ކ. މާލެ
|
24 ޑިސެންބަރ 2022 | ހޮނިހިރު 07:55
ދާންދޫ ހިއްކި ބިން ރަސްމީކޮށް ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ
ދާންދޫ ހިއްކި ބިން ރަސްމީކޮށް ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ
ޕްލޭނިންގ މިނިސްޓްރީ
ރައީސް ހުވަދުއަތޮޅު އުތުރުބުރިއަށް ކުރައްވާ ދަތުރު
ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައި ހުރި އެތައް އަސާސީ ހައްގުތަކެއް، މިނިވަންކަމެއް ހޯދައިދެވިއްޖެ: ރައީސް
2018 ވަނަ އަހަރު ރައްޔިތުން އެމަނިކުފާނަށް ވޯޓުދީ، ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު އެރުވީ ވަރަށް ގިނަ ކަންތައްތަކެއް ރައްޔިތުން ބޭނުންވެގެންކަމަށް ރައީސް ވިދާޅުވި
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކަށް މިހާރަކު ހުރަހެއް ނެތްކަމަށާއި، ނޫސްތަކުގައި އެ ގެންދަނީ ބޭނުންވާގޮތް ހާމަކުރަމުންކަމަށް ރައީސް ވިދާޅުވި

ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައި ހުރި އެތައް އަސާސީ ހައްގުތަކަކާއި މިނިވަންކަމެއް ހޯއްދަވައިދެއްވިއްޖެ ކަމަށް ވިދާޅުވެ، މީގެ 4 އަހަރު ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގައުމާ ހަވާލުވެވަޑައިގެންނެވިއިރު އޮތް ހާލަތާއި މިހާރުގެ ހާލަތް ރައީސް ބަޔާންކުރައްވައިފިއެވެ.

ގއ އަތޮޅުގެ ތިން ރަށަކަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދާންދޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅު ފެއްޓެވީ، ފާއިތުވި ހަތަރު އަހަރުގެތެރޭގައި، އޭރު އޮތް ހާލަތު ބަދަލުކުރުމަށް މިސަރުކާރުން ކޮށްފައިވާ ކަންކަން ކުރުގޮތަކަށް ވިދާޅުވެދެއްވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ރައްޔިތުން މިސަރުކާރު އިންތިޚާބުކުރިތާ ހަތަރު އަހަރު ވެއްޖެކަމަށާއި، 2018 ވަނަ އަހަރު ރައްޔިތުން އެމަނިކުފާނަށް ވޯޓުދީ ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު އެރުވީ ވަރަށް ގިނަ ކަންތައްތަކެއް ރައްޔިތުން ބޭނުންވެގެންކަމަށެވެ.

ފުރަތަމަ ކަމަކަށް، އޭރު ރާއްޖޭގައި އޮތް ހަލަބޮލިކަން (ޚާއްސަކޮށް ސިޔާސީ ހަލަބޮލިކަމާއި، ނުތަނަވަސްކަމާއި، އިޖުތިމާއީގޮތުން އޮތް ބިރުވެރިކަން) ނައްތާލަން ރައްޔިތުން ބޭނުންވިކަމަށް ރައީސް ވިދާޅުވިއެވެ. އޭރު ގެއްލިފައި އޮތް ރައްޔިތުންގެ ހައްގުތައް ހޯދައިދޭން ރައްޔިތުން ބޭނުންވިކަމަށް ރައީސް ވިދާޅުވިއެވެ.

އެކަންކަން ރައްޔިތުން އިންތިޚާބުތެރޭގައި އެމަނިކުފާނާ ހިއްސާކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު މިތާ ހުރެ އަޅުގަނޑު ވާހަކަ ދައްކާއިރު، އަޅުގަނޑު ވާހަކަ މި ދައްކަނީ، އިރާދަކުރެއްވިއްޔާ ހިތްހަމަޖެހުމާއެކީ. ފުރަތަމަ ކަމަކަށް، އޭރުއޮތް ހަމަނުޖެހުން، ހަލަބޮލިކަން، އިރާދަކުރެއްވިއްޔާ، އޭރު އޮތްގޮތަކަށް ނެތް ހަމަގައިމުވެސް. ރައްޔިތުންގެ ކިބައިން ނިގުޅައިގެންފަ ހުރި އެތައް އަސާސީ ހައްގުތަކެއް، މިނިވަންކަމެއް ހޯދައިދެވިއްޖެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކަށް މިހާރަކު ހުރަހެއް ނެތް. ނޫސްތަކުގަ އެ ގެންދަވަނީ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ފާޅުކުރައްވަމުން، ހާމަކުރައްވަމުން. އެއީ، އަޅުގަނޑު ކަމަށްވިޔަސް، މި ތިއްބެވި ވަޒީރުންނާ ދިމާއަށް ކަމަށްވިޔަސް، ބޭނުން ވާހަކައެއް، ބޭނުންގޮތަކަށް ލިޔުއްވައި، ވާހަކަދައްކަވަމުން އެ ގެންދަވަނީ. ހުރަހެއްނާޅަން. އަޅުގަނޑުމެންނަށް އެ ކަންތައް ބަލައިގަނެވޭނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސް ވިދާޅުވީ އޭރު ވިޔަފާރިވެރިންނަށް އޮތް ހުރަސްތަކާއެކު، ކޮންމެ މީހަކަށް އެފުރުސަތު ނުލިބޭކަމަށެވެ. އޭރު، ޓޫރިޒަމް ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރަން ބޭނުންވާ މީހާ ކަންކަން ކޮށްފައިވާގޮތާއި ކުރިގޮތް މިއަދު އޮތީ ފެންނަން ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު މިހިސާބަށް އައިއިރު، މި ސަރުކާރުން ކޮށްފަ ހުރި ކަންތައްތައް ތިޔަބޭފުޅުން ބައްލަވާ. އެއްވެސް ވިޔަފާރިވެރިޔަކަށް، އެއްވެސް އިންވެސްޓަރަކަށް ހުރަސްއަޅާފަ އޮތްތޯ. މިނިވަންކަމާއެކީގަ ވިޔަފާރި ކުރެވޭނެ މާހައުލެއް އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެން މިވަނީ ގާއިމުކޮށްދީފަ. ޔަގީންކަމާއެކު އަޅުގަނޑު މި ދަންނަވަނީ، ސިޔާސީ ޚިޔާލުތަފާތުވުމުގެ ތެރޭގައި، އެއްވެސް ވިޔަފާރިވެރިޔަކަށް ހުރަސްނާޅާނެކަމަށް. ކުރިއަށް ވަޑައިގަންނަވަންވީ. ސަރުކާރު މިއޮތީ ވިޔަފާރިވެރިންނަށް މަގުފަހިކޮށްދިނުމަށް، ފަސޭހަކޮށްދިނުމަށް، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އުސޫލުތައް ހަރުދަނާކުރުމުގަ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

މީގެއިތުރުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަސާސީ ޚިދުމަތްތައް އޮތް ގޮތަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އެންމެ ދުވަހެއްވެސް ކޮންމެސް ރަށެއްގައި ކަރަންޓު ކެނޑިގެން އިންޖީނު ބަދަލުކުރަން ނުޖެހި ނުދާކަމަށެވެ.

ޚިޔާލަށް ގެންނަވާ! އަޅުގަނޑުމެންނަށް އޭރު ވެރިކަމާ ހަވާލުވެ، އެންމެ ދުވަހެއްވެސް ނުދޭ، ކޮންމެވެސް ރަށެއްގެ ކަރަންޓު ކެނޑިގެން، އިންޖީނެއް ބަދަލުކުރަންނުޖެހޭ، ޚާއްސަކޮށް ހުކުރު ދުވަސް ދުވަހު، ރޯދަމަހު، މީ ތަކުރާރުކޮށް އަޅުގަނޑުމެންނާ ހިސާބަށް އައި ޝަކުވާތައް. މިއަދު އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، އެ ޝަކުވާތައް މުޅިން ނެތޭ އަޅުގަނޑަށް ދެންނެވިދާނެ. ފެނަކައިން ވަރަށް ރަނގަޅު، ބުރަ މަސައްކަތްތަކެއް ކޮށްދެއްވަމުން އެ ގެންދަވަނީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

މީގެއިތުރުން، ސާފު ބޯފެނާއި ނަރުދަމާއަކީ އަސާސީ ޚިދުމަތެއްކަމަށާއި، އެއީ ވަކި ރަށެއްގައި ނުވަތަ ވަކި ގެއެއްގައި ވަކި މީހަކު އުޅޭތީ ތަފާތުކޮށްގެން ދެވެންޖެހޭނެ އެއްޗެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު، ރާއްޖޭގެ ކޮންމެ ތަނެއްގައި ކޮންމެ ރަށެއްގައި ދިރިއުޅޭ މީހަކަށްވެސް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ސަރުކާރުން ފޯރުކޮށްދޭނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް