މާޝަލް އާޓުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބްރޫސް ލީ މަރުވީ މާގިނައިން ފެން ބުއިމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށް އައު ދިރާސާއަކުން ދައްކައިފިއެވެ.
ބްރޫސް ލީ މަރުވީ 1973 ވަނަ އަހަރު ހޮންގކޮންގ ގައެވެ. އޭނާ މަރުވިއިރު އުމުރަކީ 32 އަހަރެވެ. އޭރުގެ އޮޓޮޕްސީ ރިޕޯޓުން ބުނެފައިވާ ގޮތުގައި އޭނާ މަރުވީ ސިކުނޑި ދުޅަވުމުގެ ސަބަބުންނެވެ.
ކުރިން ލަފާ ކޮށްފައިވާ ގޮތުގައި ބްރޫސް ލީގެ ސިކުނޑި ދުޅަވާން ދިމާވީ އޭނާ ކެއި ތަދު ކަޑުވާ ބޭހެއްގެ ސަބަބުންނެވެ. އޭނާ މަރާލީ ޗައިނާގެ ގޭންގުތަކަކުން ކަމަށާއި ހޫނުގަދަވުމުން ކަމަށް ބުނެ ވެސް ޚަބަރުތައް ފެތުރިގެންދިޔައެވެ. ނަމަވެސް "ކްލިނިކަލް ކިޑްނީ ޖަރނަލް" ގައި އަަލަށް ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އޭނާގެ ސިކުނޑި ދުޅަވުމަށް ދިމާވި ސަބަބަކަށް މާގިނައިން ފެން ބުއިން ވެދާނެ ކަމަށެވެ. އެގޮތުން، ކިޑްނީއަށް ސާފު ކުރެވޭވަރަށްވުރެ ގިނައިން ފެން ބޭނުން ކޮށްފައިވާކަމަށް ލަފާ ކުރެވޭ ކަމަށް ވަނީ ބުނެފައެވެ.
މިގޮތަށް ދިރާސާގައި ބުނެފައިވަނީ ބްރޫސް ލީ މަރުވުމުގެ ކުރިން އެކި ފަހަރުމަތިން ގިނަ އަދަދަކަށް ދިޔާތަކެތި ބޭނުން ކުރި ކަމަށް އާއިލާއާއި ރައްޓެހިން ބުނެފައިވާތީއެވެ. އޭނާގެ އަންހެނުން ލިންޑާ ބުނެފައިވާ ގޮތުގައި ބްރޫސް ލީ އެ ދުވަސްވަރު ހުރީ ހަމައެކަނި ދިޔާތަކެތި ބޭނުންކުރާ ޑައެޓެއްގައެވެ. އޭނާގެ ބައޯގްރަފަރ މެތިއު ޕޮލީ ވެސް ވަނީ މަރުވި ދުވަހު ވެސް ތަކުރާރުކޮށް އޭނާ ފެން ބުއިކަމަށް ބުނެފައެވެ. އަދި އޭނާގެ ސިއްހީ ހާލަތު ރަނގަޅު ނޫންކަމަށް ދައްކަން ފެށީވެސް އޭނާ ފެންބުއިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަަމަށް މެތިއު ވަނީ ބުނެފައެވެ.
ބްރޫސް ލީ އަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ، ކެނެބިސް ވެސް ބޭނުން ކުރާ މީހެއް ކަމަށާއި އެހެންކަމުން ކަރުހިއްކާވަރު އިތުރުވާނެ ކަމަށާއި މަރުވި ދުވަހު ވެސް ކެނެބިސް ގިނަ އަދަދަކަށް ބޭނުން ކުރި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އޭނާ މަރުވި ކަމަށް ބައެއް ފަރާތްތަކުން ލަފާ ކުރާ އެހެން ބައެއް ސަބަބުތަކުގެ ތެރޭގައި ގިނަ އަދަދަކަށް ބޭސް ބޭނުން ކުރުމާއި ރާ ބުއިން ހިމެނެއެވެ.