ކ. މާލެ
|
27 އޮކްޓޯބަރ 2022 | ބުރާސްފަތި 11:36
ނީލަ ކޯރަށް އުކާފައި ހުންނަ އެކި ކަހަލަ ކުނިބުނި ނަގާ، ސާފު ކުރުމުގެ މަސައްކަތް އޭނާ ކުރަނީ ފޫހިކަމެއް ނެތި
ނީލަ ކޯރު ސާފު ކުރުން
ނީލަ ކޯރު ސާފު ކުރުމުގެ މަސައްކަތުގައި ވަރުބަލިކަމެއް ނެތި އެއް ޢާއިލާއެއްގެ 3 ޖީލު
ފާއިތުވީ 4 އަހަރެއްހާ ދުވަހަށް ބަލާއިރު، ވެރީނައިލް އިނިޝިއޭޓިވް އިން ވަނީ 180 ޓަނުގެ ކުނި އެއްކޮށްފައި، އަދި 65 އެއްހާ މަސްވެރިންނަށް އިތުރު ވަޒީފާގެ ފުރުޞަތު ތަނަވަސް ކޮށްދީފައި
ކޯރުން ހޮވާ ކުނި އޭނާ ވިއްކަނީ ކިލޯއެއް، 14 މިޞްރު ޕައުންޑް ނުވަތަ 0.71 ޑޮލަރުގެ މަގުން
ނީލަ ކޯރުން ނަސަރު އެއްކުރާ ކުނިތައް، އޭނާ ގެންދަނީ ވެރީނައިލް އިނިޝިއޭޓިވްގެ ހެޑްކުއާޓަރަށް، އެތަނަށް ގޮސް، އޭނާ އެ ކުނި ވިއްކަނީ

މިޞްރުގެ ނީލަ ކޯރުގެ އެންމެ ހިތްގައިމު ހިސާބުތަކުން ހިސާބެއްގައި އޮންނަ ޤުރްސާޔާ އަވަށުގައި ދިރިއުޅެމުންދާ މުޙައްމަދު ނަސަރު، ކޮންމެ ދުވަހަކުވެސް ފަތިހު 05:00 ޖަހާއިރު، އެ އަވަށް ދޫކޮށް މަހަށް ފުރައެވެ.

ކޮންމެ ދުވަހަކުވެސް އެ ދުވަހަކު އެ ބޭނޭ މަސްކޮޅު ވިއްކާލުމަށްފަހު، އުމުރުން 59 އަހަރުގެ މަސްވެރިޔާ އަނެއްކާވެސް މިޞްރާބު ޖަހަނީ އޭނާގެ ބޯޓަށެވެ. އޭނާއަށް ދިރިއުޅުމުގެ މަގު ތަނަވަސްކޮށްދޭ މައިގަނޑު މަސްދަރު އަދި އަމިއްލަ ވަޒަން ކަމުގައި އޭނާ ދެކޭ ނީލަ ކޯރަށް އުކާފައި ހުންނަ އެކި ކަހަލަ ކުނިބުނި ނަގާ، ސާފު ކުރުމުގެ މަސައްކަތަށެވެ.

ބަދަލުގަ އެއްޗެއް ނުލިބުނަސް އަހަރެން ދާނެ ނީލަ ކޯރު ސާފު ކުރަން. އެއީ އަހަރެންގެ މުޅި ދިރިއުޅުންވިއްޔަ. ފެންނަހާ ކުންޏެއް އަހަރެން އަޅަނީ މި ބޯޓަށް. މި ބޯޓުގަ ހުންނާނެ ބޮޑެތި ގޯނި. ބާލިދީއާއި، ބޫޓާއި، ކޮތަޅާއި އެ ކަހަލަ ހުރިހާ އެއްޗެއް އަހަރެން އެއްކުރަން. އަހަރަމެން އެންމެން އެ މަސައްކަތް ކުރީމަ، ސަރަޙައްދު އޮންނަނީ ވަރަށް ސާފުކޮށް.
މުޙައްމަދު ނަސަރު؛ ނީލަ ކޯރު ސާފު ކުރާ މަސްވެރިއެއް

ނީލަ ކޯރުން ނަސަރު އެއްކުރާ ކުނިތައް، އޭނާ ގެންދަނީ ވެރީނައިލް އިނިޝިއޭޓިވްގެ ހެޑްކުއާޓަރަށެވެ. އެތަނަށް ގޮސް، އޭނާ އެ ކުނި ވިއްކަނީއެވެ. ކިލޯއެއް، 14 މިޞްރު ޕައުންޑް ނުވަތަ 0.71 ޑޮލަރުގެ މަގުންނެވެ. އެ ފައިސާއަކީ، 5 މެންބަރުގެ މައްޗަށް އެކުލެވޭ ނަސަރުގެ ޢާއިލާއަށް މިއަދު އިންތިހާ ބޭނުން ޖެހިފައިވާ އިތުރު އާމްދަނީއެކެވެ.

ނީލަ ކޯރު ސާފު ކުރަން މި ކުރާ މަސައްކަތުން މަށަށް ހިތް ހިމަޖެހުން ލިއްބައިދޭ. އެކަމުގެ ސަބަބުން، މަށަށް ތަނަވަސް ދިރިއުޅުމެއް ފަހިވެއްޖެ. މަސްވެރިކަން މާ ރަނގަޅު ނުވެފަ، މާ ބޮޑު ފައިދާއެއް ނުލިބި، މާ ގަދައަށް މަސައްކަތް ނުކުރެވިއްޖެނަމަ، އަހަރެން ދަނީ ޕްލާސްޓިކް ފުޅި ހޮވަން. އެ ފައިސާއިން އަހަރެންގެ ދަރިންނަށް އިތުރު އެހީތެރިކަމެއް ލިބޭ. ގޭތެރެވެސް ތަނަވަސްވޭ.
މުޙައްމަދު ނަސަރު؛ ނީލަ ކޯރު ސާފު ކުރާ މަސްވެރިއެއް

2018 ވަނަ އަހަރު ތަޢާރަފު ކުރި ވެރީނައިލް އިނިޝިއޭޓިވް އަކީ، ދެމެހެއްޓެނިވި ގޮތެއްގައި ނީލަ ކޯރު ސާފުކޮށް ބޭއްވުމުގެ އިތުރުން، މަސްވެރިންނަށް އިތުރު އާމްދަނީއެއް ލިބޭ ގޮތަށް، ކުނިބުނި އަލުން ބޭނުން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައި ފެށި މަޝްރޫއެކެވެ.

މީ އަހަރަމެންގެ ޤައުމެއް ނޫންތަ؟ މީ އަހަރަމެންގެ ނީލަ ކޯރެއް ނޫންތަ؟ އަހަރަމެންގެ ދިރިއުޅުން ގުޅިފައިވަނީ އެއާ. މަށާއި ދެންވެސް ހުރި މީހަކާ މިކަމަށް އަޅާ ނުލާ ދޫކޮށްލައިފީވިއްޔާ، މި ފެންގަނޑަށް އަހަރަމެންގެ މަސްދާތަކެއް ނޭއްލޭނެ. އަހަރަމެން ބޭނުންކުރާ ދާތަކަކީ ވަރަށް މަޑުއެއްޗެއް. ކުނިބުނި ހުރެއްޖީވިއްޔާ، އެ ދާގަނޑުތައް ފަޅަފަޅައިގެން ދާނެ. މަސްބާނާއިރު މަށަށް ވަރަށް ބޮޑު ޔަޤީންކަމެއް އޮވޭ... އެހެންޏަ! އަހަރެން މިތަން ސާފު ކުރަން ވިއްޔާ!
މުޙައްމަދު ނަސަރު؛ ނީލަ ކޯރު ސާފު ކުރާ މަސްވެރިއެއް

މިއަދު ނަސަރުގެ އިތުރުން، އޭނާއަށް ބޮޑު ބޭބެ ކިއާ ހަޔާމް މުޙައްމަދުއާއި އޭނާގެ ދަރިފުޅު ޔަހްޔާއަކީވެސް ވެރީނައިލް އިނިޝިއޭޓިވްގެ އެހީގައި ޢަބުރުވެރި ދިރިއުޅުމެއް ހޯދާފައިވާ، އެ މަޝްރޫއުގެ ބައިވެރިންނެވެ.

މީހަކާ އިނދެ، ދަރިން ލިބުނު ހިސާބުން ހިތަށް އަރަން ފެށީ އަހަރެންގެ ފިރިމީހާގެ މާލީ ޒިންމާތައް އިތުރުވެގެންދާނެ ވަރު. އެހެންވެ، މަސައްކަތެއް ކުރަން އަހަރެން ބޭނުންވީ. އަހަރެންގެ ޢާއިލާ ދިރިއުޅެމުންދާ ޤުރްސާޔާ އަވަށުން ބޭރުގަ މަސައްކަތް ކުރުމުގެ ފުރުޞަތެއް މަށަކަށް ނޯވޭ. ވަޒީފާތައް ހުރީ މާ ދުރު ހިސާބުތަކުގައި. ދަތުރުފަތުރު ކުރަން ޖެހޭ ހިސާބުތަކުގަ. މާ ގިނަ ތަންތަނަކަށް މަށަކަށް ނުދެވޭ. މި ވަޒީފާއަކީ ވަރަށް ރަނގަޅު ވަޒީފާއެއް. އަހަރަމެން ދިރި މި އުޅޭ ތަނުގަ އެބަ ވަޒީފާ އަދާ ކުރެވޭވިއްޔާ!
ހަޔާމް މުޙައްމަދު؛ ވެރީނައިލް އިނިޝިއޭޓިވްގެ މެންބަރެއް

ފާއިތުވީ 4 އަހަރެއްހާ ދުވަހަށް ބަލާއިރު، ވެރީނައިލް އިނިޝިއޭޓިވް އިން ވަނީ 180 ޓަނުގެ ކުނި އެއްކޮށްފައެވެ. އަދި 65 އެއްހާ މަސްވެރިންނަށް އިތުރު ވަޒީފާގެ ފުރުޞަތު ތަނަވަސް ކޮށްދީފައެވެ. އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތަކުން މަހުރޫމްވެފައިވާ ޤުރްސާޔާ އަވަށުގެ އަންހެނުންނަށް އުޖާލާ ދިރިއުޅުމެއް ހޯދާ ދިނުމުގެ ގޮތުން، ވެރީނައިލް އިނިޝިއޭޓިވްއިން ދަނީ ޕްލާސްޓިކް އަލުން ބޭނުން ކުރެވިދާނެ ގޮތްތައް ދަސްކޮށްދިނުމަށް، އަންހެނުންނަށް އަމާޒު ކޮށްގެން ވޯކްޝޮޕްތައްވެސް ހިންގަމުންނެވެ.

ޤުރްސާޔާ އަވަށަށް އައިސް، މަސްވެރިންނާ އެކީ މަސައްކަތް ކުރަން ފެށިއިރު، މި ރަށުގަ، އަންހެނުންނަށް އިސް ދައުރުތަކެއް ނެތުމުގެ މައްސަލަ ވަރަށް ބޮޑުވި. އަންހެނުން އައިސް އަހަރަމެން ގާތު އެތައް ފަހަރަކު އެދުނު، މަސްވެރިން ގޮތަށް، އެމީހުންވެސް މަސައްކަތު ނުކުންނަން. ކުނީގެ ގޮތުގައި އުކާލާފަ ހުންނަ ޕްލާސްޓިކް ކޮތަޅު ބޭނުންކޮށްގެން، އެކި ކަހަލަ ސާމާނު އުފައްދަން ދަސްކޮށްދޭ ވޯކްޝިޕްގެ ޚިޔާލު އައީ އެ ގޮތަށް.
ހާނީ ފަވްޒީ؛ ވެރީނައިލް އިނިޝިއޭޓިވްގެ މަސްވެރިންގެ މަޝްރޫއުގެ ވެރިޔާ

ނަސަރު ނީލަ ކޯރު ސާފު ކުރަމުން ދާ އިރު، ހަޔާމް މަސައްކަތް ކުރަމުން ދަނީ އަންހެނުންނަށް ހާއްސަ ވޯކްޝޮޕެއްގައެވެ. އުކާލާފައިވާ ޕްލާސްޓިކް ކޮތަޅު ބަންޑެލިތައް އިސްތިރި ކުރުމުގެ މަސައްކަތުގައެވެ. ހަޔާމްގެ 22 އަހަރުގެ ފިރިހެން ދަރިފުޅު ހަރަކާތްތެރިވަނީ ބޯޓު ފަލިޖެހުމުގައެވެ. އަދި ޕްލާސްޓިކް ފުޅިތައް އަލުން ބޭނުން ކުރުމަށް ހިންގާ ހަރަކާތުގައިވެސް އޭނާ ބައިވެރިވެއެވެ.

ފަލިޖަހައިގެން ބޯޓު ދުއްވާފަ، ޕްލާސްޓިކުން ފުރިފައިވާ ކޮތަޅުތައް ހިފައިގެން އަންނައިރު ޔަހްޔާ ހުންނަނީ ވަރަށް އުފަލުން. މި ވަޒީފާ ލިބުނީމާވެސް އޭނާ އެ ހުންނަނީ ވަރަށް އުފާވެފަ. ހައި ސްކޫލް ނިންމާފަ، ޔަހްޔާ ގަސްތު ކުރީ ޔުނިވަރސިޓީއަށް ނުދާން. އަހަރަމެންގެ ހާލަތު، އޭނާއަށް އެ ފުރުޞަތެއް ނުދިން. ޔަހްޔާ ބެލި ވަޒީފާއެއް ލިބޭތޯ. އެކަމަކު، އޭނަގެ ހާލަތު ހުރި ގޮތުން، އެއްވެސް މީހަކު އޭނާއަކަށް ވަޒީފާއެއް ނުދިން. މި ވަޒީފާ ލިބުނީމަ، އޭނަ ވަރަށް އުފާވި.
ހަޔާމް މުޙައްމަދު؛ ވެރީނައިލް އިނިޝިއޭޓިވްގެ މެންބަރެއް

ޕްލާސްޓިކް ވިއްކުމުގައި ނަސަރްއަށް އެންމެ ކާމިޔާބު ދުވަސްތަކަކީ ހަފުތާ ބަންދުގެ ދުވަސްތަކެވެ. އެއީ ހަފުތާ ބަންދާ ދިމާކޮށް ނީލަށް ކޯރަށް ވަންނަ ބޮޑެތި ބޯޓުފަހަރާއި، ކައިވެނީގެ މާލަންތަކުން އުކާލާ ކުނިބުނީގެ ޢަދަދު، ހަފުތާ ބަންދުގައި އިތުރުވާތީއެވެ.

ހަފުތާ ބަންދުން ދުވަހެއްގައި، ދުވާލެއްގެ  މައްޗަށް 70 ކިލޯގްރާމްގެ ހުސްފުޅި އެއްކުރެވެއެވެ. ހަފުތާގެ އެހެން ދުވަސްތަކުގައި އެއް ކުރެވެނީ ގާތްގަނޑަކަށް 20 ކިލޯގްރާމްގެ ފުޅިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް