައް ހުއްޓި އިޖުތިމާއީ ފޭރާން ވީދި ރައްޔިތުން އެއްކޮށް ނިކަމެތިވެގެންދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާލަތަށް ރިއާޔަތްކުރުމުގައި ސަރުކާރުތަކުން ނުކުޅެދިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިފަދަ ރަށަކީ އެރަށެއްގެ އަމިއްލަ ނަފުސަށް އަމިއްލަ ޒާތަށް އަމިއްލައަށް ތެދުވެވޭނެ ރަށެއް ނޫން. އެފަދަ ލީޑަރޝީޕެއް ނުހުންނާނެ. އެފަދަ ވަސީލަތެއް ނުހުންނާނެ. އެފަދަ ފިކުރެއް ހިތްވަރެއް ނުހުންނާނެ. އާދެ އެވަގުތު ޖެހޭނީ ދައުލަތުގެ އެންމެ މަތީ މަސްލަހަތުތަކުން އިސްވެ ތެދުވެ އެކަމާމެދު ގޮތް ނިންމާ ކަންކަން ކުރަންކަން އެއީ ހަމަޔަގީނުންވެސް އަޅުގަނޑު ގަބޫލުކުރާގޮތް. ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކުން މިކަމަށްޓަކައި މަސައްކަތްކޮށްދިންކަން އަޅުގަނޑު ގަބޫލުކުރަން. އެސަރުކާރުތަކަށް އަޅުގަނޑު ޝުކުރުވެސް އަދާކުރަން.އިމްރާން އަބްދުﷲ/ ހޯމް މިނިސްޓަރ
މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކުން ކުރި މަސައްކަތަށްވުރެ މި ހަތަރު އަހަރުތެރޭ ކޮށްދިން މަސައްކަތުގެ އަގު ބޮޑުކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ކޮޅުފުށީގެ ރައްޔިތުން ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވާކަމަށެވެ. ރަށު ކައިރިން އާމްދަނީ ލިބޭނެ ވަސީލަތްތައް ތަނަވަސްވެފައި ހުރުމަކީ ޒުވާނުން އެދޭކަމެކެވެ. މިއީ ސަރުކާރުގެ ބޮޑު އެހީތެރިކަމެއް ލިބިގެން ނޫނީ ނުވާނެކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ސުނާމީގައި އެންމެ ބޮޑަށް ގެއްލުންވި އެހެން ރަށްތައް ނިންމުމަށްފަހު އެންމެ ފަހުން އުފަން ރަށަށް އަންނަން ނިންމެވީ ހުދު އެމަނިކުފާނުކަމަށެވެ. އޭގެ ސަބަބުތައް މިނިސްޓަރ ހާމަކުރެއްވިއެވެ.
މިއަހަރު މިރަށަށް އައުމަށް ވިސްނަމުންދިޔައިރުވެސް އަޅުގަނޑުމެންގެ ތެރޭގައި ވާހަކަދެކެވެމުންދިޔައީ މިރަށުގައި މިފަދަ މުނާސަބަތެއް ފާހަގަކުރުމުގެ މާހައުލެއް ނެތޭ. ބޯހިޔާވަހިކަމެއް، މީހަކު ހިތްހަމަޖައްސާލަދެވޭނެ ގޮތެއް، ވަޑައިގަންނަވާ މެހެމާނުންނަށް މެހެމާން ދާރީ އަދާކުރާނެ ގޮތެއް. ތަންކޮޅެއް އާދައިގެ ބަހުރުވައަކުން ބުނާނަމަ (ގޯސްކޮށް ނުނެންގެވުން އެދެން) ވަދެލާނެ ފާހަނައެއްވެސް ނެތޭ ބުނުމަކީ އެކަށީގެންވާ ކަމެކޭ. އެހެންނަމަވެސް އަޅުގަނޑު މިރަށުގައި މިކަން ކުރަން ނިންމީ ރައީސް ވަޑައިގެން މިނިކަމެތި ހާލަތު ލޮލުންދެކި މިކަމުން އަރައިގަތުމަށް ސަރުކާރުން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމުގެ ހާލަތު އުފެއްދުމަށް. ވަރަށް އުފާކޮށްފިން އައިއިރުވެސް އިހުސާސް ނުކުރަން ކުދި ބޮޑު އެންމެން މަސައްކަތްކޮށްގެން މިހާވަރަށްވެސް މިތަނުގެ މަސައްކަތް ގެނެވޭނެކަމަށް އަޅުގަނޑު ހީނުކުރަން.އިމްރާން އަބްދުﷲ/ ހޯމް މިނިސްޓަރ
މިނިސްޓަރ ވަނީ ރަށުގެ ހާލަތު ބަދަލުކުރުމަށް ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ރައްޔިތުން ބޭނުންވާފަދަ ތަރައްގީ ސަރުކާރުން ރަށަށް ގެންނަވާނެކަމާމެދު ޝައްކުނުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.