ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ސްވިޒަލެންޑާއި ޕޯޗުގަލް ބައްދަލުކުރި މެޗުގައި ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރަތަމަ 11ން ޖާގަ ނުދިނުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާންކަމެކެވެ. މިކަމާ ރުޅިހަދައި އެއްބަޔަކު ވަނީ ކޯޗު ފެނާންޑޯ ސަންޓޯސްގެ އިސްތިއުފާއަށް ގޮވާފައެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ ޓީމަށް އެންމެ ފައިދާ ބޮޑީ އެގޮތް ކަމަށެވެ. ރޮނާލްޑޯ ނުލައި ޓީމު މާ ރަނގަޅަށް ކުޅޭނެކަމަށެވެ.
ކޮންމެއަކަސް ރޮނާލްޑޯގެ ބަދަލުގައި ގޮންސާލޯ ރާމޯސް އަރުވައިގެން ފެށި މި މެޗު ޕޯޗުގަލްއިން ކާމިޔާބުކުރީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ސްވިޒަލެންޑުގެ މައްޗަށް ކުރިހޯދީ 6-1ންނެވެ. ރޮނާލްޑޯގެ ބަދަލުގައި މެޗު ފެށި ރާމޯސް އެމެޗުގައި ހެޓްރިކް ހަދައި ގިނަ ބައެއްގެ ހިތްތައް ފަތަހަކުރިއެވެ.
އެ މެޗަކީ ރާމޯސް ވިދާލި މެޗު އެކަންޏެއް ނޫނެވެ. އެމެޗަކީ މިހާތަނަށް މިއަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކި މެޗެވެ. އެޓޭކްކުރުމާއި ޑިފެންސް ކުރުމުގައިވެސްމެއެވެ. ކައުންޓަރ އެޓޭކުތަކުގައި ޒުވާން ކުޅުންތެރިންގެ ހަލުވި ސްޕީޑުގެ ބޭނުންހިފައި ނަތީޖާ ނެރުނެވެ. މެޗުގެ ޓެމްޕޯވެސް ފެނުނީ ރޮނާލްޑޯ ދަނޑުމަތީގައި ހުންނައިރަށްވުރެ އަވަސްކޮށެވެ.
ނަމަވެސް އުމުރުން 37 އަހަރުގެ ރޮނާލްޑޯއަށް މިއަދު އޭނާގެ އެންމެ މޮޅު ކުޅުން ނުދެއްކެއެވެ. ކުރީގެ ހަލުއި ކުޅުމާއި މޮޅެތި ޑްރިބްލްތަކެއް މިހާރު ނެތެވެ. އިދިކޮޅު ޓީމަށް މާބޮޑު ނުރައްކަލެއް ނުކުރެވެއެވެ. ސްވިޒަލެންޑް މެޗުގައި އޭނާއަށް ކުޅެން ލިބުނީ ފަހު ވިއްސަކަށް މިނެޓެވެ. ނަމަވެސް އޭނާގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނެއެވެ. ލަނޑެއް ޖެހިއެވެ. ނަމަވެސް އެލަނޑުވެސް ރެފްރީ ބަލައިނުގަތީ އޭނާއަށް ބޯޅަ ލިބުނުއިރު އޮފްސައިޑު ޕޮޒިޝަނެއްގައި ހުރުމުންނެވެ.
މިއާއެކު ގިނަ ބަޔަކު ބުނަމުން ދިޔައީ ޕޯޗުގަލްއަށް ރޮނާލްޑޯގެ ބޭނުން ކެނޑިއްޖެ ކަމަށެވެ. ރޮނާލްޑޯ ނުހިމަނައި ޓީމު މާ ރަނގަޅު ކަމަށެވެ. ނަމަވެސް ސުވާލަކީ ހަމަ ހަގީގަތުގައިވެސް ރޮނާލްޑޯގެ ބޭނުން ކެނޑުނީތޯއެވެ. އޭނާ ހުރުމަށްވުރެ ނެތުމުން ޓީމަށް ރަނގަޅުތޯއެވެ.
މި ސުވާލުތަކުގެ ޖަވާބު އެންމެ ރަނގަޅަށް އެނގޭނީ ޓީމުގެ ކޯޗު ސަންޓޯސްއަށެވެ. އޭނާ ބުނަމުންދަނީ ރޮނާލްޑޯއަކީ ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. މޮޅު ލީޑަރެއް ކަމަށެވެ. ކުއާޓަރ ފައިނަލަށް ޓީމު ތައްޔާރުވަމުން އަންނައިރު އޭނާއަށް ރޮނާލްޑޯ މުހިންމުކަން އެބަ ސާބިތުކޮށްދެއެވެ. ދެވަނަ ބުރުގެ މެޗަށްފަހު އޮތް ފަރިތަކުރުމުގައި، އެމެޗުގެ ފުރަތަމަ 11ގައި ހިމެނުނު ކުޅުންތެރިން ޓްރެއިނިންގ ހެދީ ޖިމުގައެވެ. ބާކީ ކުޅުންތެރިން ފަރިތަކުރީ ދަނޑުގައެވެ. ނަމަވެސް ބެންޗުގައި ތިބި ކުޅުންތެރިންގެ ފަރިތަކުރުމުގައި ރޮނާލްޑޯ ބައިވެރިއެއް ނުކުރެއެވެ. އޭނާއަށް ފުރުސަތު ދިނީ ފުރަތަމަ 11ގެ ކުޅުންތެރިންނާއެކު ޖިމުންނެވެ.