ކ. މާލެ
|
27 ޖޫން 2017 | އަންގާރަ 12:22
ވެލާނާ އެއާޕޯޓުގެ އާ ޑިޕާޗާ ގޭޓް
ވެލާނާ އެއާޕޯޓުގެ އާ ޑިޕާޗާ ގޭޓް
އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
ވެލާނާ އެއާޕޯޓްގެ އާ ޑިޕާޗާ ގޭޓްގެ ހިދުމަތް ދޭންފަށައިފި
އާ ޑިޕާޗާ ގޭޓުން 300 މީހުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ
އެއާލައިން ކޮމްޕްލެކްސްގެ މަސައްކަތް ނިމި ވަރަށް އަވަހަށް ބޭނުން ކުރަން ފެށޭނެ
ވީއައިޕީ އަދި ސީއައިޕީ އަށް ހާއްސަ ކޮށްގެން ހަދާ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޑިޕާޗާ ގޭޓް ނިމި ހިދުމަތް ދޭން ފަށާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އާ ޑިޕާޗާ ގޭޓްގެ ހިދުމަތް ދޭން ފަށާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

އެމްއޭސީއެލް އިން ބުނި އާ ޑިޕާޗާ ގޭޓުން 300 މީހުންނަށް އެއްފަހަރާ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ވެލާނާ އެއާޕޯޓްގެ އާ ޑިޕާޗާ ގޭޓްގެ ހިދުމަތް ފަށާފައިވާއިރު ބައިނަލްއަގުވާމީ ފުޑްޗެއިންތަކަށް ހާއްސަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ ރެސްޓޯރެންޓްތަކުގެ އިމާރާތުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އަދި 1,346 ސްކްއާމީޓަރުގެ މި ރެސްޓޯރެންޓް އިމާރާތް ބިނާކުރަނީ މޫދު ކައިރީގައި ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ވެލާނާ އެއާޕޯޓްގެ ތަރައްގީގެ މަޝްރޫޢޫތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން އެމްއޭސީއެލް އިން ކުރި ޓްވީޓްތަކުގައި ބުނެފައިވާ ގޮތުގައި ވީއައިޕީ އަދި ސީއައިޕީ އަށް ހާއްސަކޮށްގެން ހަދާ ހަތަރު ބުރީގެ އިމާރާތް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.

މީގެއިތުރުން ވެލާނާ އެއާޕޯޓުގެ ދެކުނު ފަރާތާއި އިރުމާތީ ފަރާތް ގުޅުވާލުމަށް ހަދާ 650 މީޓަރުގެ މަގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

ހަމައެހެންމެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ވަނީ ނިމިފަ އެވެ. އެގޮތުން އެއަރޕޯޓުގައި އަލަށް ޢިމާރާތްކުރާ އިންޓަނޭޝަނަލް ޕަސެންޖަރ ޓަރމިނަލް އަށް ބޭނުންވާ ބިން ހުސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޓާމިނަލް ޢިމާރާތް ކުރުމަށް ހުޅުލޭގެ ދެކުނު ހުޅަނގުން 7.8 ހެކްޓަރުގެ ބިން ކަނޑައަޅާފައިވާއިރު، ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިމި އެ ސަރަޙައްދުގެ ޝީޓް-ޕައިލްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އާ ޓާމިނަލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސަޢޫދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބިންލާދިން ގުރޫޕާއެވެ.

އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި އެއަރޕޯޓުގައި އަލަށް ހަދާ އެއަރލައިން ކޮމްޕެލްކްސްގެ މަސައްކަތުގެ ތެރެއިން އެއަރލައިން ކޮމްޕްލެކްސްގެ ކޮންކްރީޓް މަސައްކަތްތަކާއި، މެއިން ސްޓްރަކްޗަރގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. އަދި މިހާރު ކުރަމުންދަނީ އިންޓީރިއަރ ޑިޒައިނިންގެ މަސައްކަތެވެ.

މި ޢިމާރާތުގެ މަސައްކަތް ވެސް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ނިންމައި، މިތަން ބޭނުންކުރަން ފެށޭވަރު ވާނެކަމަށް އެމްއޭސީއެލުން ބުނެއެވެ. އަލަށް ހަދާ މި ޢިމާރާތުގައި ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރަމުންދާ އެއަރލައިންތަކަށް ބޭނުންވާ އޮފީސްތަކާއި، ސެކިއުރިޓީ ކަންތައްތަކަށް ޚާއްޞަކުރެވިފައިވާ ސެންޓަރަކާއި، އެކުންފުނީގެ އޮފީސް ބޭނުންތަކަށް ޚާއްޞަ ކުރެވިފައިވާ ޖާގައިގެ އިތުރުން، މުވައްޒަފުންނަށް އިތުރު ކެންޓީނެއް ހުންނާނެއެވެ. މި މަޝްރޫޢުއަކީ 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

އެއަރޕޯޓުގައި އަލަށް ހަދާ ރަންވޭގެ މަސައްކަތް ކުރިއަށްދަނީ ސީޕްލޭންގެ އޮޕަރޭޝަންތައް ކުރިއަށްދާ ސަރަޙައްދުގައި ކަމަށްވާތީ، ހުޅުލޭގައި ހުރި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރ، އޭޓީސީ ޓަވަރ ހިމެނޭ ސަރަޙައްދުން ބިން ހިއްކުމަށްފަހު، އެ ސަރަޙައްދަށް މިހާރު ބޭނުންކުރަމުންދާ ސީ-ޕްލޭން ބޭސް ބަދަލުކުރުމަށް އެމްއޭސީއެލުން ވަނީ ނިންމާފައެވެ.

އެގޮތުން އައު ސީޕްލޭން ޓަރމިނަލް ހެދުމަށް ބޭނުންވާ 1.83 ހެކްޓަރުގެ ބިން ހިއްކާ ނިމި، އެ ސަރަޙައްދު ޝީޓް-ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށްޓަކާ މިހާރު ތައްޔާރުވަމުންދާކަމަށް އެމްއޭސީއެލުން ބުނެއެވެ.

ސީ-ޕްލޭން ބޭސް ބަދަލުކުރުމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، ޓެކްނިކަލް ގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތް އެމްއޭސީއެލުން ދަނީ ކުރަމުންނެވެ. އަދި އައު ސީ-ޕްލޭން ޓާމިނަލަށް ބޭނުންވާ ޑީޓެއިލް ޑިޒައިން ނިމުނުހާ އަވަހަކަށް، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ޓަރމިނަލްގެ މަސައްކަތް ފެށޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް އައު ސީ-ޕްލޭން ޓަރމިނަލްގެ މަސައްކަތް ނިންމާ، އެތަނުގެ އޮޕަރޭޝަންތައް ފެށުން ކަމަށް އެމްއޭސީއެލުން ބުނެއެވެ.

 

 

 

 

- ކޮމެންޓް