އުރީދޫގެ ހިއްސާ އަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބުން ދައްކުވައިދެނީ، އުރީދޫ މޯލްޑިވްސްގެ ކުރިއެރުމާއި މެދު އިންވެސްޓަރުންނަށް އިތުބާރު އޮތުން ކަމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވެއްޖެއެވެ.
އުރީދޫ މޯލްޑިވްސް އިން އައިޕީއޯ ކާމިޔާބުކަމާ އެކު ނިންމާލުން ފާހަގަކުރުމުގެ ގޮތުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އައިޕީއޯ އަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބާއި ބައިވެރިވުމާއެކު ރާއްޖޭގެ ވަރަށް ބޮޑު އިންވެސްޓަރ ބޭސްއެއް ލިބިގެން ދިއުމަކީ އުރީދޫ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
މި އައިޕީއޯ ކާމިޔާބުކަމާ އެކު ނިންމާލާފައި ވަނީ، 14،044،870 (ސާދަ މިލިއަން، ސާޅީސް ހަތަރު ހާސް އަށްސަތޭކަ ހަތްދިހަ) ޙިއްޞާ، 8،219 ޙިއްޞާދާރުންނަށް ވިއްކުމަށް ފަހުއެވެ. ވިއްކާފައިވާ ޙިއްޞާއިން ޖުމްލަ 421،346،100 (ހަތަރު ސަތޭކަ އެކާވީސް މިލިއަން ތިންލައްކަ ސާޅީސް ހަ ލައްކަ އެއް ސަތޭކަ) ރުފިޔާ ހޯދާފައިވާއިރު، ވިއްކާފައިވާ ޙިއްޞާއަކީ ކުންފުނީގެ ދޫކޮށްފައިވާ ޙިއްޞާގެ %9.5 އެވެ.
މި އައިޕީއޯ ހާއްސަވެގެންދިޔަ އެއް ސަބަބަކީ، ޙިއްޞާ ގަތުމުގެ ހުރިހާ ކަމެއް އޮންލައިންކޮށް ފުރިހަމަކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ އައިޕީއޯ ވާތީ ކަމަށާއި އައިޕީއޯގެ މައިގަނޑު އެއް މަގްސަދަކީ، އުރީދޫ މޯލްޑިވްސްގެ މިލްކުވެރިކަން ރާއްޖޭގެ އެކި ހިސާބުތަކަށް ބަހާލެވި، އިންވެސްޓްމަންޓް އަދި ފަހަށް ރައްކާކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުވުން ކަމުގައި އުރީދޫއިން ބުންޏެވެ.
ދިވެހިރާއްޖޭގެ މުޖުތަމަޢުއަށް ފައިދާކުރުވަނިވި ޚިދުމަތްތައް ފޯރުކޮށްދީގެން، ކުންފުނި އާ އުސްމިންތަކަށް ގެންދިއުމަށްޓަކައި، ކުރިއަތް އޮތްތަނުގައި ވެސް އުރީދޫ މޯލްޑިވްސް އިން މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.