ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯގައިވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދު ކަމަށް އެޕާޓީގެ ޗެއަރޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްގައި އެންމެ ބޮޑަށް އަލިއަޅުވާލާނީ، 2018 ވަނަ އަހަރުގެ މެނިފެސްޓޯ އެކުލަވާލުމުގައި އިސްކަންދޭނެ ކަންކަން ކަނޑައެޅުމަށް ކަމަށެވެ.
ނިޔާޒް ވިދާޅުވީ، މީގެ އިތުރުން އެމްޑީޕީގެ އަސާސީ ގަވައިދަށް އިސްލާހުތަކެއް ގެނައުމަށްވެސް ކޮންގްރެސްގައި މަޝްވަރާ ކުރާނެ ކަމަށެވެ.
އެމްޑީޕީއިން އެންމެ ފަހުން ކޮންގްރެސްއެއް ބާއްވާފައިވަނީ މީގެ 7 އަހަރު ކުރިންނެވެ.
އެމްޑީޕީން 2018 ވަނަ އަަހަރަށް އެކުލަވާލާ މެނިފެސްޓޯގައި ހިމަނާނެ ކަންތައްތަކާ ގުޅޭ ގޮތުން ނިޔާޒް ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯ ވެެގެންދާނީ ރައްޔިތުން ބޭނުންވާ ކަންކަން ހިމެނޭފަދަ މެނިފެސްޓޯ އަކަށް ކަމަށެެވެ. އެގޮތުން ރާއްޖޭގެ އިދާރީ ދައިރާތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހިންގޭނެ ފުރިހަމަ ނިޒާމެއް އެކުލަވާލުމަށްޓަކައި މުހިއްމު ކަންތައްތަކެއް މެނިފެސްޓޯގައި ހިމެނޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ، ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވުމާއެކު ރާއްޖެ ތަރައްގީ ކުރުމަށް އެމްޑީޕީ ވިސްނާފައިވަނީ، ޖަޒީރާވަންތަކަން ނުގެއްލޭނެ ގޮތަށް ބަަލައިގެން ކަަމަށެވެ.
މެނިފެސްޓޯ އެކުލަވާލުމުގައި ބައިނަލްއަޤުވާމީ ގޮތުން ރާއްޖެ ހާސިލް ކުރަންޖެހޭ ކަންކަމަށް މުހިއްމު އިސްކަމެއްދެއްވާނެ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވަނީ މީގެ ކުރީގެ މެނިފެސްޓޯގައި ހިމެނުނު ކަންކަމުގެ ތެރެއިން އެމްޑީޕީން ރާއްޖެއަށް ގެނެސްދިން ކުރިއެރުންތައް ފާހަގަކުރައްވާފަ އެވެ.
ނިޔާޒް ވިދާޅުވީ، އެމްޑީޕީން 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ދިވެހިންގެ ދިރިއުޅުން ތަރައްގީ ކުރުމަށް މުހިއްމު ކަންތައްތަކެއް ހިމެނުމަށް ވިސްނާފައިވާ އިރު މެނިފެސްޓޯގައި މާގިނަ ވައުދުތަކެއް ނުހިމެނޭނެ ކަަމަށެވެ.
އެމްޑީޕީން 2008 ވަނަ އަހަރު އެކުލަވާލެވުނު މެނިފެސްޓޯގައި ހިމެނިފައިވަނީ ފަސް ވައުދު ކަމަށާއި 2013 ވަނަ އަހަރުވެސް އެކުލަވާލި މެނިފެސްޓޯގައި ހިމަނާފައިވަނީ ފަސް ވައުދުކަމުން ކުރިއަށް އޮތް 2018 ވަނަ އަހަރު އެކުލަވާލާ މެނިފެސްޓޯގައިވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދުކަމުގައި ނިޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ފަސް ވައުދު ފުއްދުމަށްޓަކައި، ގިނަ ކަންތައްތަކެއް މެނިފެސްޓޯގައި ހިމެނޭނެ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވަނީ އެމްޑީޕީގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށްޓަކައި އެމްޑީޕީގެ އެކި ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލައި، ގޮފިތައް ޤާއިމް ކުރަން ބޭނުންވާ ރަށްތަކަށްވެސް 16 ޖުލައި އާ ހަމައަށް ފުރުސަތު ފަހިވެފައިވާކަން ހާމަކުރައްވާފައެވެ.