ދާދި ފަހުން މިވަނީ ފަނޑިޔާރު މަހާޒުގެ ސުލޫކީ މައްސަލައަކާއި ގުޅޭ ވާހަކަތަކެއް ފެންމަތިވެފައެވެ. އެކަން ހާމަކޮށް ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ, ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމްކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަސްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރިއްކޮޅަކާ، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މަހާޒު އަލީ ޒާހިރު ހަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައެއް ފެންމަތި ވެފައިވެފައިވާކަމަށެވެ.
އެ މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކޮށްފައިވާ ޙުކުމުގެ އިސްތިއުނާފު މައްސަލައެވެ. އެގޮތުން އެކަން ހިނގާ ދިޔަ ގޮތާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމުން ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، ރައީސް ޔާމީނުގެ މައްސަލަ ކުރިއަށްދިޔައިރު ކޮންމެ އަޑުއެހުމަކަށްފަހުވެސް ކޮންމެވެސް އެއް ފަނޑިޔާރަކު ގެންދެވީ ފަރިއްކުޅުވުން ގެންނަވަމުންނެވެ. އެގޮތުގެ މަތިން ކޮންމެ ދުވަހަކުވެސް ބެންޗުގައި ހިމެނިވަޑައިގަންނަވާ ކޮންމެވެސް އެއް ފަނޑިޔާރަކު ގެންދެވީ މެންދުރުގެ ފަރިއްކުޅުވުން ގެންނަވަމުންނެވެ.
އޭރު ރައީސް ޔާމީނުގެ އިސްތިއުނާފު އަޑުއެހުންތައް އާންމު ގޮތެއްގައި މެންދުރާ ޖެހެންދެން ކުރިއަށް ގެންދެއެވެ.
ފަނޑިޔާރުން އާންމުކޮށް ފަރިއްކުޅުވުުން ގެންނަވަނީ ސެކްޝަންގެ އިދާރީ މުވައްޒަފަކަށް މެނޫ ފޮނުއްވުމަށްފަހު، ފައިސާ ޓްރާންސްފަރ ކުރައްވައި، އެ މުވައްޒަފެއް ލައްވައެވެ. އެހެންވާން ދިމާވަނީ ފަނޑިޔާރުން ޝަރީއަތުގައި ތިއްބަވަން ޖެހިވަޑައިގަންނަވާތީއެވެ. އެއީ ކޯޓުގައި އާންމުކޮށް ކޮށްއުޅޭ ކަމެކެވެ.
އެގޮތުގެ މަތިން އަޑުއެހުންތައް ބާއްވަވަމުން އައިސް، ޙުކުމް ކުރެއްވުމުގެ ކުރިން ކަމެއް ދިރާސާ ކުރައްވަން ބޭއްވެވި އަޑުއެހުމަށްފަހުވެސް ފަނޑިޔާރަކު ވަނީ ފަރިއްކުޅުވުން ގެންނަވާފައެވެ. އަދި އެ ތަރުތީބުގެ ދަށުން ދަމުން، ޙުކުމް ކުރެއްވި ދުވަހު ފަރިއްކުޅުވުން ގެންނަވަން ޖެހިވަޑައިގަތީ ފަނޑިޔާރު މަހާޒުއަށެވެ.
އެ ދުވަހު ފަނޑިޔާރު މަހާޒު ފަރިއްކުޅުވުން އޯޑަރު ކުރެއްވީ އަނބިކަނބަލުންގެ ބައްޕާފުޅު ހިންގަވާ ރެސްޓޯރެންޓުންނެވެ. އެކަމާ ގުޅޭ ސްލިޕްތައްވެސް ހުންނާނެކަމަށް މަހާޒު އާންމު ކުރެއްވި ބަޔާނުގައިވެސް ފާހަގަ ކުރައްވާފައިވެއެވެ. ފަނޑިޔާރު މަހާޒު ވަނީ އާންމުކޮށްވެސް އަމަލުކުރާ އުސޫލުން ސެކްޝަންގެ އިދާރީ މުވައްޒަފަށް، ފަރިއްކުޅުވުން ހިފައިގެން އަންނަ ފަރާތުގެ ނަންބަރު ދެއްވާފައެވެ.
ޔާމީން ޖަލު އަދަބުން މިނިވަންވި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ފަނޑިޔާރު މަހާޒެވެ.
ރައީސް ޔާމީނުގެ މައްސަލައިގެ ޙުކުމް ކުރެއްވުން ކުރިއަށް ދިޔަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދުވެސް ވަނީ އެ ސެކްޝަންގެ މައްސަލައެއްގެ ޙުކުމް ކުރައްވާފައެވެ. އެ ބެންޗުގައިވެސް މަހާޒު ހިމެނިވަޑައިގަންނަވާތީ، ރައީސް ޔާމީނުގެ މައްސަލައިގެ ޙުކުމަށްފަހު މަހާޒު ވަނީ އަނެއް މައްސަލައިގެ އަޑުއެހުމަށް ވަޑައިގަންނަވާފައެވެ. މެންދުރުގެ ފަރިއްކުޅުވުމަށް ވަޑައިގެންނެވީ އެ ޙުކުމަށްވެސް ފަހުއެވެ.
މަހާޒު އާންމު ކުރެއްވި ބަޔާނުގައިވެސް ވަނީ ފަރިއްކޮޅުގެ މާ ކުރިން ޝަރީއަތުގެ ކަންކަން ހަމަޖެހިފައިވާނެ ކަމަށާއި އެއީ ސިއްރުން ކުރިކަމެއް ނޫންކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ޔާމީނުގެ އިސްތިއުނާފުގެ ޙުކުމަށްފަހު އެތައް ދުވަހެއް ފަހުން، މިހިނގާ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓަށް އެ ފަރިއްކުޅުވުމާ ގުޅޭ މައުލޫމާތު ހޯދުމަށް ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް އެއީ ވަކި ފަނޑިޔާރަކަށް ތުހުމަތު ކުރެވޭ މައްސަލައެއްކަމެއް ސިޓީގައި ބަޔާންކޮށްފައެއް ނުވެއެވެ.
އެއީ ފަނޑިޔާރުން އަމިއްލަފުޅު ޚަރަދުގައި ގެންނަވާ ފަރިއްކޮޅަކަށްވާތީ އެކަމާ ގުޅޭ ރެކޯޑުތައް ކޯޓުގެ ރަސްމީ ރެކޯޑުތަކުގައި ނެތްކަމަށް ކޯޓުން ޖޭއެސްސީއަށް ޖަވާބު ދިނެވެ. ނަމަވެސް ފަރިއްކުޅުވުމެއް އޮތްކަމާއި، އެއީ ކޯޓުގެ ޚަރަދުގައި ގެނައި ފަރިއްކޮޅެއް ނޫންކަމަށް ކޯޓުން އޮތީ ޖޭއެސްސީއަށް ޖަވާބު ދީފައެވެ. ސަބަބަކީ އާންމު އުސޫލުން ޝަރީއަތްތައް ދިގުލައިގެންދާނަމަ، ފަނޑިޔާރުންނަށް ޕެޓީ ކޭޝް މެދުވެރިކޮށް، ރަސްމީ ރެކޯޑުގެ ތެރެއިންވެސް ފަރިއްކުޅުވުން ގެނައުމުގެ އިހުތިޔާރު މާލިއްޔަތު ޤަވާއިދުގެ ތެރެއިން އޮންނާތީއެވެ.
އެ ސިޓީއާއި ގުޅިގެން ޖޭއެސްސީން އަނެއްކާވެސް ދެވަނަ ސިޓީއެއް ފޮނުވިއެވެ. އެއީ ފަނޑިޔާރުން އަމިއްލައަށް ކުރެއްވި ޚަރަދުގެ ތަފްސީލުތައް ހޯދުމަށެވެ. އެކަމާ ގުޅިގެން ކޯޓުން ވަނީ ތަފްސީލީ ގޮތެއްގައި ޖޭއެސްސީއަށް ޖަވާބު ފޮނުވާފައެވެ. އެގޮތުން ފަނޑިޔާރުން އަމިއްލަ އިސްނެންގެވުމުގެ މަތިން ފަރިއްކުޅުވުންތައް ބާއްވަވާކަން އެ ސިޓީގައިވެސް ފާހަގަ ކުރައްވާފައިވެއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މިހާތަނަށް ޖޭއެސްސީން ރަސްމީކޮށް ފަނޑިޔާރު މަހާޒުގެ މައްސަލައެއް ބަލަމުންދާކަމަށް އެ ފަނޑިޔާރަށް އަންގާފައެއް ނުވެއެވެ. ނުވަތަ އެކަމާ ގުޅޭ މައުލޫމާތެއް ފަނޑިޔާރު އަރިހުން ސާފު ކުރައްވާފައެއް ނުވެއެވެ.
ހަމައެއާއެކު، ޖޭއެސްސީގައިވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އިންނަވައެވެ.
ޖޭއެސްސީން މި މައްސަލައާ ގުޅިގެން 3 ވަނަ ސިޓީއެއްވެސް ކޯޓަށް ފޮނުވިއެވެ. އެ ސިޓީއަށްވެސް ކޯޓުން ވަނީ ޖަވާބު ދީފައެވެ. އެހެންނަމަވެސް ޖޭއެސްސީން އާންމުކުރި ބަޔާނުގައި ވަނީ ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން ވެސް، އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްދެއްވުމަށް ތަކުރާރުކޮށް އިއުތިރާޒުކުރެއްވިކަމަށެވެ.
ވަކިން ޚާއްސަކޮށް އެއިން އެއްވެސް ސިޓީއެއްގައި ވަކި ފަނޑިޔާރަކަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ވާހަކައެއް ނެތެވެ. ވުމާއެކު، ކޯޓުން ޖަވާބު ދީފައިވަނީވެސް އެ ދުވަހު ކަންކަން ހިނގާ ދިޔަ ގޮތް ބަޔާންކޮށެވެ. ސަބަބަކީ އާންމު އުސޫލުން ފަނޑިޔާރަކާ ގުޅޭ ތުހުމަތެއް އޮތްނަމަ، އުއްތަމަފަނޑިޔާރުގެ ބިއުރޯއިން އެ ފަނޑިޔާރަކަށް ނޯޓެއް ފޮނުއްވަވައި، އެކަމަކާއި ގުޅޭ މައުލޫމާތު ފަނޑިޔާރު މެދުވެރިކޮށްވެސް ސާފު ކުރައްވާތީއެވެ.
ޖޭއެސްސީން އާންމުކުރި ބަޔާނުގައި ވަނީ، ސެކްޝަންގެ ބައެއް މުވައްޒަފުން ކޮމިޝަނަށް ހާޒިރުކޮށް އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކުރެވުނުކަމަށް ބަޔާންކޮށްފައެވެ. އަދި ސާފުކުރެވުނު މައުލޫމާތުން އެ ފަރީއްކޮޅާމެދު ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރުދޭ ބައެއް ކަންކަން ހާމަވެފައިވާކަންވެސް ވަނީ ބަޔާންކޮށްފައެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ސެކްޝަންގެ މުވައްޒަފުން ވަނީ ފަނޑިޔާރު ޝަރީއަތުގައި އިންނަވާނެތީ، ފަރިއްކުޅުވުން ހިފައިގެން އަންނަ ފަރާތުގެ ނަންބަރު ފަނޑިޔާރު މަހާޒު ދެއްވި ކަމަށާއި، ފަރިއްކޮޅާ ޙަވާލުވުމަށް ދެންނެވިކަމަށް ޖޭއެސްސީގައި ބުނެފައެވެ. ތަފާތުކަމަކަށް އެ ދުވަހު ހިނގި ކަމަކީ ފަނޑިޔާރުން މެނޫ ފޮނުއްވުމުން އިދާރީ މުވައްޒަފު އޯޑަރު ކުރެއްވުމުގެ ބަދަލުގައި، ފަރިއްކުޅުވުން ގެންނަ މީހާގެ ނަންބަރު ފަނޑިޔާރު ދެއްވުމެވެ. އެހެން ދިމާވާން ޖެހުނީ ފަރިއްކުޅުވުން ގެންނަވަނީ ފަނޑިޔާރުގެ އާއިލީ ތަނަކުންކަމަށްވީތީއެވެ.
ކޮންމެއަަކަސް ޖޭއެސްސީން ބަލަމުން މިދާ މައްސަލައާ ގުޅޭގޮތުން ތަފާތު އެކި ޝުއޫރުތައް އެކި ފަރާތްތަކުން މި ގެންދަނީ ފާޅު ކުރަމުންނެވެ. ވަކިން ޚާއްސަކޮށް ރައީސް ޔާމީނުގެ ޙުކުމަށް އެތައް ދުވަހެއްވެ، ދަށު ކޯޓުން އެމަނިކުފާނަށް ކުރާ އެހެން ދައުވާއެއްގެ ޙުކުމާއި ހިސާބަށް ގޮސްފައިވަނިކޮށް މި މައްސަލަ ފެންމަތިވުމާއެކު، މި ވާހަކައިގެ އަޑު މިވަނީ ގަދަވެފައެވެ.
މި މައްސަލައާ ގުޅިގެން ފަނޑިޔާރު މަހާޒުއާ ސުވާލު ކޮށްފައިނުވާއިރު، ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަރިހުންވެސް މައުލޫމާތު ސާފުކޮށްފައިނުވަނީ ކީއްވެތޯ މިއީވެސް އުފެދޭ ސުވާލެކެވެ. އެންމެންވެސް އުފައްދަމުންދާ ސުވާލަކީ ކުއްލިއަކަށް ފަނޑިޔާރު މަހާޒުއަށް މިވީ ކީއްތޯއެވެ؟
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 148 ވަނަ މާއްދާގެ ހ ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ގދ. މަޑަވެލި، މޭނާ، އަލްއުސްތާޒު މަހާޒް އަލީ ޒާހިރު އައްޔަނު ކުރުމާމެދު ޖުޑީޝަލް ސާރިވިސަސް ކޮމިޝަންގެ ލަފައަކަށް އެދިވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙެވެ. އެގޮތުގެ މަތިން ޖޭއެސްސީން ރައީސް ސާލިޙަށް ލަފާ އެރުއްވި ބޭފުޅުންގެ ތެރޭގައި ލިސްޓުގެ ކުރީގައި މަހާޒުގެ ނަންފުޅުވެސް ހިމެނިވަޑައިގަންނަވައެވެ.
ޖޭއެސްސީގެ ލަފަޔާއެކު ޤާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުމަށް މަޙާޒު ޢަލީ ޒާހިރު އާއި ސ.ހުޅުދޫ، ގޯރަންވިލާ އޛ. ފާޠިމަތު ދިޔާނާ ސައީދުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ރައީސް ސާލިޙު ފޮނުއްވީއެވެ.
މަޖިލީހުގައި ނެގުނު ވޯޓަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މަހާޒު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ޑްރަގް ކޯޓުގެ ކުރީގެ ފަނޑިޔާރުކަންވެސް ކުރައްވާފައިވާ މަހާޒް ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުންދިނުމަށް ފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދެއްވިއެވެ.