ތ. ގާދިއްފުށީ ޕީޕީއެމް ގޮފީގެ ރައީސް މުސްތަފާ އާދަމް އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.
މުސްތަފާގެ މެމްބަރުޝިޕް ފޯމް ހޯމަ ދުވަހު ހަވާލުކުރީ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒްއާއެވެ. ގާދިއްފުށިން މުޅިން އަލަށް އެމްޑީޕީއާއި ގުޅުނު 50 މީހުންގެ މެމްބަރޝިޕް ފޯމް ވެސް ވަނީ އެޕާޓީގެ ނައިބް ރައީސް ޝީފާޒާއި ހަވާލުކޮށްފައެވެ.
އެމްޑީޕީއާއި ގުޅުމަށް ފަހު ރާއްޖެއެމްވީއަށް މައުލޫމާތު ހިއްސާ ކުރައްވަމުން މުސްތަފާ ވިދާޅުވީ، އެނާ އެމްޑީޕީއާއި ގުޅެން ނިންމެވީ، މިއަދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެވާ ޕާޓީ އަކީ އެމްޑީޕީކަމަށްވާތީ ކަމަށެވެ. އަދި ގާދިއްފުށީގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށްކަން ފާހަގަކުރައްވަމުން މުސްތަފާ ހާމަކުރެއްވި ގޮތުގައި އެރަށުގެ ރައްޔިތުންނާއި އެކު ސިޔާސީ ގޮތުން ކުރިއަށް ދެވެން އޮތީ އެމްޑީޕީގައި މަސައްކަތް ކުރުމުން ކަމަށެވެ.
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ގާދިއްފުށީގެ ރަށު ކައުންސިލްގެ ތިން ގޮނޑި ވެސް ކާމިޔާބް ކުރީ އެމްޑީޕީއެވެ.
މުސްތަފާ ވިދާޅުވީ އެނާ އާ އެކު އެމްޑީޕީއަށް ގުޅުނު މީހުންގެ ތެރޭގައި ގިނައީ އެރަށުގެ ޕީޕީއެމްގެ މެމްބަރުން ކަމަށެވެ. އެހެންކަމުން ގާދިއްފުށީގައި އެމްޑީޕީގެ ހަރަކާތްތައް ހަރުދަނާ ކުރުމަށް އަމަލީ ގޮތުން މަސައްކަތް ވެސް ކުރައްވަމުން ގެންދަވާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
ވެރިކަން ކުރާ ޕީޕީއެމް ދޫކޮށް އެމްޑީޕީއަށް ސޮއި ކުރާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.