ކުރިއަށް އޮތީ އީދު ބަންދު ކަމަށްވުމާއެކު އާންމުކޮށް ފަސޭހައިން ފެތުރޭ ބަލިތައް ކަމަށްވާ މަދިރިއާއި ރޯގާއާއި ބޭރަށް ހިންގުމުން ސަލާމަތްވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އެޖެންސީއިން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް އީދު ބަންދަކީ ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކޮށް އަދި އީދުގެ ހަރަކާތްތަކަށް ގިނަބަޔަކު އެއްތަނަކަށް އެއްވާ ދުވަސްވަރެއްކަމަށެވެ. އެހެން ކަމުން ބޭނުންކުރާ ކާބޯތަކެތި ރައްކާތެރިކަމާއެކު ބޭނުން ކުރުމަށާއި ގައިންގަޔަށް ފަސޭހައިން އަރާ ބަލިތަކަށް ސަމާލުވެ މިފަދަ ކަންކަމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެ އެވެ. އަދި ޑެންގީ އާއި ރޯގާއާއި ބޭރަށް ހިންގުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ސަމާލުވުމުގެ ގޮތުން ކުރެވިދާނެ ކަންކަން ވެސް ވަނީ ހާމަކޮށްފަ އެވެ.
މަދިރިހެފުމުން ރައްކާތެރިވުމަށް:
- ނިވާވުން: މަދިރި ހެފުމަށް ރައްކާތެރިވުމަށް ވީހާ ބޮޑަކަށް ހަށިގަނޑު ނިވާވާގޮތަށް ގަޔަށް ދޫ ހެދުމެއް ބޭނުންކުރުން.
- ގެއާއި ދިރިއުޅޭ މާހައުލުގެ ތެރެއަށް މަދިރި ވަނަ ނުދިނުމަށްޓަކައި ކުޑަދޮރާއި ފެންލައިޓް ފަދަ ތަންތަނުގައި ދާ ޖަހާފައި ބެހެއްޓުން.
- ހެނދުނު އަދި އިރުއޮއްސޭ ގަޑީގައި ޚާއްސަކޮށް މަދިރިން ރައްކާތެރިވުމަށް ކުޑަދޮރުތައް ލެއްޕުމާއި އެހެނިހެން ފިޔަވަޅު އެޅުން.
- މަދިރި ލޯޝަން ބޭނުންކުރުން.
އަރިދަފުސްރޯގާ އާއި ވައިރަލް ހުމުން ސަލާމަތްވުމަށް:
- އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާއިރުގައާއި ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް ބޭނުންކުރުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން.'
- އާންމު ސާފުތާހިރުކަމަށް ޚާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުންފަދަ ކަންތައްތަކަށް ޚާއްސަ ސަމާލުކަން ދިނުން.
- ރޯގާޖެހި ކެއްސާނަމަ މީހުން އުޅޭ ތަންތަނަށް ދިއުން މަދުކުރުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
- ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމާއި އުރާ ނުހެދުން.
ބޭރަށްހިންގުމުން ސަލާމަތްވުމަށް:
- ބޯން ބޭނުންކުރާ ފެން ކްލޮރިނޭޓްކޮށްގެން ނުވަތަ ކައްކައިގެން ބޭނުންކުރުން، އަދި ވާރޭފެން ނަގާނަމަ ފުރާޅު ރަނގަޅުކޮށް ސާފުކޮށްފައި ފެންނެގުން.
- ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި އަދި ރޯމޭވާއާއި ތަރުކާރީވެސް ރަނގަޅަށް ދޮވެގެން ބޭނުންކުރުން.
- ކެއުމުގެ ކުރީންނާއި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން އަދި ޚާއްސަކޮށް ފާޚާނާކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން.
- ކުޑަކުދީންގެ ނެޕީ ބަދަލުކުރުމަށްފަހުގައިވެސް އަތްދޮވުމާއި އަދި ޚާއްސަކޮށް ބޭނުންކޮށްފައިވާ ނެޕީ ރައްކާތެރިގޮތުގައި ނައްތާލުން.
- ކާބޯތަކެތީގައި މެހި ނުޖައްސާހެން މަތިޖަހާފައި ބެހެއްޓުން، އަދި ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނެހެން ބެހެއްޓުން.