މެންދުރުގެ ހޫނު ވަގުތު ފޯރުކޮށްދިން ފިނި، ފޮނި ކުރުނބާއެވެ. ބޮޑުބެރުގެ އަޑާއި އެކުވަމުން ދިޔަ ލަވައިގެ އަޑެވެ. ރީތި ޗާލޫ ސަޤާފީ ނެށުމާއި އެކު ހުށަހަޅާދިން ހިތްގައިމު ހުށަހެޅުމެވެ. އެއަށް ފަހު އެއާއި ވިދިގެން ލިބުނު ދިވެހި ވަންތަ ހަނދާނީ ފިލާ އާއި ހަދިޔާތަކެވެ. މިއީ މިއަހަރުގެ 1.6 މިލިއަން ވަނަ ފަތުރުވެރިއަކަށް އިންޑިއާގެ ސަންޖޭ ތޭޖާސް ކޮތާރީ އަށް ރާއްޖެ އިން ކީމަރުޚަބާ ހަނދާން ހުންނާނެ ގޮތެވެ.
ސަންޖޭ ރާއްޖޭގެ ބޯޑަރުން އެތެރެވުމާއެކު، އޭނާއަށް ވަނީ މަރުހަބާ ކިޔައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާގެ ޝޭޝް އަޅުވާފައެވެ. އަދި ސަގާފި ނެށުމާއެކު ބޮޑުބެރުން އޭނާއަށް މަރުހަބާ ކިޔާފައިވެއެވެ. ސަންޖޭއަށް ރަސްމީކޮށް މަރުހަބާ ވިދާޅުވީ ނައިބް ރައީސް ފައިސަލް ނަސީމެވެ. ސަންޖޭ ރާއްޖެ އައީ ނިއުޔޯކް އިންނެވެ. އަދި މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.
ފޮޓޯތަކާއި ވީޑިއޯތަކުން މީސްމީޑިއާގައި ކުރަހާލަދިން ރާއްޖެ ފެނި ސަންޖޭގެ ހިތުގައި އުފެދުނު ޝައުގުވެރިކަން ބޮޑުކަން އޭނާ މީޑިއާ އަށް ކިޔާދިން ވާހަކަތަކުން އެނގުނެވެ. ބޮލީވުޑްގެ ތަރިން ހިމެނޭހެން މަޝްހޫރު ފަންނާނުން ރާއްޖެ އަންނާތީ ރާއްޖެ އަށް އަންނަން އޭނާގެ އިތުރުން އޭނާގެ އަލަތު އަނބިމީހާ ވެސް ހުރީ ބޭނުންވެފައެވެ. ހަނީމޫން ޑެސްޓިނޭޝަން އެއްގެ ގޮތުގައި ރާއްޖެ ޚިޔާރު ކުރި ސަބަބަކީ އެއީ ކަމަށް ސަންޖޭ ވަނީ ބުނެފައެވެ.
އުމުރުން 27 އަހަރުގެ ސަންޖޭ އަކީ އިންޑިއާގައި ޔުނިފޯމުގެ ވިޔަފާރިއެއް ކުރާ ޒުވާނެކެވެ. އޭނާ ރާއްޖެ އަށް އައި މި ދަތުރަކީ ހަތަރު ދުވަހުގެ ދަތުރެކެވެ. އޭނާ ބުނާގޮތުން ރާއްޖެ އާއި މެދު ޝައުގުވެރިވީ ރާއްޖޭގެ ސާފުކަމާއި ރީތިކަން ފެނުމުންނެވެ. އަދި ރާއްޖޭގެ ތަންތަން ބަލާ ރާއްޖެ ތަޖުރިބާކޮށްލަން ބޭނުންވެފައި ހުރިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
އޭނާ ބުނިގޮތުގައި ރާއްޖެ އިން އޭނާ އަށް ކީ މަރުޚަބާ އަކީ ހަނދާން ހުންނާނެ ފަދަ ހިތްގައިމު ތަޖުރިބާއެކެވެ. އަދި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ އަށް ވުމުން ރާއްޖެއިން ބެހެއްޓި މެހެމާންދާރީ އާއި ގާތްކަން ފެނި ހައިރާންވީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
1.6 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އިން ހާއްސަ ހަރަކާތެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ބާއްވާފައެވެ. މި ހަފްލާގައި އެމްއެމްޕީއާރުސީ، ޓުއަރިޒަމް މިނިސްޓްރީ، އެމްއޭސީއެލް، ކަސްޓަމްސް އަދި އިމިގްރޭޝަނުން ވަނި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ސަންޖޭއަށް ހަދިޔާތައްވެސް ދީފައެވެ.