Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2022 | ބުދަ 06:00
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޕްރޮޖެކްޓް ކޯޑިނޭޓަރ މަރިޔަމް އަޖްފާން
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޕްރޮޖެކްޓް ކޯޑިނޭޓަރ މަރިޔަމް އަޖްފާން
ރާއްޖެއެމްވީ
އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022
އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި 32 އެސްއޯއީ ބައިވެރިވާނެ ކަމަށް ބެލެވޭ: ޓްރާންސްޕޭރެންސީގެ ޕްރޮޖެކްޓް ކޯޑިނޭޓަރ
ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30ން 31ށް ބަނޑޮސް މޯލްޑިވްސްގައި

މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022 ގައި 32 އެސްއޯއީ ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޕްރޮޖެކްޓް ކޯޑިނޭޓަރ މަރިޔަމް އަޖްފާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އަޖްފާން ވިދާޅުވީ މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30ން 31ށް ބަނޑޮސް މޯލްޑިވްސްގައި ކަމަށެވެ.

ކޮންފަރެންސްގެ ފުރަތަމަ ދުވަހު ދިމާވާ އެކި ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލާނެ ކަމަށާއި ދެވަނަ ދުވަހު އެކަންތައްތައް ހައްލު ކުރުމަށް ނުވަތަ ޖަވާބުދާރީ ކުރުވުމަށް ކުރާނެ ކަންތައްތަކުގެ މައްޗަށް މަޝްވަރާ ކުރެވިގެންދާނެ ކަމަށް އަޖްފާން ވިދާޅުވިއެވެ.

މި ކޮންފަރެންސްގެ ތެރެއިން ހެޔޮ ހިންގުމުގެ ނިޒާމެއްގެ ތެރެއިން އެސް.އޯ.އީތަކުގައި ހުރި ކޮރަޕްޝަންގެ ރިސްކުތައް ނައްތާލުމަށް ކުރެވޭނެ ކަންކަމާ، މަޢުލޫމާތު ސިއްރުކުރުމުގެ ސަޤާފަތް ދޫކޮށްލާ، ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުންފުނިތަކުގެ ހިންގުން ރޭވުމާއި، ޖަވާބުދާރީ ކުރެވޭނެ މެކޭނިޒަމްތައް ޤާއިމުކުރުމާގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ވެސް އަޖްފާން ވިދާޅުވިއެވެ.

Advertisement

މި ކޮންފަރެންސްއަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އެންޓި ކޮރަޕްޝަނުން ކޮމިޝަނުން ބާއްވާ ކޮންފަރެންސަކަށްވާއިރު މި އަހަރު ކޮންފަރެންސް ބާއްވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެންނެވެ.

ސަރުކާރު ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާގުޅޭގޮތުންވެސް ކޮންފަރެންސްގެ ތެރެއިން ޚިޔާލުބަދަލުކޮށް މަޝްވަރާކުރެވޭނެއެވެ.

މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022 ގެ ތީމެއްގެގޮތުގައި އޭ.ސީ.ސީން ކަނޑައަޅާފައިވަނީ "ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނަޒާހާތްތެރިކަން" މިއެވެ.

ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ، އެސް.އޯ.އީތަކާގުޅުންހުރި އެކި މުއައްސަސާތައް އެއް ތަނަކުން ބައްދަލުވެ، އެސް.އޯ.އީތަކުގެ ހިންގުމުގެ އޮނިގަނޑުގައި ހުރި މައްސަލަތަކާ، އެސް.އޯ.އީތަކާގުޅޭގޮތުން ހުރި ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކުރުމަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް