Advertisement
ކ. މާލެ
|
3 ނޮވެންބަރ 2022 | ބުރާސްފަތި 16:16
ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިއުން
ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިއުން
ސްޓެޓިސްޓިކްސް މޯލްޑިވްސް
ބޯހިމެނުން 2022
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ބޯހިމަނަން ފަށައިފި
މި ސަރވޭއަށް މައުލޫމާތު ހުށައަޅަންޖެހޭނީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭތާ 1 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ވެފައިވާ މީހުން

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ އާބާދީ ދެނެގަތުމުގެ ސަރވޭ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ފަށައިފިއެވެ.

މި ނޮވެމްބަރު މަހުގެ 30ގެ ނިޔަލަށް ކުރިއަށްގެންދާ މި ސަރވޭއަކީ, ދިވެހިން ރާއްޖެއިން ބޭރަށް ހިޖުރަކުރާ މިންވަރާއި ސަބަބުތައް ދެނެގަތުމާއި, ބޭރުގައި ދިރިއުޅޭ ދިވެހިންގެ އާބާދީގެ ސައްހަ އަދަދު ދެނެގަތުމާއި، އާބާދީގެ ތަފާސް ހިސާބުތައް އެކުލަވާލުމަށް ކުރާ ސަރވޭއެކެވެ.

"ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަރވޭ 2022″ގެ ނަމުގައި ކުރިއަށްގެންދާ މި ސަރވޭގައި މައުލޫމާތު އެއްކުރާނީ އޮންލައިންކޮށް، ސުވާލު ކަރުދާހެއް މެދުވެރިކޮށެވެ. މި ފޯމުގައި ޖުމްލަ 19 ސުވާލެއް ހިމެނެއެވެ. މި ސަރވޭއަށް މައުލޫމާތު ހުށަހަޅަންޖެހޭނީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭތާ 1 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ވެފައިވާ މީހުންނެވެ.

ސަރވޭ ކަރުދާހުގެ ލިންކް ސްޓޭޓްސް، ބިއުރޯގެ ވެބްސައިޓާއި އިދާރާގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެއެވެ.

ސެޕްޓެމްބަރ މަހުގެ 13ން ފެށިގެން ކުރިޔަށްގެންދިޔަ މިއަހަރުގެ ބޯ ހިމެނުމުގައި މިހާތަނަށް ގުނިފައިވާ އަދަދުތަކަށް ބަލާއިރު، ރާއްޖޭގައި ދިރިއުޅޭ އާބާދީއަކީ 452،495 ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ވަނީ ހާމަކޮށްފައެވެ.

އެއިދާރާއިން ވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ގުނި އަދަދުތަކުގެ ތަފާސްހިސާބު ހާމަކޮށްފައެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ، މިހާތަނަށް ގުނިފައިވާ އާބާދީއަކީ އިދާރީ ރިކޯޑުތަކުން ބަލާއިރު ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އާބާދީގެ 89 އިންސައްތަކަމަށެވެ. މި އާބާދީގެ ތެރޭގައި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންވެސް ހިމެނޭކަމަށް އެއިދާރާއިން ބުނެއެވެ.

Advertisement

ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު; ރާއްޖޭގައި ދިރިއުޅެނީ 355،331 ދިވެހިންނާއި 97،164 ބިދޭސީންނެވެ. އެންމެފަހުން ބޯހިމަނާފައިވާ 2014 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު; އޭރު ރާއްޖޭގައި ދިރިއުޅޭ އާބާދީކަމަށް ރިކޯޑު ކުރެވިފައިވަނީ 402،071 މީހުންނެވެ. އެއީ 338،434 ދިވެހިންނާއި 63،637 ބިދޭސީންނެވެ.

އެހެންކަމުން ފާއިތުވި 8 އަހަރުގެ ތެރޭގައި އިތުރުވެފައިވަނީ 16،897 ދިވެހިންނާއި 33،527 ބިދޭސީންނާއެކު ޖުމްލަ 50،424 މީހުންނެވެ. މިއީ އަދި ވަގުތީ އަދަދުތަކަކަށް ވުމުން، މިއަދަދުތަކަށް ބަދަލުއައުމަކީ އެކަށީގެންވާކަމެކެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާގޮތުގައި; ބިދޭސީންގެ ގޮތުގައި ގުނާފައިވާ 97،164 މީހުންނަކީ އިމިގްރޭޝަންގެ ރިކޯޑްތަކުން ދައްކާ ބިދޭސީންގެ އާބާދީގެ 65 އިންސައްތައެވެ. އެހެންކަމުން މިއަދަދު އިތުރަށް ފުރިހަމަކުރުމަށްޓަކައި ވަޒީފާތަކަށް ބިދޭސީން ގެނެސްފައިވާ އެމްޕްލޯޔަރުންނާ ގުޅިގެން ބިއުރޯއިން ދަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެއިތުރުންވެސް، ތަޅުލާފައިވާ ތަންތަނާއި ބޯހިމެނިފައިނުވާ ފަރާތަކާއި ބިއުރޯގެ ފަރާތުން ގުޅުމުން ނުވަތަ ޒިޔާރަތްކުރުމުން ދޭ އެއްބާރުލުމަށް ރިއާޔަތްކޮށް، ބޯހިމެނުމުގެ މައުލޫމާތު ފުރިހަމަ ކުރުމަށް މިވަގުތު އެންމެ އެކަށީގެންވާ ގޮތަކީ އެފަރާތްތަކާއި ގުޅައިގެން މައުލޫމާތު ލިބެމުންދާ މިންވަރަކުން މައުލޫމާތު ނަގަމުން ގެންދިއުންކަމަށް، އާބާދީއާ ގުޅޭ ތަފާސްހިސާބުގެ މާހިރުން ލަފާދެއްވާފައިވާތީ، މިހާރުން ފެށިގެން ނޮވެންބަރު މަހުގެ 10ގެ ނިޔަލަށް ޕޯސްޓް އެނިއުމަރޭޝަން ކޮލިޓީ ވަޒަންކުރުމަށް، ބިއުރޯގެ ފަރާތުން ސަރވޭއެއްވެސް ކުރިއަށްގެންދާނެކަމަށް ބިއުރޯއިން ބުނެއެވެ. މިއީ ޔޫ.އެން.އެފް.ޕީ.އޭގެ ސަޕޯޓާއެކު ކުރެވޭ މަސައްކަތެކެވެ.

ބޯހިމެނުން ފުރިހަމަވާނީ ހުރިހާ ފަރުދުން ހިމެނިގެންކަމުން، ބޯހިމެނުމުގައި ކޮންމެ ފަރުދަކުވެސް ހިމެނުނުކަން ޔަގީންކުރުމަށް ބިއުރޯއިން އެދެއެވެ. އެހެންކަމުން މިހާތަނަށް ބޯހިމެނިފައިނުވާ ގޭބިސީތަކުން ބިއުރޯގެ ހޮޓްލައިން 1423 ނުވަތަ 3008400އަށް ގުޅައި، ނުވަތަ ވެބްސައިޓުގައިވާ ފޯމު ފުރިހަމަ ކުރުމަށް ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް