ކޮންމެ މީހަކު ވެސް ކުޑައިރު އެމީހެއްގެ ހަނދާނުން ފޮހެލަން ދަތި ހާދިސާތަކާ ދިމާވެއެވެ. އެކި މީހަކު ކުރި މޮޅު ކަމެއް ނުވަތަ ކީ ވަނަމެއް މުޅި އުމުރަށް ވެސް ހަރުލާފައި ހުރެއެވެ. ގިނަ މީހުންނަށް މިހާރު ވެސް އަސްލުނަމުން ގޮވުމަށްވުރެން އާއިލާ މީހުންނާއި ރައްޓެހިން ގޮވާނީ ވަނަމުންނެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނަށް ވެސް ދިމާވި މިފަދަ ގޮތެކެވެ. ގިނަ މީހުން ޑރ. އިބްރާހިމް ހަސަނަށް މުޚާތަބު ކުރަނީ ވަނަމުންނެވެ. އާންމުކޮށް މީހުން އެބޭފުޅާއަށް ކިޔާ އުޅެނީ "ޗަބީ" އެވެ. ޑރ. އިބްރާހިމް ހަސަނަށް މިނަން ދެވިގެންދިޔައީ އެބޭފުޅާގެ ތިއްތަ ވަފިއްޔާ ނަޖީބު އެހެން ކިޔަން ފެށުމުންނެވެ. ޗަބީއަށް އެނަން ދެވިގެން ދިޔައީ އުމުރުފުޅުން ދޮޅު އަހަރުގައި ނުވަތަ ދެ އަހަރުގައެވެ.
އަޅުގަނޑު ކުޑައިރު ޗަބީކަމުން ލޯބިން ތިއްތަ ކީ ނަމެއް ޗަބީ އަކީ. ދެން ހަރުލާފައި މި ހުންނަނީޑރ. އިބްރާހިމް ހަސަން
މިހާރުގެ ޖީލަށް ބަލާއިރު މިފަދަ ނަންތައް ބުލީ ކުރުމަށް ކިޔާ އުޅުނުނަމަވެސް ޑރ. އިބްރާހިމް ހަސަން ވިދާޅުވީ "ޗަބީ" އެނަން ކީ ނަމަވެސް ސްކޫލް ދައުރުގައި ވެސް އެ ޒަމާނުގައި އެއްވެސް މީހަކު ބުލީ ނުކުރާ ކަމަށެވެ. އެ ޒަމާނުގައި އެކަހަލަ އެއްވެސް ކަމެއް ދިމާނުވާކަމަށެވެ.
ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިހާރު "ޗަބީ" އެ ނަން ކިޔާތީ ވަރަށް ގިނަ މީހުން ސުވާލު އުފައްދާ ކަމަށެވެ. އަދި އެނަން ކިޔުނީ ކީއްވެގެންތޯ ވެސް އަހާ ކަމަށެވެ. އަދި އަނެއް ބައި މީހުން އަހަން ނުކުރިފައިވެސް ތިބޭ ކަމަށެވެ.
ޑރ. އިބްރާހިމް ހަސަން ތައުލީމީ ހަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވީ ސްކޮޓްލޭންޑްގައެވެ. އެހެންކަމުން މިފަހަރުގެ ވޯލްޑް ކަޕްގައި ސްކޮޓްލޭންޑަށް ސަޕޯޓްކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. ގިނަ ފިރިހެން ކުދިންގެ ޝައުޤުވެރިކަން ހުންނަނީ ފުޓްބޯޅަ ކުޅުމަށް ކަމަށްވާއިރު ޑރ. އިބްރާހިމް ހަސަންގެ ވެސް ޝައުޤުވެރިކަން ހުރީ ފުޓްބޯޅަ ކުޅުއްވުމަށެވެ. ސްކޫލް ދައުރުގައި ވަރަށް ބޮޑަށް ފުޓްބޯޅަ ކުޅުއްވިއެވެ.
ޑރ. އިބްރާހިމް ހަސަން ވަނީ އިނގިރޭސިވިލާތުގައި ކިޔަވަން ހުންނެވިއިރު ދިމާވި ބައެއް ހާދިސާތަކުގެ ވާހަކަތައް ވެސް ހިއްސާކުރައްވާފައެވެ. އިނގިރޭސިވިލާތަށް ގޮސް ހުންނެވިއިރު ކިޑްސް ޓްރެއިނިންގ އިން ފުރުސަތު ލިބިވަޑައިގެންނެވިއެވެ. އެއީ އިންޓަރނޭޝަނަލް ފަސްޓް އެއިޑް ޕްރޮގްރާމުގައި ބައިވެރިވުމަށް ނުވަތަ އިންގްލިޝް އެފްއޭ އިން ހިންގި ރެފްރީކަން ކިޔެވުމަށެވެ.
އެބޭފުޅާ ނިންމެވީ ރެފްރީކަން ކިޔެވުމަށެވެ. އަދި ރެފްރީކޯސް ހައްދަވައިގެން ރަޖިސްޓްރީ ވެސް ކުރެއްވިއެވެ. މާލެ ވަޑައިގެންނެވުމަށްފަހު ރެފްރީކަން ކުރާ ހިތްވިނަމަވެސް އެންމެ ފުރަތަމަ އަދާކުރެއްވީ ސީއެޗްއެސްސީގެ ހިސާބު ޓީޗަރެއްގެ ވަޒީފާއެވެ.
އެ ދުވަސްވަރު ރެފްރީންނާއެކު ރޭގަނޑު ގަލޮޅު ދަނޑަށް ފަރިތަކުރަން ވަޑައިގެންނެވި ކަމަށާއި އެހެންނަމަވެސް ކިޔަވައިދިނުމުގެ މަސައްކަތް ކުރަމުންދާތީ ދަނޑުމައްޗަށް ނުނިކުންނެވީ ކަމަށް ވިދާޅުވިއެވެ. ޑރ. އިބްރާހިމް ހަސަން ރެފްރީކަމުގެ ސަނަދު ހޯއްދެވުމަށްފަހު އަމަލީ ގޮތުން ރާއްޖޭގައި ރެފްރީކަން ނުކުރައްވައެވެ.
ކޮފީ އެއްވެސް ގޮތަކަށް ނުހިއްޕަވާ ޑރ. އިބްރާހިމް ހަސަނަށް އެންމެ ބޮޑަށް ކަމުދަނީ ކަޅު ސަޔެވެ.