ދަތުރުމަތީގައި އުޅުއްވަނިކޮށް ޕާސްޕޯޓް ކެންސަލް ކުރުމާ ގުޅިގެން ލަންޑަންގެ ގެޓްވިކް އެއާޕޯޓްގައި ބަންދުކުރި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރު، މިނިވަންވެގެން ލަންޑަނަށް އެތެރެވެވަޑައިގެންފިއެވެ.
ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، އަންގާރަ ދުވަހުގެ ރޭ ލަންޑަނަށް ވަޑައިގަތުމަށް އިޓަލީއިން ފުރާވަޑައިގެންނެވިއިރުވެސް ޕާސްޕޯޓް ކެންސަލް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް 2 ގަޑިއިރެއްހާއިރުގެ ދަތުރަށްފަހު ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ޑިޕްލޮމެޓިކް ޕާސްޕޯޓާއި، އޯޑިނަރީ ޕާސްޕޯޓްވެސް ކެންސަލް ކޮށްފައިވާ ކަމަށެވެ.
ޕާސްޕޯޓް ކެންސަލްކޮށްފައި އޮތުމުގެ ސަބަބުން 15 ގަޑިއިރަށް ގެޓްވިކް އެއާޕޯޓްގައި ޖާބިރު ބަންދުކުރި ނަމަވެސް މިހާރު މިނިވަންވެފައިވާ ކަމަށާ، މިހާރު ހުންނެވީވެސް ލަންޑަންގައި ކަމަށް ޖާބިރު ވިދާޅުވިއެވެ.
ލަންޑަންގައި ހުންނެވި ކަމަށް ޖާބިރު ވިދާޅުވި ނަމަވެސް، ޕާސްޕޯޓް ކެންސަލް ކޮށްފައިވަނިކޮށް ލަންޑަންއަށް އެތެރެވެވަޑައިގަތީ ކިހިނެއްކަން ވިދާޅެއް ނުވެ އެވެ.
މިނިވަން ވެވަޑައިގަތުމަށްފަހު ކުރެއްވި ޓްވީޓެއްގައި ޖާބިރު ވިދާޅުވީ، ވަގުތުކޮޅަކަށް އެބޭފުޅާ އެކަހެރިކޮށް، ނުކިއްސަރު ފިޔަވަޅެއް އަޅުއްވަން ރައީސް ޔާމީން މަސައްކަތް ކުރެއްވި ކަމަށާ، ނަމަވެސް އެކަން ވީ ފެއިލް ކަމަށެވެ.
Vaguthukolhakah alhugandu ekaherikoh nukissaru fiyavalheh alhan RYamin masakkaikuri, namaves v fail. Shukuriyya emmehaa lobuvethi rayyithun!
— Abdulla jabir (@chairmanjabir) June 21, 2017
ޖާބިރު ވިދާޅުވީ އެބޭފުޅާގެ ޕާސްޕޯޓް މިފަދައިން ކެންސަލް ކުރި މައްސަލައިގައި ޒިންމާވާ ފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރުގެ ޕާސްޕޯޓް ކެންސަލްކޮށްފައިވަނީ، ޖާބިރާއި ގުޅޭ މައްސަލައެއް ފުލުހުން ބަލަމުންދާތީ، ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓައިދިނުމަށް ފުލުހުން އެދިފައިވާތީއެވެ.