ޤާނޫނާއި ޚިލާފަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް ބޮޑުލާރިއެއްގައިވެސް ޖެހިވަޑައި ނުގަންނަވާނެ ކަމުގެ ފުރިހަމަ ޔާޤީންކަން އޮތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި، ރައީސް މައުމޫންގެ ބަޔާނެއް ނެގުމަށް އޭސީސީން އެދުމާއި ގުޅިގެން، ރާއްޖެޓީވީ އާއި ވާހަކަފުޅު ދައްކަވަމުން، ޤާސިމް ވިދާޅުވީ، 2008 ގެ ކުރިން އޮތް ޤާނޫނުއަސާސީއަށް ބަލާއިރު، ތީމުގޭގެ އޯޑިޓާއި ގުޅޭ ކަމެއްގައި ރައީސް މައުމޫން ޒިންމާވެވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ފައިނޭންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޤާސިމް ވިދަޅުވީ، އޭރު ޤާނޫނު އޮތް ގޮތުން، ތީމުގޭގެ އޯޑިޓާއި ގުޅޭގޮތުން ސުވާލުކުރާނަމަ ކުރަންޖެހޭނީ އެހެން ފަރާތްތަކަކާއި ކަމަށެވެ.
ޤާސިމް ވިދާޅުވީ، ތީމުގޭގެ އޯޑިޓް ރިޕޯޓަކީ ވަރަށް ކުރިން ނުކުތް އެއްޗެއް ކަމަށާ، އެއާއި ގުޅިގެން މީގެ ކުރީގެ ސަރުކާރުތަކުގައިވެސް ރައީސް މައުމޫނާއި ސުވާލުކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އޭސީސީން ބަލަމުންދާ މައްސަލައިގެ ސައްހަކަމެއް އޮތްކަމަށް ދެކިނުލައްވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ، ރައީސް މައުމޫނަކީ ޚިޔާނާތްތެރި ބޭފުޅެއްކަމަށް ދިވެހި ރައްޔިތުން ޤަބޫލުކުރާ ކަމަށް ދެކިނުލައްވާ ކަމަށެވެ. އެގޮތުން ޤާސިމް ފައިނޭންސް މިނިސްޓަރު ކަމުގައި ހުންނެވިއިރު، ސަރުކާރަށް ވަރަށް ބޮޑަށް ބާރު ބޮޑުވެގެން ދިޔަ ކަމަށާ، އަދި އެދުވަސްވަރު ސަރުކާރުގެ ޚަރަދުތައްވެސް ވެސް ވަރަށް ބޮޑަށް ބޮޑުވެގެން ދިޔަ ކަމަށެވެ.
ނަމަވެސް އެކަން އެހެން ވެގެން ދިޔަ ނަމަވެސް، ދުވަހަކުވެސް ވަކި ގޮތަކަށް ވަކިކަމެއް ކުރެއްވުމަށް ރައީސް މައުމޫން ވިދާޅުވެފައި ނުވާކަމަށް ޤާސިމް ވިދާޅުވިއެވެ.
ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންވެސް އޭސީސީ އަށާއި ޕޮލިހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ.
ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވީ ސާފް ޗެމްޕިއަންޝިޕު ބެއްލެވުމަށް 2008 ވަނަ އަހަރު ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ހިންގި ކަމަށް ބުނާ ހަރަދުތައް ހޯދުމަށެވެ. ނަމަވެސް، ޕީޖީ އޮފީހުން ނިންމާފައިވަނީ ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައި އޮތުމުން އެ މައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށެވެ. ގާނޫނުލް އުގޫބާތުގެ 61 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށްތަކަށް ދައުވާ ކުރަން ޖެހޭނީ ކުށްކުރާ ވަގުތުން ފެށިގެން އަށް އަހަރުގެ ތެރޭގައެވެ. ޖުނަހުގެ ކުށްތަކުގައި ދައުވާ ކުރަން ޖެހޭނީ ތިން އަހަރުގެ ތެރޭގައެވެ.